މަޖިލީހުގައި އެމްޑީޕީގެ މެންބަރުން މިއަދު އިހުތިޖާޖު ކުރަނީ. (ފޮޓޯ/މަޖިލީސް)

މަޖިލީހުގެ ޖަލްސާ ފަށަން އެމްޑީޕީން ހުރަސްއަޅައި ހަމަނުޖެހުން ހިންގައިފި

އީވާ ސަލާމުގައި ހުންނެވުމުން ނަޝީދުގެ މައްސަލަ މާދަމާއަށް ފަސްކޮށް، މިއަދަށް ތާވަލުކޮށްފައި އޮތީ ބަޖެޓު ހުށަހެޅުން؛ މިނިސްޓަރު އަމީރު ވަނީ ބަޖެޓް ހުށަހަޅުއްވަން މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވަން ނިންމަވާފައި
31 އޮކްޓޯބަރު 2023

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރު އިތުރަށް ހިނގާ ހަރަދުތައް ހިމެނޭ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު ބާއްވާން ތާވަލުކޮށްފައި އޮތް މަޖިލީހުގެ ޖަލްސާ ފެށިޔަ ނުދީ އެމްޑީޕީގެ މެމްބަރުން މަޖިލިސް ކުރާ ގޭގެ ތަޅުމުގައި އިހުތިޖާޖުކޮށް، ރިޔާސަތުގެ މޭޒުދޮށުގައި ހަމަނުޖެހުން ހިންގައިފި އެވެ.

އެނގުން މުހިންމު - މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، އެ ގަރާރު ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މާދަމާއަށް ފަސްކޮށް، ބަޖެޓް ހުށަހެޅުމަށް މިއަދަށް ތާވަލްކޮށްފައިވާ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވާނެކަން ސަރުކާރުން ވަނީ ރޭ ހާމަކޮށްފަ އެވެ.

އެމްޑީޕީން ރޭ ވަނީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި، ބަޖެޓުގެ ކުރިން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ހިމަނައިދިނުމަށް މަޖިލީހުގެ އިދާރާގައި އެދިފަ އެވެ.

ވީ ކިހިނެއް؟ - އަމީރު ބަޖެޓް ހުށަހަޅުއްވަން މަޖިލީހަށް ވަޑައިނުގެންނެވިޔަސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ނެތް ހާލަތުގައި އާންމުކޮށް ރިޔާސަތު ބަލަހައްޓަވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ފައްޓަވަން މިއަދު ހެނދުނު 9 ޖެހިއިރު މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް، އެމްޑީޕީގެ މެމްބަރުން ވަނީ ރިޔާސަތު މޭޒުދޮށަށް ވަޑައިގެން، އެ ތަނުގައި އިހުތިޖާޖުކޮށް، ހަމަނުޖެހުން ހިންގާފަ އެވެ. ތާޅަފިލި ފުމޭ އަޑު ވެސް އޭރު އިވެ އެވެ.

ތަފްސީލް - މަޖިލީހުގެ އިދާރާ އިން އާންމުކޮށްފައިވާ ލައިވް އިން ފެންނަ ގޮތުގައި:

  • ރިޔާސަތު މޭޒު ދޮށަށް ފުރަތަމަ ވަޑައިގަތީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު 

  • އޭނާ ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމުން، އެ ގޮނޑިން އޭނާ ނެންގެވުމަށް އަފީފް މަސައްކަތް ކުރައްވާ

  • އެ ވަގުތު އެ ދެ ބޭފުޅުންގެ ދެމެދުގައި ހަމަނުޖެހުން ހިންގާ؛ ނިހާދު ވަނީ ރިޔާސަތު މޭޒުމަތީގައި ހުރި ކަރުދާސްތަކެއް ވެސް އުކާލައްވާފައި

  • އެ ވަގުތު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރިޔާސަތު މޭޒު ކައިރިއަށް ވަޑައިގެން، އަފީފްއާ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު، އެ ދެ ބޭފުޅުން އެކީގައި އެ ތަނުން ދުރަށް ވަޑައިގަންނަވާ

މަޖިލީހުގެ އިދާރާ އިން އާންމުކުރާ ލައިވް ފީޑް މިހާރު ކަނޑާލާފައި ވާއިރު، މަޖިލީހުގެ ޖަލްސާ ދެން ކުރިއަށް ގެންދެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައި ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިންމާ ނަމަ، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށެވެ. އެގޮތުން، ނަޝީދުގެ މައްސަލަ ނުނިންމައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމަށް މަޖިލީހުގެ ޖަލްސާ ބޭއްވިދާނެ ކަމާ މެދު ވެސް އެމްޑީޕީން ވަނީ ސުވާލު އުފައްދައިފަ އެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލައިގައި ޖަލްސާ ބޭއްވޭނޭ މަގެއް ހޯދުމަށް އެމްޑީޕީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. މައްސަލަ ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް