މަކުނުދޫގައި މގޭސް ސިލިންޑަރު ގޮވި ސަރަހައްދުގައި ހުންނަ އިމާރާތުގެ ބިއްލޫރިތައް ތެޅި، މަރުވި މީހުންގެ ލޭތައް ބުރާފައި (ފޮޓޯ/ފޭސްބުކް)
ބާރުގަދަ ގޮވުމަކަށް ވީ ދެ ގޭސްފުޅި އެކުގައި ގޮވުމުން: ކައުންސިލް
ހދ. މަކުނުދޫގައި އިއްޔެ ހަވީރު ދެ ގޭސްފުޅި ގޮވައި ދެ މީހަކު މަރުވި އިރު، މުޅި ރަށަށް ލޮޅުން އަރާ ފަދަ ބާރުގަދަ ގޮވުމަކަށް ވީ، އެ ދެ ގޭސް ފުޅި އެކުގައި ގޮވުމުން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކިހިނެއް؟ - އިއްޔެ ހަވީރު މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި މަރުވީ، އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ކުރަން ގޮސް އުޅުނު އިންޑިއާގެ ދެ މީހުންނެވެ. އެގޮތުން:
-
އެ ހާދިސާގައި އެ މީހުންގެ ހަށިގަނޑުގެ ބައިތައް އެތައް ފޫޓު ދުރަށް ބުރައިގެން ދިޔަ
-
ގޮވުމުގެ އަޑާ އެކު، މުޅި ރަށަށް ގުޑުން އެރި؛ އެހެންވެ، މިހާރު ޔަގީންވާ ގޮތުން އެހާ ބާރުގަދަ ގޮވުމަކަށް ވީ ދެ ގޭސްފުޅި އެކުގައި ގޮވުމުން
ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ ގޮވި ކަމަށް މީގެ ކުރިން ބެލެވުނީ އެންމެ ގޭސްފުޅިއެއް ނަމަވެސް، މިހާރު ޔަގީންވެފައިވާ ގޮތުން އެތަނުގައި ދެ ގޭސްފުޅިއެއް ހުއްޓެވެ. އެއީ އާދައިގެ ގޭސް ސިލިންޑަރަކާއި ވެލްޑިން ކުރާއިރު ބޭނުންކުރާ ޒާތުގެ ސިލިންޑަރެކެވެ.
އިންޑިއާގެ ދެ މީހުން، ގޭސްފުޅިތައް ކައިރީގައި ތިބި ތަން ބައެއް މީހުންނަށް ފެނުނު ނަމަވެސް ގޮވި މަންޒަރު އެއްވެސް މީހަކަށް ފެނިފައެއް ނުވެ އެވެ. އެހެންވެ، އެކަން ހިނގައިދިޔަ ގޮތް ސާފުނުވާ ކަމަށް އައުޒަމް ވިދާޅުވި އެވެ.
"އެއީ މަސައްކަތް ކުރަން ހުއްދަ ދީފައި އޮންނަ ތަނެއް ނޫން. އެހެންވެ، އަޅުގަނޑުމެންނަކަށް ނޭނގެ އެ މީހުން އެތަނުގައި ތިބީ ސީދާ ކީއްކުރަން ކަމެއް. ގޭސްފުޅިއެއް އެ މީހުން ބޭނުން ކުރީތޯ ނުވަތަ މޫވް ކުރަން އުޅުނީ ކަމެއް ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
އައުޒަމް ވިދާޅުވި ގޮތުގައި:
-
އެކަން ހިނގި ސަރަހައްދާ 40ހަކަށް ފޫޓު ކައިރީގައި މުދާ އުފުލާ ދޯންޏެއް އޮތް ނަމަވެސް، މަންޒަރު ފެންނަ ހިސާބުގައި ދޯނީގައި މީހަކު ނެތް. ބުރައިގެން ދިޔަ ދަގަނޑުކޮޅުތަކުން ޖެހި ދޯނީގެ ބިއްލޫރިތައް ތެޅުނު. އަދި ޑެގު ނެއްޓުނު
-
ދޯންޏަށް ލިބުނު ގެއްލުންތަކަށް ބަލާފައި، އެތަނުގައި މީހަކު ހުރި ނަމަވެސް ވަރަށް ބޮޑު އަނިޔާއެއް ވާނެ ކަމަށް ލަފާކުރެވޭ
ގޭސްފުޅިތައް ގޮވި ވަގުތު ބަނދަރުމަތިން މީހަކު ފެންނަން ނެތް ނަމަވެސް، އެތަނާ 500 ފޫޓެއްހާ ދުރުގައި ހުންނަ ކެފޭއާ ހަމައަށް ދަގަނޑުކޮޅުތައް ބުރައިގެން ދިޔަ އެވެ. އަދި ކެފޭގައި އިން މީހެއްގެ އަތަށް ކުޑަ އަނިޔާއެއްވި އިރު ކެފޭއަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.
މި ހާދިސާގައި މަރުވި ދެ މީހުންގެ ތެރެއިން އެކަކަކީ މުސްލިމެކެވެ. އެ ދެ މީހުންގެ ހަށިގަނޑު ވެސް މިހާރު ވަނީ މާލެ ފޮނުވާލައިފަ އެވެ.
ކޮމެންޓް (1)
ހިތަދޫ 2