މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން 1 ނޮވެމްބަރު 2020ގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

އެމްޑީޕީން މަޖިލީހުގެ ކޮމިޓީތައް ވެސް ހުއްޓުވައިފި

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ގޮތުގައި، ނަޝީދުގެ މައްސަލަ ނުނިންމައި އިތުރު ކަމެއް ނުކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނުނިންމާ އޮތުމުން، މަޖިލީހުގެ ކޮމިޓީތަައް ވެސް ކުރިއަށް ނުގެންދިއުމަށް، މަޖިލީހުގެ އަގުލަބިއްޔަތު އޮތް އަދި ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕގެ ޕީޖީން މިގޮތަށް ނިންމާފައިވާކަން ހާމަކުރެއްވީ، މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ދެކޭ ގޮތުގައި، [ބަޖެޓު] ބަޔާން އިއްވުނަަސް، މަޖިލީހުގައި މިކަންކަމަށް [ނަޝީދު ވަކިކުރުުގެ މައްސަލަ]އަށް ހައްލެއް ލިބިގެން ނޫން ގޮތަކަށް މަޖިލީހުގެ ކޮމިޓީތައް ވެސް ކުރިއަށް ގެންދެވޭކަށް ނެތް. އަޅުގަނޑުމެން ގަބޫލު ކުރަނީ، މަޖިލީހުގެ އެއްެވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ މި ކަމަށް ގޮތެއް ނިންމައިގެން [ކަމަށް]،" އަސްލަމް ވިދާޅުވި އެވެ.

"އެހެންވީމަ، މިކަމަށް ގޮތެއް ނިންމައިގެން އަޅުގަނޑުމެންގެ އެއްބާރުލުމެއް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރުމަށް ދެވެން އޮތީ. އެއީ އަޅުގަނޑުމެން ނަގާފައިވާ ސްޓޭންޑް."

ތަފްސީލު - އަސްލަމް އެގޮތަށް ވިދާޅުވުމުން، ކޮމިޓީތައް ދެން ނުބޭއްވުމަށް އެމްޑީޕީން ނިންމީތޯ 'ދައުރު'ން ސުވާލު ކުރުމުން އަސްލަމް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ސްޓޭންޑަކީ ނަޝީދުގެ މައްސަލަ ނުނިންމައި މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމެވެ

"އެހެންވީމަ، ކޮމިޓީތައް ކުރިއަށް ގެންދިއުމަށް ވެސް އެމްޑީޕީގެ ޕީޖީގެ ފަރާތުން އެއްބާރުލުން ނުދޭނަން، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނުނިމެނީސް،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީން ކޮމިޓީތައް ހުއްޓުވިއިރު، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅަން ޖެހޭ ބަޖެޓު ހުށަހެޅުމަށް ބޭއްވި ޖަލްސާ ވެސް އެމްޑީޕީން ވަނީ ހުއްޓުވާފަ އެވެ.

އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ (ފޮޓޯ/އަސްލަމް)

ފާހަގަކޮށްލެވޭ ކަމެއް - ސާފު އަގުލަބިއްޔަތަކާ އެކު އެމްޑީޕީގެ 55 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު، ހުރިހާ ކޮމިޓީއެއްގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށެވެ. މި ހަފްތާގެ ކޮމިޓީތައް ތާވަލްކުރި ނަމަވެސް، އެންމެ ކޮމިޓީއެއް ފިޔަވައި އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް ވެސް ނުބާއްވަ އެވެ. މި ހަފްތާގައި ބޭއްވި ހަމައެކަނި ކޮމިޓީ އަކީ ޖުޑީޝަރީ ކޮމިޓީ އެވެ.

ނަޝީދުގެ މައްސަލަ ކުރުކޮށް:

  • ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވި ނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ސަލާމުގައި ހުންނެވުމުން

  • މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވަނީ ނައިބު ރައީސް؛ އާމީން އާންމުގެ ނިންމެވުމަކީ ގަވައިދުގައި އެހެން އޮތުމުން، އީވާ ނޫން ބޭފުޅަކަށް މި މައްސަލައިގައި ރިޔާސަތު ނުބެެލެހެއްޓޭނެ

  • މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ ވެސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ތާވަލްކުރި ނަމަވެސް، އީވާ ސަލާމުގައި ހުންނެވުމުން އެ ޖަލްސާތައް ނުބޭއްވުނު؛ މިހާރު އެ މައްސަލަ އެޖެންޑާކޮށްފައިވަނީ މާދަމާގެ ޖަލްސާއަށް

  • އަމީންއާންމުގެ ނިންމެވުން ގަބޫލުނުކޮށް، އެމްޑީޕީން ވަނީ އެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި

ުރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ގުޅުން ހުރި ކަމެއް - އެމްޑީޕީން ދެކޭ ގޮތުގައި، ނަޝީދުގެ މައްސަލަ ނުނިންމައި މި މަހުގެ 17ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުން ވެސް ސައްހައެއް ނުވާނެ އެވެ. މަޖިލީހުގެ ޖަލްސާއެއްގައި އިންތިހާބީ ރައީސް ހުވާކުރައްވަން ޖެހިވަޑައިގަންނަވާއިރު، އެ ޖަލްސާއަށް އެއްބާރުލުން ނުދޭން ވެސް އެމްޑީޕީން އޮތީ ނިންމާފަ އެވެ.

އަސްލަމް މިއަދު ވިދާޅުވީ އެ ޖަލްސާއަށް އެއްބާރުލުން ނުދިން ނަަމަވެެސް، އެ ރަސްމިއްޔާތައް ހުރަސް އެޅުމުގެ ވިސްނުމެއް އެމްޑީޕީގެ ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް