މަކުނުދޫގެ ބަނދަރުމަތީގައި އެއްޗެއް ގޮވައި، އޭގެ ބައިތައް މާދުރުގައި ހުންނަ ކެފޭއާ ހަމައަށް އައިސްފައި
މަކުނުދޫގައި އެއްޗެއް ގޮވުން: މުއިއްޒު އެދުނީ ތަހުގީގުކޮށް، މަސައްކަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން
ހދ. މަކުނުދޫގައި މިއަދު ބާރުގަދަ އެއްޗެއް ގޮވައި ދެ މީހަކު މަރުވުމާއި އެ އަތޮޅުގެ ވެރިރަށް ކުޅުދުއްފުށީގައި މީގެ ދެ ދުވަސް ކުރިން އެއްޗެއް ގޮވައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން، އެ ދެ ހާދިސާ ތަހުގީގުކޮށް، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟- މިއަދު ހަވީރު މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި މަރުވީ، އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ކުރަން ގޮސް އުޅުނު އިންޑިއާގެ ދެ މީހުންނެވެ. އެގޮތުން:
-
ބާރުގަދަ އެ ގޮވުމުގައި އެ މީހުންގެ ހަށިގަނޑުގެ ބައިތައް އެތައް ފޫޓު ދުރަކަށް ބުރައިގެން ދިޔަ
-
ގޮވުމުގެ އަޑާ އެކު، މުޅި ރަށަށް ދިޔައީ ގުޑުން އަރައިގެން
-
ކުޅުދުއްފުށީ އެއާޕޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ގޮވީ އަލިފާން ނިއްވަން ބޭނުންކުރާ ސިލިންޑަރެއް؛ އެ އެތި ގޮވީ ގޭސް އަޅަން އުޅުމުގެ ތެރޭގައި
-
އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި އިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު
ތަފްސީލް - މަކުނުދޫގައި މިއަދު ހިނގި ހާދިސާއާ ގުޅިގެން، އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ދެ ހާދިސާ ހިނގި ގޮތް ވެސް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ފަދަ ހިތާމަވެރި ކަންކަން ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް އިންތިހާބީ ރައީސް ގޮވާލެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ދެ ހާދިސާ ވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައި
-
އެހެންވެ، މި ގޮތަށް ދިމާވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށް ގޮވާލެއްވި
"ހަމަ އެއާ އެކު، ނިޒާމީ ގޮތެއްގައި މި ފަދަ މައްސަލަތަކަށް ހޯދަން ޖެހޭ ހައްލު ހޯދުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެމެވެ،" އިންތިހާބީ ރައީސްގެ ބަޔާނުގައި ވިދާޅުވި އެވެ.