ގެއްލުނު މީހާ މަހަށް ނުކުތް ތަނާއި އޭނާ ދުއްވި ދޯނި ފެނުނު ތަން. (ފޮޓޯ/އެމްއެންޑީއެފް)
މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ދުއްވި ދޯނި ފެނިއްޖެ؛ މީހާ އަދިވެސް ނުފެނޭ
އދ. ދަނގެތިން އިއްޔެ ފަތިހު މަހަށް ނުކުތް ފަހުން ހަބަރެއް ނުވެގެން ހޯދަމުންދާ އެ ރަށު ޔޫސުފް އިބްރާހިމް ދުއްވި ދޯނި ފެނިފައިވާ ކަމަށާއި، ނަމަވެސް އޭނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މަހަށް ދިޔަ ދޯނި އދ. ރަންވެލި އުތުރު ކަނޑުއޮޅިން އޮޔާ ދަނިކޮށް އިއްޔެ ހެނދުނު 9 އާއި 9:30އާ ދެމުދުގެ ވަގުތެއްގައި ބަޔަކަށް ފެނިފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - އެމްއެންޑީއެފުން ބުނީ:
-
އޭނާ މަހަށް ނުކުތީ ކުޑަ އިންޖީނު ދޯންޏެއްގައި، އދ. އޮރިމަސް ފަޅުގެ އިރުމަތީ ފަރާތަށް
-
ގެއްލުނު އިރު ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެއް
ތަފްސީލް - އުމުރުން 68 އަހަރުގެ ޔޫސުފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެގޮތުން، އޭނާ ހޯދުމުގައި:
-
ކޯސްޓްގާޑުގެ ޑައިވަރުންނާ އެކު ދަނގެތީ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން އެބަދޭ
-
ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް 'ހަކުރާ'އާ އެކު، ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ހަރަކާތްތެރިވަމުންދޭ
-
އެމްއެންޑީއެފްގެ ޑޯނިއާ ބޯޓު ވެސް އެ އޮޕަރޭޝަނުގައި މިއަދު ބައިވެރިވޭ
މަހަށް ނުކުތް އެ މީހާ ގެއްލިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެ ހެނދުނު 11:42 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެނގުން މުހިންމު - އޭނާއާ ބެހޭ ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފް އިން އެދިފައިވެ އެވެ. އެގޮތުން:
-
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި ހިއްސާ ކުރަން ވެސް އެމްއެންޑީއެފް އިން އެދިފައިވޭ