އިންތިހާބީ ރައީސް ޑރ. މުއިއްޒު މަޖިލިސް ރައީސް ނަޝީދު އާ ބައްދަލު ކުރެއްވުން (ފޮޓޯ/މަޖިލިސް)

މުއިއްޒުގެ ރިޔާސީ ދައުރަށް ޖާގަ ދޭން ނިޒާމީ ވޯޓު މަޑުޖައްސާލައިފި

ނަޝީދު ވިދާޅުވި ގޮތުގައި ފަހުން އެ ވޯޓު ނެގުމަށް މުއިއްޒު އެބަސްވެވަޑައިގެންފައިވޭ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރަށް ޖާގަ ދިނުމުގެ ގޮތުން، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި މަހު 30ގެ ކުރިން ނަގަން މަސައްކަތް ކުރި ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މަޑުޖައްސާލުމަށް ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންމެއަކު ހާމަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ނަޝީދާއި މުއިއްޒު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި މި ކަމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވަނީ އެކަން ހާމަކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "މިހާރު އަޅުގަނޑު ވެސް އަދި އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން ވެސް އެދެނީ، އެ މަސައްކަތް މި ވަގުތު ނުކޮށް، ޑިމޮކްރެޓްސް ޕާޓީން އެދެނީ، ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށޭ [މުއިއްޒަށް ދެންނެވިން]،" އިއްޔެ މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ނަޝީދު މިއަދު ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑު އިއްޒަތްތެރި މެންބަރުންގެ އަރިހުން އެދެނީ، ރިޔާސީ މި ދައުރު ރީތިކޮށް ފެށުމަށާ އަދި ޑރ. މުއިއްޒަށް ރައީސްކަން ރީތިކޮށް ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެންމެން ވެސް ފަހިކޮށްދިނުމުގެ ގޮތުންނާ އެކު، އެ ބޭފުޅާއަށް މި ޖާގަ އެރުވުން. ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މި ވަގުތައް އިހަށް މަޑުޖައްސާފައި ބޭއްވުން."

ތަފްސީލު - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ނިޒާމީ ވޯޓާ ގުޅޭ ގޮތުން މަޖިލީހަަށް ހުށަހަޅައިގެން، މި މަހުގެ 30ގެ ކުރިން އެ ވޯޓު ނެގުމަށް މަޖިލީހުން މިދިޔަ މަހު ފަހުކޮޅު ހުށަހެޅި ގަރާރު ހުށަހަޅުއްވާފައިވަނީ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެބެވެ. އިއްޔެ މަޖިލީހުގައި ހިނގައިދިޔަ ބަހުސްގައި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެ ވޯޓު ފަހުން ނަގަން ބޭނުންވާކަން ހާމަކުރައްވާފަ އެވެ.

ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ:

  • އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާކަން، އިއްޔެ މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެންނެވިން؛ ނަމަވެސް، އެ މަނިކުފާނާއި ޑިމޮކްރެޓްސްއިން މިހާރު ބޭނުން ވަނީ، އެ ވޯޓުގެ މަސައްކަތް މަޑުޖައްސާލައި މުއިއްޒުގެ ވެރިކަމަށް ފުރުސަތު ދޭން

  • މި ވަގުތަށް އެ ވޯޓު މަޑުޖައްސާލި ނަމަވެސް، ފަހުން އެ ވޯޓުގެ މަސައްކަތް ކުރުމަށް ބޭނުންވާކަން މުއިއްޒު ހާމަކުރެއްވި

"އެނގިވަޑައިގަންނަވާނެ އިއްޔެ ޕްރެޒިޑެންޓް އިލެކްޓް ޑރ. މުއިއްޒުއާ އަޅުގަނޑު ބަދަލުކުރިން މަޖިލީހުގައި. އެ ބައްދަލުވުމުގައި ޑރ. މުއިއްޒުއަށް އަޅުގަނޑު ޔަގީންކަން އެރުވިން، ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅާގެ ހުވާކުރުމާއި ސަރުކާރު ފަށައިގަތުމާ ގުޅޭ ގޮތުން ކޮށްދޭން ޖެހޭ ކަންކަމަށް މި މަޖިލީހުގެ ތަރުތީބުތަކުގެ ތެރެއިން އަޅުގަނޑުމެން އެއްބާރުލުން ދެމުން ގެންދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. (ފޮޓޯ/ މަޖިލިސް)

ނަޝީދު ވިދާޅުވީ، މި ވަގުތަށް އެ ވޯޓު މަޑުޖައްސާލުމަށް މުއިއްޒުގެ އަރިހުގައި އެއްބަސްވެވަޑައިގެންނެވި ނަމަވެސް، "ނިޒާމީ ވޯޓުގެ ވާހަކަ ރާއްޖޭގެ ސިޔާސީ މަސްރަހުން ފިލައިގެން ނުދާ ކަމަށް" އެމަނިކުފާނަށް ދެންނެވި ކަމަށެވެ. އެހެންކަމުން، އަދިވެސް އެ ވޯޓުގެ މަސައްކަތް ފަހުން ކުރެއްވުމަށް މުއިއްޒުގެ އަރިހުގައި އެދިވަޑައިގަތުމުން، އެ ކަމަށް ފެހި ސިގްނަލެއް މުއިއްޒު ދެއްވިކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އެދުނީމަ [މުއިއްޒު] ވިދާޅުވި، [އެކަށީގެންވާ] ވަގުތުގައި އެ މަސައްކަތަށް އަނބުރާ ގޮސް، ފެންނަ ނުފެންނަ ވޯޓު އަހައި އެ މަސައްކަތް ކުރިއަށް ގެންދެވިދާނޭ. އަޅުގަނޑަށް ފެންނަ ތަނުގައި ވަރަށް ހިތްހަމަޖެހޭ ވާހަކައެއް ވިދާޅުވީ. އެއީ، މި ގަޑީގައި އެ މަސައްކަތް ނުކުރެއްވި ނަމަވެސް، އެ ބޭފުޅާ ވެސް ދެކަވަޑައިގަންނަވާ ގޮތުގައި، މި މަސައްކަތް އެއީ ފަހުން ކުރެވެން އޮތް މަސައްކަތެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، މި ވަގުތަށް އެ ވޯޓުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުން މަޑުޖައްސާލިކަން ނަޝީދު ހާމަކުރެއްވި އެވެ. 

"އެހެންވީމަ، އަޅުގަނޑު ގަސްދުކުރަނީ އެޖެންޑާގައި އެ މަސައްކަތް އޮތް ކަމުގައިވީ ނަމަވެސް، [އެ އައިޓަމް] ދޫކޮށް، އިބްތިދާއީ ބަހުސް ހަ ވަނަ އައިޓަމަށް ދާން،" ނަޝީދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގޮތް ދޫކުރައްވައި ނިޒާމީ ވޯޓުގެ މަސައްކަތް މަޑުޖައްސާލިކަން ނަޝީދު ހާމަކުރެއްވިއިރު، މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށެވެ.

އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ބައްދަލުވުމުގައި ރިޔާސީ ނިޒާމަށް ތާއީދުކުރައްވާކަން ހާމަކުރައްވައި އެ ކަމުގައި އަމަލީ ގޮތުން އުޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

5 އޮކްޓޯބަރު 2023
ހިޔަޅަށް މޭބިސްކަދުރު ނުބައިވިގޮތާއި، މުއިއްޒުގެ ރިޔާސީ ދައުރަށް ޖާގަ ދޭން ނިޒާމީ ވޯޓު މަޑުޖައްސާލިގޮތާއި އެއްވެސް ގުޅުމެއް ނެތް. ވަރަށް ވެދުން
0 0

ނަޖުމުއްދިޏް

4 އޮކްޓޯބަރު 2023
އެމްޑީޕީން ޕާޓީ ނިޒާމު ނޫންގޮތެއް ކަމަށް 2024ގަ ނިންމާ އެޕާޓީ އުވާލާނެ ކަމަށް ހިސާބުތައް ދައްކައިފި
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް