ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސިޔާސަތުތައް ބައްޓަންކުރާނީ ހުރަހެއް ނެތި ނަފްސާނީ ފަރުވާ ލިބޭނެ ގޮތަށް: މުއިއްޒު

މުއިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްގެއް ކަމަށް

އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާ އާއި އެހީތެރިކަން ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރަމުން އަންނަ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން މުއިއްޒު 'އެކްސް'ގައި ހިއްސާ ކުރެއްވި މެސެޖެއްގައިި ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްގެއް ކަމަށެވެ.

ތަފްސީލު - މި ހައްގު ކަށަވަރުކޮށްދެވޭނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމްކޮށް، އެއްވެސް ހުރަހެއް ނެތިި ނަފްސާނީ އެހީ އާއި ފަރުވާ ފަހިކޮށްދީގެން ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަންކުރާން،" މުއިއްޒު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަން ރާއްޖޭގައި މިހާރު ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށާއި، އެ ކަމަށް ހާއްސަ ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރައްވާނެ ކަމަށް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ނަފްސާނީ މައްސަލަތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅު ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ނުލިބުން ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވުމާ އެކު، އެއާ ގުޅިފައިވާ އިޖުތިމާއީ އެހެން މައްސަލަތައް ހައްލުވުމަށް ވަރަށް ބޮޑު ބާރަކަށް ވާނެކަން ވެސް މުއިއްޒު އޭރު ފާހަގަކުރައްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް