ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

މުއިއްޒުގެ ވައުދު: ނަފްސާނީ ފަރުވާއަށް ބައިނަލްއަގުވާމީ ހޮސްޕިޓަލެއް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލާތައް ހޯދުމަށް ޕްރޮގްރާމެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަން ރާއްޖޭގައި މިހާރު ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށާއި، އެ ކަމައް ހާއްސަ ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރަން، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު އެެ ކަމަށް ވައުދުވެވަޑައިގަތީ، ރޭ ށ. ފުނަދޫގައި ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "މެންޓަލް ހެލްތަށް ހާއްސަކުރެވިގެން، ބައިނަލްއަގުވަމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ފެންވަރުގެ މެންޓަލް ހެލްތު ހޮސްޕިޓަލެއް ރާއްޖޭގައި އިރާދަކުރެއްވިއްޔާ ގާއިމްކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

"އޭރުން، އިންޑިއާ [އަދި] އެހެން ގައުމުތަކަށް ގޮސްގެން ބޮޑެތި ހަރަދުކޮށްގެން އެކަން ކުރާކަށް ނުޖެހޭނެ."

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫގައި (ފޮޓޯ/ ޕީޕީއެމް)

ތަފްސީލު - އެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި، ނަފްސާނީ މައްސަލަތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅު ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ނުލިބުމެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވުމާ އެކު އެއާ ގުޅިފައިވާ އިޖުތިމާއީ އެހެން މައްސަލަތައް ހައްލުވުމަށް ވަރަށް ބޮޑު ބާރަކަށް ވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް އެކަށީގެންވާ ފަރުވާ ނުލިބެނީ، ސިއްހީ ނިޒާމްގައި ވެސް ހުރި މައްސަލަތަކުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، އެ ކަމަށް ހާއްސަ ހޮސްޕިޓަލެއް މުހިންމުކަމަށް މުއިއްޒު ދެކެވަޑައިގަންނަވަ އެވެ.

"އެންމެ އާންމު އެއް މައްސަލަ މިއީ، މެންތަލް ހެލްތު. އެހެންވީމަ، އެ ކަމަށް ހާއްސަކަން ދީގެން، މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމްކުރުމަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ދައުލަތުން ބަލަހައްޓާ ކުދިންނަށް އާއިލާއެއް ހޯދައިދޭން ޕްރޮގްރާމެއް

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ، ބަލާނެ ބެލެނިވެރިއެއް ނެތި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލުމުގެ ނިޒާމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފަ އެވެ.

އެ ނިޒާމް ވަރުގަދަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެފަދަ މަރުކަޒެއްގައި އެ ކުދިން ބޭއްތިބުމަކީ ހައްގު މިންވަރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކުރާނަން، ކޮންމެ ކުއްޖަކަށް އާއިލާއެއް ކިޔާ މަޝްރޫއެއް،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ ޕީޕީއެމް)

އެ މަޝްރުއުގެ ބޭނުމަކީ، އެ ކުދިން ބަލަހައްޓާނެ އާއިލާއެއް ކޮންމެ ކުއްޖަކަށް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން، ގެއެއްގެ ތެރެއިން ބޮޑުވެގެން އަންނައިރު، އެ ކުދިންނަށް ލިބެން ޖެހޭ ލޯތްބާއި އަޅާލުން ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ ކުއްޖަކީ އާއިލާއެއްގައި ބޮޑުވާ ކުއްޖަކަށް ވާން އެބަ ޖެހޭ. ގެންގޮސް އޯފަނޭޖްގައެއް ނޫން ބަހައްޓަން ޖެހެނީ،" އެ ތަންތަން ވެސް ވަރުގަދަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް އުންމީދީ ވާހަކައެއް މިހެން ބުންޏަސް. އެ ކަމަށް ބޭނުންވާ ވަރަށް ގިނަ ކަންތައް ކުރަން ޖެހޭނެ ކަމެއް. އެކަމަކު އަޅުގަނޑަށް ޔަގީން، ރައްޔިތުން އަޅުގަނޑަށް އެ އިތުބާރު ދެއްވައި އެ އެހީތެރިކަން ދެއްވާނެ ކަމަށް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް