ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮޓޯ | މަޖިލިސް

ބަޖެޓް 2024

ފިނޭންސް މިނިސްޓަރު އަމީރު ބަޖެޓް ހުށަހަޅުއްވަން މަޖިލީހަށް ވަޑައިނުގަންނަވަން ނިންމަވައިފި

މިނިސްޓަރު އެގޮތަށް ނިންމެވި ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން މަސައްކަތެއް ކުރުމަށް ޖަލްސާތައް ނުބޭއްވޭނޭ ކަމަށް އޭޖީ ލަފާދެއްވުމުން
31 އޮކްޓޯބަރު 2023

ބަޖެޓް ހުށަހެޅުމަށް މާއްދަމާއަށް ތާވަލްކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވާނޭކަން ސަރުކާރުން ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ސްޕޯސްޕާސަން މިއުވާން މުހައްމަދު މިރޭ 'ދައުރު'އަށް ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ބާއްވާ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އަމީރު ވަޑައިނުގަންނަވަން ނިންމެވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށް ފަހު އެކަން ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެޓާނީ ޖެނެރަލްގެ ފަރާތުން ގާނޫނީ ލަފާ ލިބިފައި ވާތީ އެވެ. 

"މިނިސްޓަރު އަމީރު މާދަން މަޖިލީހަށް ވަޑައިގެން ބަޖެޓް ހުށަނާޅުއްވަން ވަނީ ނިންމަވާފައި. މަޖިލީހުގެ ރައީސްގެ މައްޗަށް މިހާރު ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ ދެން އެހެން މަސައްކަތަކަށް ޖަލްސާއެއް ނުބޭއްވޭނޭ ކަމަށް އޭޖީގެ ފަރާތްޕުޅުން ލަފާލިބިގެން މިނިސްޓަރު އެގޮތަށް އަމަލު ކުރައްވަނީ،" މިއުވާން ވިދާޅުވި އެވެ. 

ނަޝީދުގެ އިތުބާރުގެ މައްސަލަ ޕާކްކޮށްލުމަށް ފަހު މާދަމާ ހެނދުނު 9 ޖަހާއިރު ބާއްވާ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ސަޕްލިމަންޓްރީ ބަޖެޓާއި ދައުލަތުގެ ބަޖެޓްގެ ހުށަހެޅުން އެކަންޏެވެ. 

ފާހަގަކޮށްލެވޭ - ބަޖެޓް ހުށަހަޅުއްވަން ޖެހެނީ ފިނޭންސް މިނިސްޓަރު މަޖިލީހުގެ ތަޅުމަށް ހާޒިރުވެ އެވެ. އެގޮތުން ގައުމުގެ އިގްތިސާދުގެ ހާލަތާއި ބަޖެޓުގެ ހުލާސާ ހިމެނޭ ގޮތުން މިނިސްޓަރު ބަޖެޓް ބަޔާން މަޖިލީހަށް ދެއްވަން ޖެހެ އެވެ.

މައްސަލަ ކުރުކޮށް:

  • ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ސަލާމުގައި ހުންނެވުމުން

  • މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ ނައިބު ރައީސް 

  • މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ ވެސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި ތާވަލްކުރި ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން އެ ޖަލްސާތައް ނުބޭއްވުނު

  • އެމްޑީޕީއިން ދެކޭ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު މަޖިލީހުގެ އެހެން މަސައްކަތެއް ކުރުމަށް ޖަލްސާއެއް ބޭއްވޭނީ އެ މައްސަލަ ގޮތަކަށް ނިންމުމަށް ފަހު

އެނގުން މުހިންމު - ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައި ވަނީ ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުނިންމާ ނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށެވެ. އެގޮތުން ނަޝީދުގެ މައްސަލަ ނުނިންމާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމަށް މަޖިލީހުގެ ޖަލްސާ ބޭއްވިދާނެ ކަމާ މެދު ވެސް އެމްޑީޕީއިން ވަނީ ސުވާލު އުފައްދައިފަ އެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލައިގައި ޖަލްސާ ބޭއްވޭނޭ މަގެއް ހޯދުމަށް އެމްޑީޕީއިން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. މައްސަލަ ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް