މަކުނުދޫގައި މިއަދު ގޭސް ސިލިންޑަރު ގޮވި ސަރަހައްދުގައި ހުންނަ އިމާރާތުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، އިމާރާތަށް ލޭތައް ބުރާފައި (ފޮޓޯ/ފޭސްބުކް)

ހދ. މަކުނުދޫ

ބާރުގަދަ އަޑަކާ އެކު މުޅި މަކުނުދުއަށް ލޮޅުން؛ އާދައިގެ ގޮވުމެއް ނޫން

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވި އިރު، އެ މީހުންގެ ހަށިގަނޑުގެ ބައިތައް އެތައް ސަތޭކަ ފޫޓަކަށް ބުރައިގެން ދިޔަ
21 އޮކްޓޯބަރު 2023

މިއަދު ހަވީރު 4:30 ހާއިރު، އަލީ ޝަރީފް ހުރީ އޭނާގެ ރަށް، ހދ. މަކުނުދޫގައި އެ ރަށުގެ ބަނދަރާ ކައިރީގައި ހުންނަ އޭނާގެ ކެފޭގައި މީހަކަށް ކޮފީ ތައްޔާރުކުރާށެވެ. ކުއްލިއަކަށް ފެނުނީ ބާރުގަދަ އަޑަކާ އެކު، އޭނާގެ ކެފޭ ފޫއަޅުވާލާފައި ދަގަނޑުގަނޑެއް އެ ތަނުގެ އެތެރެއަށް ވަތް ތަނެވެ.

އަލީގެ ކައިރިން 3 ފޫޓެއްހާ ދުރުމިނުގައި، ކެފޭގެ ބިތްގަނޑު ފޫ އަޅުވާލާފައި އެއްޗެއް ވަނުމުން އޭނާ ހީކުރީ އެ ތަނުގެ ތެރެއިން އެއްޗެއް ގޮވީކަމަށެވެ. އެކަމަކު ގޮވުމުގެ އަޑު އެއަށް ވުރެ މާ ގަދަ އެވެ. މުޅި ސަރަހައްދު ދިޔައީ ލޮޅުން އަރައިގެންނެވެ.

ހަދަން ހުރި ކޮފީ ތަށި ބަހައްޓާފައި ބޭރަށް ނުކުތް އިރު، ކެފޭގެ ބޭރުގައި ހުރި ބައެއް ޖޯލިތައް ވެސް ހުރީ ހަލާކުވެފަ އެވެ. އެ ތަނުގައި އިން އެކެއްގެ އަތުގައި ކޮންމެވެސް އެއްޗެއް ޖެހި، ހުރީ ލޭކޮށާލާފަ އެވެ. އިސާހިތަކު މިއީ އާދައިގެ ގޮވުމެއް ނޫންކަން އެ މީހުންނަށް އެނގުނެވެ.

"މުޅި ހިސާބު ގުޑައިގެން ދިޔައީ. އަަހަރެމެން ތިބީ ދާނެ ނުދާނެ ތަނެއް ނޭނގިފައި. އަޑު އައީ ކޮން ދިމާއަކުން ކަމެއް އޭރު އެކަކަށް ވެސް ނޭނގުނު،" މިއަދު ހަވީރު މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި ދެ މީހަކު މަރުވި ހާދިސާއާ ގުޅޭ ގޮތުން އަލީ ކިޔައިދިނެވެ.

އަލީގެ ކެފޭގެ ބޭރުގައި ހުންނަ ޖޯލިފަތިތައް ހަލާކުވެފައި: ހާދިސާ ހިނގި ތަނާ 500އެއްހާ ފޫޓު ދުރުގައި ހުންނަ އެ ކެފޭގައި އިން މީހެއްގެ އަތް ވެސް ޒަހަމްވި.
މަކުނުދޫގެ ބަނދަރުމަތީގައި އެއްޗެއް ގޮވައި ބުރައިގެން އައި ބައިތަކުން އަލީގެ ކެފޭއަށް ގެއްލުން ވެފައި.

ގޭސް ސިލިންޑަރެއް ކަމަށް ބެލެވޭ އެއްޗެއް ގޮވީ، މަކުނުދޫ ބަނދަރު ސަރަހައްދުގައި ހުންނަ މަސްމާރުކޭޓުގެ ކައިރީގަ އެވެ. އެ ތަނުގައި އެ ރަށުގެ ނަރުދަމާގެ މަސައްކަތާއި އެއާޕޯޓަށް ބޭނުންވާ ބައެއް ސާމާނު ބަހައްޓާފައި ހުރެ އެވެ. ގޮވި ސިލިންޑަރު ހުރީ އިމާރާތުގެ ބޭރުގަ އެވެ. އޭރު އެ ތަނުގެ ކައިރީގައި، އެއާޕޯޓުގެ މަސައްކަތް ކުރާ އިންޑިއާގެ ދެ މުވައްޒަފުން ތިއްބެވެ.

މަކުނުދޫގެ ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓު ދުރުން ފެންނަން ހުރި އިރު، އެއްޗެއް ގޮވީ އެ ތަނުގެ ކައިރީގައި.

ބާރުގަދަ ގޮވުމުގެ ޝިކާރައަކަށްވީ އެ ދެ މީހުންނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުގެ ބައިތަކާއި ސިލިންޑަރުގެ ބައިތައް އެތައް ސަތޭކަ ފޫޓަށް ބުރައިގެން ދިޔަ އެވެ.

މުޅި ހިސާބު ގުޑައިގެން ދިޔައީ. އަަހަރެމެން ތިބީ ދާނެ ނުދާނެ ތަނެއް ނޭނގިފައި. އަޑު އައީ ކޮން ދިމާއަކުން ކަމެއް އޭރު އެކަކަށް ވެސް ނޭނގުނު.

އަލީ ޝަރީފް / މަކުނުދޫ މީހެއް

އަލީގެ ކެފޭ ވެސް ހުންނަނީ، ހާދިސާ ހިނގި ތަނާ 500 ފޫޓެއްހާ ދުރުގައި އެއްގަމުގަ އެވެ.

"ދާނެ ނުދާނެ ތަނެއް ނޭނގިފައި ތިއްބާ ދެން އަހަރެމެންނަށް ފެނުނީ، ބަނދަރުމަތީގައި ހުންނަ އެސްޓީއޯގެ ގުދަނުގެ ތެރެއިން ނުކުތް އަންހެނަކު ރޮއިގަތް ތަން. އޭނާއަށް ފެނުނީ އެ ތަނުގެ ދޮރުމަތީގައި އޮތް މީހެއްގެ ފައެއް،" އަލީ ކިޔައިދިނެވެ.

މަކުނޫދުގައި ގޭސް ސިލިންޑަރެއް ގޮވުމާ ގުޅިގެން ބަނދަރުގައި އޮތް ދޯންޏަކަށް ގެއްލުން ލިބިފައި. (ދައުރު ފޮޓޯ)

އެސްޓީއޯގެ ގުދަނާއި ހާދިސާ ހިނގި ތަނާ ވެސް 200 ފޫޓެއްހާ ދުރުމިން ހުރެ އެވެ. އަދި އެއަށް ވުރެ ދުރުން، ރަށުތެރޭގައި ހުންނަ ގެއެއްގެ ދޮރުމައްޗަށް ވެސް މީހެއްގެ ހަށިގަނޑުގެ ބައެއް ވިއްސައިގެން ގޮސްފައި އޮތެވެ.

"ގުނަވަންތަކާއި ސިލިންޑަރުގެ ބައިތައް ރަށުތެރެއަށް އައިސްފައި ހުރި ގޮތުން އަހަރެމެންނަށް ލަފާ ކުރެވެނީ، ގޮވުމާ އެކު ވަރަށް މަތިމަތިން އެ އެއްޗެހިތައް ބުރައިގެން އައިސްފައި ހުރީ ކަމަށް،" އަލީ ކިޔައިދިނެވެ.

މަކުނުދުއިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، ބާރުގަދަ އަޑާ އެކު، ލޮޅުމުގެ އަސަރު މުޅި ރަށަށް ކުރި އެވެ. ބަނދަރާ ކައިރީގައި ހުންނަ ބައެއް ގެތަކުގެ ބިއްލޫރިތަކާއި ބޮކި ފަދަ އެއްޗެހި ތަޅައިގެން ދިޔަ އެވެ. އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ހުރާގައި ތިބި މީހުންނަށް ވެސް ލޮޅުމުގެ އަސަރު ކުރި ކަމަށްވެ އެވެ.

ބުނާނެ އެއްޗެއް ވެސް ނޭނގިފައި މި ތިބީ. އަދިވެސް އެބަ ތުރުތުރު އަޅާ.

މަކުނުދޫ މީހެއް

މަރުވި އިންޑިއާގެ ދެ ރައްޔިތުން ފިޔަވައި އިތުރު ބައެއްގެ ފުރާނައަށް އެ ހާދިސާގައި ގެއްލުން ނުވި ނަމަވެސް، އެ ވަގުތު ބަނދަރުމަތީގައި ތިބި އެތައް ބަޔަކަށް ޒަހަމްނުވެ ދިޔައީ ކިރިޔަ ކިރިޔާ އެވެ. ވާހަކަ ދައްކާލި ކޮންމެ މީހަކު ވެސް ބުނަނީ، ބުރައިގެން ދިިޔަ ދަގަނޑުކޮޅުތަކުން ގައިގާ ނުޖެހުނީ ކިރިޔާ ކަމަށެވެ.

މަކުނުދޫގައި އެއްޗެއް ގޮވައި ބަޔަކު މަރުވުމާ ގުޅިގެން އެ ރަށު މީހުން އެ ސަރަހައްދަށް އެއްވެފައި. (ދައުރު ފޮޓޯ)

ހާދިސާ ހިނގި ތަން އެންމެ ރަނގަޅަށް ފެނުނީ، އެ ވަގުތު ރަށުގެ ފަޅުތެރޭގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ތިބި މީހުންނަށެވެ. ގޭސް ސިލިންޑަރު ކައިރީގައި ދެ މީހަކު ތިބި ތަން އެ މީހުންނަށް ފެނުނެވެ. އެކަމަކު ގަދަ އަޑާ އެކު، އެ މީހުންނަށް ވެސް ދެން ފެނުނީ، ބުރައިގެން އައި ދަގަނޑު އެތިކޮޅުތައް ދޯނީގެ ބިއްލޫރިތަކުގައި ޖެހި ތަޅައިގެން ދިޔަ ތަނެވެ. ދޯނީގެ ބައިތައް ނެއްޓުނު ތަނެވެ.

"ބުނާނެ އެއްޗެއް ވެސް ނޭނގިފައި މި ތިބީ. އަދިވެސް އެބަ ތުރުތުރު އަޅާ،" ހާދިސާ ހިނގި ވަގުތު ބަނދަރުމަތީގައި ހުރި މަކުނުދޫގެ މީހަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް