ފަލަސްތީނަށް އެހީވާން އެމްޕީއެލް އިން ދޭ އެހީގެ ރަމްޒީ ޗެކު އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ހަވާލުކުރައްވަނީ (ފޮޓޯ/އެމްޕީއެލް)
އެމްޕީއެލްއިން، ގާޒާއަށް އެހީވާން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި
އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން އެމްޕީއެލްއިން ބައި މިލިއަން ރުފިޔާ، ރާއްޖޭގެ ދެ ފަންޑަކަށް މިއަދު ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޕީއެލް އާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ މި އެހީ ހަވާލުކުރީ:
-
މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހިންގާ 'ފަލަސްތީން ރިލީފް ފަންޑް'
-
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ 'ގާޒާ އެމަޖެންސީ ރިލީފް ފަންޑު
ތަފްސީލު - އެމްޕީއެލްއިން މިއަދު ބުނީ އެ ދެ ފަނޑަށް ޖުމްލަ 565،000ރ. ހަދިޔާކުރި ކަމަށެވެ.
"އެމްޕީއެލް އާއި މި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާކުރީ އިޒްރޭލުން ގާޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށެވެ،" އެ ކުންފުނިން މީޑިއާތަކަށް ފޮނުވި ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ:
-
ފަލަސްތީނަށް އެހީވުމުގެ ގޮތުން އެމްޕީއެލްގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮށިތައް ބަހައްޓަން ވެސް ވަނީ ނިންމާފައި
-
ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގާ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ
ފަސްމަންޒަރު - މި މަހު ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން މެދުކެނޑުމެއް ނެތި ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި:
-
3،000އަށް ވުރެ ގިނަ ކުޑަކުދިން
-
2،000އަށް ވުރެ ގިނަ އަންހެނުން