މަކުނުދޫގައި އެއްޗެއް ގޮވައި ބަޔަކު މަރުވުމާ ގުޅިގެން އެ ރަށު މީހުން އެ ސަރަހައްދަށް އެއްވެފައި. (ދައުރު ފޮޓޯ)

ހދ. މަކުނުދޫ

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި 2 މީހަކު މަރުވެއްޖެ

ގޮވާފައި ވަނީ ނަރުދަމާގެ މަސައްކަތަށް ގެންގޮސްފައިވާ ތަކެތި ގުދަންކޮށްފައިވާ ތަނެއްގެ ބޭރުގައި ހުރި ގޭސް ސިލިންޑަރެއް؛ މަރުވެފައި ވަނީ އެ ތަނުގެ ކައިރީގައި ތިބި، އެއާޕޯޓް އެޅުމުގެ މަސައްކަތަށް އެ ރަށަށް ގޮސް އުޅޭ މީހުންގެ ތެރެއިން ދެ މީހުން
21 އޮކްޓޯބަރު 2023

ހދ. މަކުނުދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތަށް ގެންގޮސްފައިވާ ތަކެތި ގުދަންކޮށްފައިވާ ތަނެއްގެ ބޭރުގައި ހުރި ގޭސް ސިލިންޑަރެއް މިއަދު ގޮވައި ދެ މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުން ދިޔަ ތަނެއްގައި އެއްޗެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ތަފްސީލް - ފުލުހުން ބުނީ މި ހާދިސާގައި ދެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަކުނޫދުގައި ގޭސް ސިލިންޑަރެއް ގޮވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ)

އެ ރަށުން 'ދައުރު'އާ ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި އަދި 'ދައުރު'އަށް ލިބިފައިވާ އެ ސަރަހައްދުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި:

  • ގޮވާފައި ވަނީ، ބަނދަރާ މާ ދުރު ނޫން ހިސާބެއްގައި، ނަރުދަމާގެ މަސައްކަތަށް ގެންގޮސްފައިވާ ތަކެތި ގުދަންކޮށްފައިވާ ތަނެއްގެ ބޭރުގައި ހުރި ގޭސް ސިލިންޑަރެއް؛ ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ގޭސް ސިލިންޑަރެއް ކަމެއް އަދި ސާފެއް ނުވޭ

  • އެ ގޭސް ސިލިންޑަރު ގޮވުމާ ގުޅިގެން މަރުވީ ނަރުދަމާގެ މަސައްކަތުގައި އުޅުނު މީހުންނެއް ނޫން؛ މަރުވެފައި ވަނީ އެ ތަނުގެ ކައިރީގައި ތިބި، އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތަށް އެ ރަށަށް ގޮސް އުޅޭ މީހުންގެ ތެރެއިން ދެ މީހުން

  • ގޭސް ސިލިންޑަރުގެ ބައިތަކާއި ބިން ހިއްކާ ކުންފުނީގެ އެ ދެ މުވައްޒަފުންގެ ހަށިގަނޑުގެ ބައިތައް 200 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސްފައިވޭ؛ އަތްފައިގެ އިތުރުން، ބޯ ވެސް އޮތީ ވަކިވެގެން މާ ދުރަށް ވިއްސައިގެން ގޮސްފައި

  • މަރުވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުން

"ކަށިތަކާއި ގުނަވަންތައް ވެސް މުޅި ސަރަހައްދަށް ބުރައިގެން ގޮސްފައި ހުރީ،" އެ ތަނުގައި ހުރި މީހަކު ބުންޏެވެ.

"މީހުން ވަކި ނުވާ ވަަރަށް ހުރީ ޗިސްޗިސް ވެފައި."

ގޮވުމުގެ ބާރުގަދަވުމުގެ ސަބަބުން ކައިރީގައި ހުރި ސައިކަލުތަކަށް ގެއްލުން ލިބި، ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކުގެ ބިއްލޫރިތައް ތަޅައިގެން ދިއުން ފަދަ ކަންކަން ވެސް ވަނީ ވެފަ އެވެ.

މަކުނޫދުގައި ގޭސް ސިލިންޑަރެއް ގޮވުމާ ގުޅިގެން ބަނދަރުގައި އޮތް ދޯންޏަކަށް ގެއްލުން ލިބިފައި. (ދައުރު ފޮޓޯ)
މަކުނޫދުގައި ގޭސް ސިލިންޑަރެއް ގޮވުމާ ގުޅިގެން ބަނދަރުގައި އޮތް ދޯންޏަކަށް ގެއްލުން ލިބިފައި. (ދައުރު ފޮޓޯ)

ގުޅުން ހުރި ކަމެއް - ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި އަލިފާން ނިއްވަން ބޭނުން ކުރާ ގޭސް ސިލިންޑަރެއް މިދިޔަ ބުރާސްފަތި ދުވަހު ގޮވުމާ ގުޅިގެން ވެސް މީހަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރެއިން ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް ވަނީ މާލެ ގެެނެސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް