މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަނީ

މި ސަރުކާރުގެ 'ވައްކަންތައް' ވެސް ބަލާނަން؛ އެއްވެސް ކަމެއް ނުފޮރުވާނަން: މުއިއްޒު

ޔާމީންގެ ސަރުކާރަށް ވުރެ މި ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ވައްކަންތައް ގިނަ ކަމަށް މުއިއްޒު ވިދާޅުވި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ވައްކަންތައް ގިނަ ކަމަށް ވިދާޅުވެ، ދެ ސަރުކާރުގައި ވެސް ހިންގާފައިވާ ކަމަށް ބުނާ އެފަދަ މައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް ވިދާޅުވީ ގަތަރުގެ އަލް-ޖަޒީރާ ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން [ޔާމީންގެ ސަރުކާރުގެ] އެފަދަ ހުރިހާ މައްސަލައެއް ބަލާނަން. [އެކަމަކު] މި ސަރުކާރުގައި އެފަދަ މާ ގިނަ [ހިޔާނާތުގެ] މައްސަލަ އެބަހުރި،" ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތަކާއި އެ މަނިކުފާނަށް އެކަމާ ގުޅިގެން ކޮށްފައިވާ ދައުވާތަކަކީ ޕީޕީއެމްއަށް ފިލާވަޅުތަކެއް ލިބުނު ކަމެއްތޯ އަލް-ޖަޒީރާގެ ނޫސްވެރިޔާ އެހުމުން، އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި މުއިއްޒު ވިދާޅުވި އެވެ.

ތަފްސީލު - އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު އިތުރަށް ވިދާޅުވީ:

  • މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވެސް އެ ބޭފުޅުންގެ އަމިއްލަ ސަރުކާރުގެ ވައްކަމުގެ ވާހަކަތައް ދިޔައީ ދައްކަމުން

  • ރައްޔިތުންގެ ފައިސާއިން މިއިން ދުވަހަކު ވައްކަން ނުކުރާ ވަރަށް ވައްކަންކޮށްފައިވާ ކަމަށް އެ މެންބަރުން ވެސް އެބަ ވިދާޅުވޭ

"މިސާލަކަށް ކޮވިޑްގެ ބަލިމަޑުކަމުގައި އެތައް ބިލިއަން ރުފިޔާ ވަނީ ގެއްލިފައި. އެއްވެސް މީހަކަށް ނޭނގެ [އެ ފައިސާތަކަށް] ވީ ގޮތެއް. [މި ސަރުކާރުން ފައިސާ ދައްކާފައި ގަތް] ވެންޓިލޭޓަރުތައް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، އަދިވެސް އެއެއް ނާދޭ. އެކަން ވީ ގޮތެއް ވެސް ނޭނގެ. މިއީ އެއް މިސާލު އަދި،" މިދިޔަ މަހު ބޭއްވި އިންތިހާބުގެ ނަތީޖާއަށް ފަހު، ބައިނަލްއަގުވާމީ މީޑީއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ، [އަޅުގަނޑުގެ] ސަރުކާރަކީ ވަރަށް ޒިންމާދާރު ސަރުކާރެއްކަން ކަށަވަރުކޮށް، މި ހުރިހާ ކަމެއް އަޅުގަނޑު ބަލާނަން." 

މުއިއްޒު އަލްޖަޒީރާއަށް އިންޓަވިއު ދެއްވަނީ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ސަރުކާރު ވެގެން ދާނީ، ވައްކަމުން އެއްކިބާވެފައިވާ، 'ސާފު ސަރުކާރަކަށެ'ވެ. އަދި އެއްވެސް ކަމެއް މީޑިއާއަށާއި ރައްޔިތުންނަށް ނުފޮރުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް، އިންތިހާބީ ރައީސްގެ ގޮތުގައި 'ދައުރު'އަށް ދެއްވި އިންޓަވިއުގައި ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެ ހިޔާނާތާއި ޔާމީން މިނިވަންކުރުމާ ގުޅޭ ގޮތުން މުއިއްޒު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އަލް-ޖަޒީރާގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ:

  • ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް؛ އެ މަނިކުފާނުގެ ވެރިކަމުގައި މިނިވަން ޝަރުއީ ދާއިރާއެއް ގާއިމްކޮށްދިނުމުން ޔާމީން މިނިވަންކުރުން އޮންނާނީ ފަނޑިޔާރުންގެ އަތްމަތީގައި

  • އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު އެއްވެސް އެއްޗެއް މި ސަރުކާރަށް ހޯދައެއް ނުދެވުނު؛ ދައުލަތަށް ގެއްލުނު 'އެސެޓްތައް' މުއިއްޒުގެ ސަރުކާރެއްގައި ބާރު ސްޕީޑެއްގައި ހޯދާނެ

  • އެކަން ކުރުމަށް ބޭނުންވަނީ އާ ގާނޫނުތަކެއް ނޫން، އިހްލާސްތެރިކަން

ކޮމެންޓް (5)

ބިންބި

15 އޮކްޓޯބަރު 2023
އިޚްލާސްތެރި ކަމާއިއެކު ވައްކަން ބަލާނަމަ މި ހިގަމުންދާ ސަރުކާރާއި އަދި ކުރީ ސަރުކާރުތަކުގެ ވައްކަންވެސް ބަލަންވާނެ. އިންސާފު ވެރިކަމާއި އެކު ބަލާފިނަމަ ޔާމީން އާއި އިބޫ ސަރުކާރުވެސް ވާނީ ވަގުންގެ ސަރުކާރަށް.
1 0

ހޯދާބަލާ

15 އޮކްޓޯބަރު 2023
މުއީޒުވެރިކަންކުރަންފަސޭހަވާނެތޯ؟ޔާމީނުގެވާގަޑުކަޑާލުމުންއަޅުގަޑުފާރަލާނަން ފަހަރެއްގަގެއްލިވެސްދާނެ މާޒީއައްވިސްނާލުމުންޖަވާބުވަރައްސާފު.
2 0

ފިލާ

15 އޮކްޓޯބަރު 2023
ތިވައްކަންތަކުން ސަލާމަތެއްނުވިތާ މިގައުމު. މުޅިން މި މީހުން މި އުޅެނީ ގައުމު ހިންގަން އަދި ހަމަ އެމީހުން ޕޯޑިއަމްގަ މޮޅުވާހަކަ ދެއްކީމަ އެވްރެޖްމީހާ އަތްޖަހަނީމި މާބަރަކަށް
1 0

ޙަސަންތަކުރުބެ

15 އޮކްޓޯބަރު 2023
މިސަރުކާރުން ކުރެއްވި މަސައްކަތަކީ ވައްކަންތޯ މިދިޔަ 5 އަހަރު ކުރީގެ އެސްޓީއޯ އެމްޑީގެ ބޮޑުވިޔަފާރި ލަގްޒަރީ ފްލެޓް މިހެންގޮސް ގުނާވިޔަނުކުރެވޭ ވަރުގެ ކޮރަޕްޝަން ފެންނާނެތޯ؟
1 0

ޙަސަން

14 އޮކްޓޯބަރު 2023
ތިގޮތަށް އިޚްލާސްތެރި ކަމާއި އެކު ވެރިކަން ކުރައްވައި ފިއްޔާަ 2 ވަނަ ދައުރަކަށް ވެސް އަޅުގަނޑުގެ ވޯޓް ލިބޭނެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް