އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މުއިއްޒާއި ޔާމީން ބައްދަލުވޭ، އެކަމަކު ހިތްހަމަޖެހޭ ވަރަކަށް އަދި ނުވޭ: ފިރުޒުލް

ޔާމީން ގޭބަންދުގައި ހުންނެވުމާއި މުއިއްޒު ވެސް އިންތިގާލީ މަސައްކަތްތަކުގެ ތެރެއިން ވަގުތު ހުސްކުރައްވަން ޖެހިވަޑައިގަންނަވާތީ ޔާމީނާ ބައްދަލުކުރެއްވުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފިރުޒުލް ވިދާޅުވި
10 އޮކްޓޯބަރު 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރަައީސް އަބްދުﷲ ޔާމީން ކޮންމެވެސް ވަރަކަށް ބައްދަލުކުރައްވާފައިވީ ނަމަވެސް، މުއިއްޒު އެންމެ ހިތްޕުޅާވާ ފަދަ މިންވަރަކަށް ޕީޕީއެމް-ޕީއެންސީގެ ލީޑަރު ޔާމީންއާ އެކު ބައްދަލުވުންތަކެއް އަދި ނުބޭއްވޭ ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފިރުޒުލް އެހެން ވިދާޅުވީ، އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި 'ދައުރު'ން ސުވާލެއް ޖަވާބުގަ އެވެ.

ބުނީ ކީކޭ؟ - މުއިއްޒު އާއި ޔާމީންއާ  ދެމެދު ހިތްހަމަނުޖެހުމެއް އޮތީތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކޮންމެވެސް ވަރަކަށް ބައްދަލު ވެސް ކުރައްވާފައިވާ ކަމަށެވެ.

ނަަމަވެސް، މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ގެއަށް ބަދަލުކޮށްފައިވާ ޔާމީން މި ވަގުތު ގޭބަންދުގައި ހުންނެވުމާއި މުއިއްޒު ވެސް އިންތިގާލީ މަސައްކަތްތަކުގެ ތެރެއިން ގިނަ ބަޔަކާ ބައްދަލުކުރައްވަން ވަގުތު ހުސްކުރައްވަން ޖެހިވަޑައިގަންނަވާތީ ޔާމީނާ ބައްދަލުކުރެއްވުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ވެސް ކުރިން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ފާހަގަކުރެއްވި ގޮތުގައި، އެންމެ އެ މަނިކުފާނު އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް އަދި މަޝްވަރާކުރެވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"ދެން އެ ކަމުގެ މައިގަނޑު ސަބަބަކީ ރައީސް ޔާމީން ވެސް މި ވަގުތު އެ ހުންނެވި ގާނޫނީ ހާލަތު އަދި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ވެސް އިންތިގާލީ މަސައްކަތް ފެށިގެން ވަރަށް ގިނަ ޑިޕްލޮމެޓުންނާ އަދި އެކިއެކި ފަރާތްތަކާ ބައްދަލުކުރެއްވުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމުގެ ތެރޭގައި މި ދިމާވަމުން ދިޔަ ގޮންޖެހުން ނުވަތަ އެ ދަތިކަން މައިގަނޑު ގޮތެއްގައި މި އޮތީ."

އިންތިގާލީ ތަރުޖަމާނު ފިރުޒުލް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/އިންތިގާލީ އޮފީސް)

ފަސްމަންޒަރު - މުއިއްޒަށް އިންތިހާބު ކާމިޔާބުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 11 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި މަގުމައްޗަށް ނުކުތުމުގެ ބަދަލުގައި އެ މަނިކުފާނަށް ފުރުސަތު ދެއްވުމަށް ސަޕޯޓަރުންގެ ކިބައިގެން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް، އެއާ ދެކޮޅަށް ޔާމީންގެ ސަޕޯޓަރުން، އެ މަނިކުފާނު ދިރިއުޅުއްވާ ގެ، ހ. ދޫވެހި ސަރަހައްދަށް ބައެއް ރޭރޭ ޖަމާވެ، ޔާމީން މިނިވަންކުރުމަށް ގޮވާލަމުންދެ އެވެ. އޭގެ ތެރެއިން އެއް ރޭ ޔާމީން ވަނީ، އެ ކަމަށް ހިތްވަރު ދެއްވައި މުއިއްޒަށް ނުސީދާކޮށް ގޮންޖައްސަވާފަ އެވެ.

ފަހު ވަގުތު ޔާމީން ތާއީދުކުރައްވައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު، ޔާމީންގެ ވާހަކަފުޅުތަކަށް ފަހު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ޔާމީންއާ ކޯޅުމުގެ ގޮތުން ކަމެއް ނުކުރައްވާނެ ކަމަށާއި، އެ މަނިކުފާނު ބޭނުންވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެއްވުމަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް