'ފަލަސްތީނާ އެކު ދިވެހީން'ގެ ނަމުގައި މާލޭގައި އިއްޔެ ބޭއްވި އެއްވުމާއި ސައިކަލް ބުރު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރެޑް ކްރެސެންޓުން ފަލަސްތީނަށް އެހީވާން ފަންޑެއް ހުޅުވައިފި

މި ފައިސާގެ އެހީ ފޯރުކޮށްދޭނީ، އަނިޔާވެ ޒަހަމުވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އެހީވުމަށް

ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާގައި ހާލުގައި ޖެހެމުންދާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވަމުން އަންނަ ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް އެރީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ރާއްޖޭގައި މިއަދު ފަންޑެއް ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މިދިއަ ހޮނިހިރު ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ހަމަލާތަކަށް ފަހު، އަނެއްކާވެސް އެ ދެމެދުގައި ހަމަލާ ބަދަލުކުރުންތައް ވަނީ ވަރުގަދަވެފަ އެވެ. އިޒްރޭލުން ގައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން ދިމާވަމުންދާ އިންސާނީ ކާރިސާއާ ގުޅިގެން ފަލަސްތީނުގެ ރެޑް ކްރެސެންޓުން އިއްޔެ ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް ގޮވާލާފަ އެވެ. 

ތަފްސީލް - އެ ގޮވާލުމަށް އިޖާބަދީ، ދިވެހި ރެޑް ކްރެސެންޓުން މިއަދު ހުޅުވި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށެވެ.

އެ ފަންޑަށް ލިބޭ ފައިސާގެ އެހީ ފޯރުކޮށްދޭނީ، އަނިޔާވެ ޒަހަމުވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އެހީވުމަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުންޏެވެ.

އެ ފައިސާ ބޭނުންކުރާނީ:

  • ފުރަތަމަ އެހީ އަދި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސާމާނާއި އުޅަނދުތަކަށް ބޭނުންވާ ތަލާއި އެ ނޫން ވެސް ހަރަދުތަކަށް

  • ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް  

އެނގުން މުހިންމު - އެހީގެ ފައިސާ ޖަމާކުރާނެ އެކައުންޓުތައް:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރުފިޔާ އެކައުންޓް: 7701176022001

  • ބީއެމްއެލް)= ޑޮލަރު އެކައުންޓް: 7701176022002

  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރުފިޔާ އެކައުންޓް: 99010155500036100

  • އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200 

'ފަލަސްތީނާ އެކު ދިވެހީން'ގެ ނަމުގައި މާލޭގައި އިއްޔެ ބޭއްވި އެއްވުމާއި ސައިކަލް ބުރު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގުޅުން ހުރި ކަމެއް - ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް، ދިވެހި ޖަމިއްޔާއެއް ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ން ވެސް ވަަނީ ފަންޑެއް ވެސް ހުޅުވާލާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަންގާރަ ދުވަހު ފަލަސްތީނުގެ ރެޑް ކްރެސެންޓުން ނެރެފައިވާ ފްރިލިމެނަރީ އިމަޖެންސީ އިލްތިމާސްގައިވާ ގޮތުން، އެ ދުވަހާ ހަމައަށް ގައްޒާގެ ރައްޔިތުންގެ ތެރެއިން 687 މީހުން ޝަހީދުވެފައިވެ އެވެ. އެ ޖަމާއަތުން އެ ދުވަހު ބުނެފައިވާ ގޮތުން:

  • 143 ކުޑަކުދިން ޝަހީދުވެފައިވޭ

  • 105 އަންހެނުން ޝަހީދުވެފައިވޭ

  • ހަ ސިއްހީ ހިދުމަތްތެރިން ޝަހީދުވެފައިވޭ 

  • އެ ސަރަހައްދުގައި ދިރިއުޅޭ 3،276 އާއްމުންނަށް އެކި ކަހަލަ އަނިޔާވެފައިވޭ 

  • ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވޭ 

  • ކުރިއަށް އޮތް ދުވަސްތަކުގައި ގާޒާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވޭ 

ފަސްމަންޒަރު - 2007 އިން ފެށިގެން އިޒްރޭލުގެ ހިސޯރުކުރުމެއްގައި އޮތް، 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ގާޒާ އަކީ، ބައެއް މީހުން ސިފަކުރާ ގޮތުގައި، ހުޅުވާލާފައި އޮތް ދުނިޔޭގެ އެންމެ ބޮޑު ޖަލެވެ. ގާޒާއަށް އެއްވެސް އެއްޗެއް އެތެރެކޮށް ނުވަތަ ބޭރުކުރެވޭނީ ވެސް އިޒްރޭލްގެ ހުއްދައާ އެކުގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ ގާޒާ އެއްކޮށް ބަންދުކޮށްފަ އެވެ. އިޒްރޭލުން ދޭ ކަރަންޓާއި ފެނުގެ ހިދުމަތްތައް ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް