އިންތިހާބީ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދުމަކީ ކުރަން ޖެހޭ ކަމެއް: މުއިއްޒު

އޭނާގެ ސަރުކާރެއްގައި 'ދެވަނަ އެމްއެމްޕީއާރުސީއެއް' ނުއުފުދޭނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ދެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުން ދައުލަތަށް ގެއްލުނު އެތައް ބިލިއަން ރުފިޔާއެއް އަނބުރާ ހޯދަމުކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް ވިދާޅުވީ މިއަދު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރަން ޖެހޭ ކަމެއް އެއީ [އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުން]. އެއީ، ދައުލަތުގެ ފައިސާ ދެއްތޯ. ބައިވަރު ލީގަލް މަސައްކަތްތައް ވެސް ކޮށްފައިވާ ކަމެއް. އަޅުގަނޑު މަސައްކަތް ކުރާނަން އެކަންތައްތަކުގައި،" މުއިއްޒު ވިދާޅުވި އެވެ.

ތަފްސީލު - ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ރިސޯޓް ހަދަން ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ހިންގި އެ ހިޔާނާތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ފައިސާ އަނބުރާ ހޯދުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018ގެ ރިޔާސީ ކެމްޕެއިންގައި ވެސް ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ފަސް އަހަރު ނިމިގެން މިދަނީ، އެ ހިޔާނާތުގެ އެއްވެސް ފައިސާއެއް އަނބުރާ ނުހޯދި އެވެ.

'ދައުރު'އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ޔަގީންކަން ދެއްވީ، ދެން އުފެދޭ ސަރުކާރުން އެ ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ ކަމެެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި 'ދެވަނަ އެމްއެމްޕީއާރުސީއެއް' ނުއުފުދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އޭރު އެ ހިޔާނާތް ހިނގިއިރު، މުއިއްޒަކީ އެ ސަރުކާރުގެ ހައުސިން މިނިސްޓަރެވެ. އެކަން ހިނގަން މެދުވެރި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އޮނެސްޓްލީ [ތެދަށް] ދަންނަވަންޏާ، އަޅުގަނޑު [ޔާމީންގެ ސަރުކާރު ކެބިނެޓްގައި] މަސައްކަތް ކުރިއިރު، އަޅުގަނޑު ވަރަށް ބޮޑަށް ފޯކަސްކުރީ، އަޅުގަނޑާ ހަވާލުކުރި ޒިންމާ ތެރޭގައި. އޮފްކޯސް ކެބިނެޓް މިނިސްޓަރެއް އަޅުގަނޑަކީ. އެކަމަކު އަޅުގަނޑުގެ ޕޯޓްފޯލިއޯއަށް މަސައްކަތް ކުރީ. އަޅުގަނޑު ނުދަން އެހެން ބޭފުޅުން ކުރާ މަސައްކަތް ބަލާކަށް ވެސް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރެއްގައި އެފަދަ ކަމެއް ދިމާނުވުމަށް އަޅުއްވާނެ ފިޔަވަޅުތަކަަކީ ކޮބާތޯ އެހުމުން ވިދާޅުވީ:

  • އަޅުގަނޑު މި ގާއިމްކުރަނީ ސާފު ސަރުކާރެއްކަން ޔަގީން ކުރާނަން

  • ކޮރަޕްޝަންގެ އެއްވެސް ކަމެއް ސަރުކާރު އޮފީހެއްގައި ހިނގާތޯ ބަލަން ވަކި ނިޒާމެއް ގާއިމްކުރާނަން

  • އެފަދަ ކަމެއް ހިނގާ ނަމަ، ފުރަތަމަ މަރުހަލާގައި ވެސް ފިޔަވަޅު އަޅާނަން

ކޮމެންޓް (1)

ހަސަނާ

6 އޮކްޓޯބަރު 2023
މާނައަކީ ޔާމީންގެ ގެދޮރާއި މުދާ ވިއްކައިގެންވެސް ރައްޔިތުންގެ ފައިސާ ހޯދާނެ ވާހަކައެވެ. ކޮންމެ ބަޔަކު މޮޅެތި ވާހަކަތައް ދައްކައިގެންނާއި ވޯޓުގަނެގެން ސަރުކާރު ލިބުމުން އަތުޖެހުނު ތާކުން ކަނީއެވެ. އމީހުނަށް އަދަބެއް އަދި ފައިސާއެއްވެސް ނުހޯދެއެވެ.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް