ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ބޭއްވި ހަރަކާތެއްގެ ތެރެއިން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
ޑިމޮކްރެޓްސް އެމްޑީޕީއަށް: ނުކުތީ ސަރުކާރު ނިންމަން؛ އެކަން ކޮށްފިން
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވި އެމްޑީޕީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދީ، އެ ޕާޓީގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ކަމަށާއި މިހާރު މިވަނީ ރޭވި ގޮތަށް އެކަން ކާމިޔާބުވެފައިވާ ކަމަށް ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު، ރޭ ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ފުރަތަމަ ސިޔާސީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ، އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދެއްވައި އެ ޕާޓީއަށް އިންތިހާބު ނަކާމިޔާބުވި ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
ތަފްސީލު - އެ ޖަލްސާގައި އެމްޑީޕީއަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅާ ކަމަށްވާ، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލްގެ މެންބަރު މުހައްމަދު ޝިފާޒު، ޕޯޑިއަމްއަށް އަރާވަޑައިގެން ފުރަތަމަ ވެސް މަރުހަބާ ދެންނެވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. އެއާ ވިއްދައި، އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެެ "ހިތްވަރާއި އެ މަނިކުފާނުގެ މަސައްކަތަށް ވެސް ސާބަސް" ދެއްވި އެވެ.
އޭނާ ކުރިން އިސް ރޯލްތަކެއް އަދާ ކުރެއްވި "ކުރީގެ މުސްކުޅި ޕާޓީ" ކަމަށްވާ އެމްޑީޕީއަށް އިންތިހާބު ގެއްލުނު ކަމަށް އޭނާ ގަބޫލު ކުރައްވާ ސަބަބުތައް ވެސް ޝިފާޒު ވިދާޅުވެދެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
-
ވަރަށް އާދޭހާ އެކު ދަންނަވަމުން ގެންދެވިން، އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އެއް ފަރާތް ނުކުރުމަށް؛ އެ އަޑެއް ނޭހި
-
ނަޝީދު އެއް ފަރާތް ކުރުމަށް ފަހު، ރައީސް ސޯލިހްގެ 25 އަހަރުގެ ސިޔާސީ ތަޖުރިބާއިން އެމްޑީޕީ "އަތަށް ކަހާލައިގެން"، ދެ ވަނަ ދައުރެއް ޔަގީން ކުރެވޭނެ ކަމަށް ހީކުރެއްވުން
-
ޗެއާޕާސަންގެ އިންތިހާބުގައި ރައީސް ސޯލިހް ފެކްޝަނަށް ލިބިވަޑައިގެންވި ކާމިޔާބީގެ ސަބަބުން ފޮނިވެ، ބޮޑާވުން
-
އެމްޑީޕީގެ މިހާރު އޮތް ލީޑާޝިޕުން، އާންމު މެންބަރުންގެ އިހްސާސްތަކަށް ބެލުމެއް ނެތި ކަންކަން ކުރުން؛ ފެނުނީ ލީޑާޝިޕު ޖަޒުބާތުގައި ޖެހިފައި އޮތް ތަން
"ތަކުރާރުކޮށް ދެނެވިން ތި ހަދަނީ ގޯހެކޭ، ގޯހެކޭ. އަޑު ނާއްސަވައި އެ ބޮޑާކަމާއި ކިބުރުވެރިކަމާ އެކު އެ ގަޓްކަން ދައްކާލާފައި އެކަން ކުރެއްވީމަ، މިއަދު އަޅުގަނޑުމެން މި ތިބީ ސިޔާސީ ޕާޓީއެއް ހަދައިގެން،" އެމްޑީޕީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ޝިފާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން [އެމްޑީޕީން ވަކިވެ ޕާޓީއެއް ހަދައިގެން] ނުކުތީ، މަގްސަދެއްގައި، އެ އަމާޒަށް. އެ އަމާޒަށް ބޭނުންވާ ވަރަށް ވޯޓު ހޯދިން. ދެން ކީއްކުރާނީ، އެކަން ކޮށްގެން މި ތިބީ. އެކަން ކުރަން ނުކުތީ، ފާޅުގައި އެ ވާހަކަ ދައްކާފައި."
ރައީސް ސޯލިހްގެ ސަރުކާރު ބަލިކުރުމަށް ޑިމޮކްރެޓްސްއިން މަސައްކަތް ކުރީ ސިއްރިއްޔާތުގައި ނޫން ކަމަށާއި، އެއީ ފާޅުގައި ކުރި ކަމެއް ކަމަށް ޝިފާޒު ވިދާޅުވި އެވެ. އެކަމުގެ މައްޗަށް ރުޅިގަދަވެގެން "މާދަމާއެއް ނުލިބޭނެ" ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"ދެން ކީއްކުރާނީ، އެކަން ކޮށްގެން މި ތިބީ. އެކަން ކުރަން ނުކުތީ ފާޅުގައި އެ ވާހަކަ ދައްކާފައި. އޭގެ މައްޗަށް ހަސަދަވެރިވާންވީކީ ނޫން. ރުޅިގަދަވާންވީކީ ނޫން... އެ ޕާޓީން އެއް ފަރާތް ވެފައި، ޑިމޮކްރެޓްސް އުފަންކޮށްފައި، ސީދާ އެ ވެރިކަން ބަދަލު ކުރަން ނުކުމެ އެކަން ކުރީ އަޅުގަނޑުމެން،" މިދިޔަ މާޗު މަހާ ހަމަައަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިފާޒު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އޭނާ އިތުރަށް ވިދާޅުވީ:
-
މުއިއްޒުގެ ވެރިކަމަކީ، ރާއްޖޭގެ ރައްޔިތުންނަށް އުންމީދީ ދުވަސްތަކެއް ގެނެސްދޭނެ ވެރިކަމެއް
-
ކުރިއަށް އޮތް މޭޔަރު އިންތިހާބަކީ، ޑިމޮކްރެޓްސް "ވަކަރަށް ޖަހާނެ އިންތިހާބު"؛ އެއާ އެކު، މުޅި ރާއްޖޭގެ ރައްޔިތުން އެ ޕާޓީއާ މެދު ދެކޭ ގޮތް ބަދަލުގެންދާނެ
އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބުގެ ރަނިން މޭޓް، ހުސައިން އަމުރު ވެސް ވަނީ އެމްޑީޕީގެ މިހާރުގެ ލީޑާޝިޕަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އިންތިހާބުގައި ލިބުނު ދަށް ނަތީޖާ އެކު، އެމްޑީޕީން ފުރަތަމަ ވެސް އަވަސްވެގަތީ، "ވުޖޫދުގައި ވެސް ނެތް" ނިޒާމީ ވޯޓަކާ ގުޅޭ ގޮތުން ޕާޓީން ގޮތެއް ނިންމުމަށް
-
ޗެއާޕާސަން އަކީ އޭނާ ނަމަ، ފުރަތަމަ ވެސް ކުރާނެ ކަމަކީ އިންތިހާބުން ނާކާމިޔާބުވި ސަބަބު ހޯދުމަށް މިނިވަން އޮޑިޓެއް ހެދުމުގެ މަސައްކަތް؛ އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭ މީހެއް ނަމަ، އެ މީހަކު މަގާމުން އެކަހެރިވުން
ބޮޑު ޕާޓީއެއްގެ ގޮތުގައި 2018ގައި ވެރިކަމަށް އައިސް، އެމްޑީޕީ "ކުޑަވަމުން، ކުޑަވަމުން އައިސް"، ހުރިހާ ބާރަކާ އެކު "ލިބުނު ވެރިކަން ވެސް ގެއްލުނީ"، އަމްރު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ތެރޭގައި "ލީޑާޝިޕެއް ނެތުމުން"ނެވެ.
"2018 އިން ފެށިގެން ވެސް އެ ލީޑާޝީޕް ނުފެނު. އެއީ އެ ވީ ގޮތަކީ،" އަމްރު ވިދާޅުވި އެވެ.
ކޮމެންޓް (2)
މަޖިލިސް
ފެރތ