މަކުނުދޫގައި އެއްޗެއް ގޮވައި ބަޔަކު މަރުވުމާ ގުޅިގެން އެ ރަށު މީހުން އެ ސަރަހައްދަށް އެއްވެފައި. (ދައުރު ފޮޓޯ)

މަކުނުދޫ ގޮވުމުގައި މަރުވި 2 މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

ހޮނިހިރު ދުވަހުގެ ހަވީރު މަކުނުދޫ ބަނދަރު ސަރަހައްދުގައި ހުރި ދެ ގޭސް ސިލިންޑަރު ގޮވައި މަރުވީ، އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ކުރަން ގޮސް އުޅުނު އިންޑިއާގެ ދެ މީހުން
25 އޮކްޓޯބަރު 2023

ހދ. މަކުނުދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ދެ ގޭސްފުޅި ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު، އެ މީހުންގެ ގައުމު ކަމަށްވާ އިންޑިއާއަށް އިއްޔެ ފޮނުވާލައިފި އެވެ.

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހުގެ ހަވީރު މަކުނުދޫ ބަނދަރު ސަރަހައްދުގައި ހުރި ދެ ގޭސް ސިލިންޑަރު ގޮވައި މަރުވީ، އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ކުރަން ގޮސް އުޅުނު އިންޑިއާގެ ދެ މީހުންނެވެ. އެގޮތުން:

  • އެ ހާދިސާގައި އެ މީހުންގެ ހަށިގަނޑުގެ ބައިތައް އެތައް ފޫޓު ދުރަށް ބުރައިގެން ދިޔަ

  • ގޮވުމުގެ އަޑާ އެކު، މުޅި ރަށަށް ގުޑުން އެރި؛ އެހެންވެ، މިހާރު ޔަގީންވާ ގޮތުން އެހާ ބާރުގަދަ ގޮވުމަކަށް ވީ ދެ ގޭސްފުޅި އެކުގައި ގޮވުމުން

ތަފްސީލް - އެ ދެ މީހުންގެ ހަށިގަނޑު ޖެހިގެން އައި ދުވަހު މާލެ ގެނެސްފައި ވާއިރު، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ ދެ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އިއްޔެ ވަނީ އިންޑިއާއަށް ފޮނުވާލާފަ އެވެ.

ނަމަވެސް، އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެނގުން މުހިންމު - މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ކުރިން 'ދައުރު'އަށް ވިދާޅުވެފައިވާ ގޮތުގައި، ގޮވި ކަމަށް ކުރިން ބެލެވުނީ އެންމެ ގޭސްފުޅިއެއް ނަމަވެސް، މިހާރު ޔަގީންވެފައިވާ ގޮތުން އެ ތަނުގައި ދެ ގޭސްފުޅިއެއް ހުއްޓެވެ. އެއީ އާދައިގެ ގޭސް ސިލިންޑަރަކާއި ވެލްޑިން ކުރާއިރު ބޭނުންކުރާ ޒާތުގެ ސިލިންޑަރެކެވެ. 

ގޭސްފުޅިތައް ގޮވި ވަގުތު ބަނދަރުމަތިން މީހަކު ފެންނަން ނެތް ނަމަވެސް، އެ ތަނާ 500 ފޫޓެއްހާ ދުރުގައި ހުންނަ ކެފޭއާ ހަމައަށް ދަގަނޑުކޮޅުތައް ބުރައިގެން ދިޔަ އެވެ. އަދި ކެފޭގައި އިން މީހެއްގެ އަތަށް ކުޑަ އަނިޔާއެއްވި އިރު ކެފޭއަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް