ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ): އަލީ ވަހީދަށް ޖާމިނުވެ، އިގުރާރާ ހިލާފުވެފައި ވާތީ އޭނާއަށް ފިޔަވަޅު އެޅަން ޖެހޭ ކަމަށް ހައިކޯޓުން މިއަދު ވަނީ ބުނެފައި، (ފޮޓޯ/ ރައީސް އޮފީސް)

ހައި ކޯޓު

ޖާމިނުވުމަކީ ކުޅިވަރަކަށް ނުހެދޭނެ، އަސްހަދަށް ފިޔަވަޅު އަޅަން ޖެހޭ: ހައި ކޯޓު

ހައި ކޯޓުގެ ހުކުމުގައި ބުނީ ޖާމިނުވާ މީހާއާ މެދު ފިޔަވަޅު ނާޅުމަކީ ގާނޫނުގައި ބުނެފައިވާ ޖާމިނުވުން ކުޅޭ ކުޅޭ ކަމަކަށް ހެދުން ކަމަށް
12 ސެޕްޓެމްބަރު 2021

ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިއުމުން އޭނާ ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އެކަމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފި އެވެ.

ހައި ކޯޓުން މި ހުކުމް އައި އިރު އަސްހަދު ވީ، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައުމީ ޓީމާ އެކު ފަހުގެ ތަމްރީންތަކަށް ގަތަރަށް ގޮސްފަ އެވެ.

ވީ ކިހިނެއް؟ - އަލީ ވަހީދާއި އިތުރު މީހަކު ބައިވެރިވެގެން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ފަހަރުމަތިން ޖިންސީ އަނިޔާކޮށް ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް ސިއްހީ ކަންތައްތަކާ ގުޅިގެން އެ އަމުރު ނިމުމަކަށް ގެނެސް، ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ ފެބުރުއަރީގަ އެވެ.

އެ އަމުރު ނެރެދިނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުންނެވެ. ނަމަވެސް އަލީ ވަހީދު ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެ، އެއްވެސް ޝަރީއަތަކަށް އޭނާ ހާޒިރުވެފައެއް ނުވެ އެވެ. ޖާމިނުވި މީހާގެ ހައިސިއްޔަތުން އަސްހަދަށް ވެސް ފިޔަވަޅު އެޅެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން މިއަދާ ހަމައަށް ވެސް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ.

ތަފްސީލް - އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ޖާމިނުވުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އެކުލެވޭ، ސީރިއަސް ގާނޫނީ ނަތީޖާތަކެއް ހާސިލުކޮށްދޭނެ ކަމެއް ކަމަށެވެ.

އެފަދަ ޖާމިނުވުމެއްގެ ގާނޫނީ ސީރިއަސް ނަތީޖާއާ ކުރިމަތިލާން ނުޖެހޭކަން ދޭހަވާ ގޮތަށް ދައުލަތުން އަމަލުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށް ވެ، ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް މިނިވަންކަމާ އެކު އުޅެވުން ކަމަށް ވެސް ކޯޓުން ބުންޏެވެ.

"ވީމާ، ޕްރޮސެކިއުޝަނުން ބަޔާންކުރާ ފަދައިން މިހާރު ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުރި މީހަކު އަލުން އިތުރަށް ފިލައިފާނެ ކަމަށް ދެކިގެން، އޭނާއަށް ދޫކުރުމަށް ފަހު މިހާރު ބާތިލްކޮށްފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް އެދުމަށް ވުރެ، ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުކުރާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒުކުރަން ފިޔަވަޅު އެޅުން ގާނޫނީ އަދި ބުއްދީގެ ހަމައިން ވެސް ހަމަޖެހޭ ކަމަށް ދެކެމެވެ،" ހުކުމްގައިވެ އެވެ.

ހުކުމުގައި ބުނީ އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނާނެކަން ކަށަވަރުކުރުމަކީ އަސްހަދުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް އަލީ ވަހީދު ރާއްޖެ ގެންނަން އަސްހަދުގެ ފަރާތުން ކުރި ކަމެއް ފެންނަން ނެތް ކަމަށާއި، އޭނާގެ އިގުރާރާ އެއްގޮތަށް އަމަލުކުރުވަން ދައުލަތާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް، ރާއްޖޭގެ ދެވަނައަށް އެންމެ މަތީ ކޯޓުގެ ހުކުމުގައިވެ އެވެ.

"އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކާ ގުޅިގެން، ބޭއްވޭ ޝަރީއަތުގެ މަޖްލީސްތަކަށް ކަނޑައެޅިފައިވާ ގަޑިއަށް އަލީ ވަހީދު ހާޒިރުކޮށްދިނުމަކީ ނުވަތަ ހާޒިރުކުރުވުމަކީ، ޖާމިނުވި އަސްހަދު އަލީގެ ޒިންމާއެކެވެ. އެކަން ނުކޮށްފި ނަމަ އޭނާ ވެފައިވާ އިގުރާރާ ހިލާފުވީ އެވެ،" ހުކުމްގައިވެ އެވެ.

ޖާމިނުވާ މީހާގެ އިގުރާރު:

  • ބަންދުގައި ހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެކަން

  • އޭނާއާ މެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހުގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން

  • ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެކަން

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރަން، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވުމަކީ ކުށެއް ކަމަށެވެ. ބަންދުން ދޫކޮށްލި މީހާ ފިލައިފި ނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ. އެގޮތުން:-

  • ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުން

  • ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން

  • ފަނަރަ ހާސް ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން

  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން 

ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައިވަނިކޮށް، ޖާމިނުވި މީހާ އިގްރާރާ ހިލާފުވެއްޖެ ނަމަ، ނުވަތަ ބަންދުން ދޫކުރި މީހާ ފިލައިފި ނަމަ، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެން ޖެހެ އެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް