9 ސެޕްޓެމްބަރ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސްއިން ބައިވެރިވާނެކަން ހާމަކޮށްފި

ޑިމޮކްރެޓްސް އިން މިކަން އިއުލާނު ކުރީ، އެ ޕާޓީގެ ބާނީ ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ހުށަހަޅުއްވާފައި ވަނިކޮށް
1 އޮކްޓޯބަރު 2023
2

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާ، ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިންތިހާބީ ރައީސް، ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެކަން އެ ޕާޓީން މިއަދު އިއުލާން ކޮށްފި އެވެ.

ވީ ކިހިނެއް؟ - ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފް ޕާޓީގެ ފަރާތުން އެކަން އިއުލާނު ކުރައްވާފައިވަނީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުން އެ ޕޯސްޓް، ރީޕޯސްޓް ވެސް ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ޕޯސްޓްއާ ގުޅިގެން 'ދައުރު'އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، ޑިމޮކްރެޓްސް އޮތީ މުއިއްޒުގެ ސަރުކާރެއްގައި ބައިވެރިވާން ތައްޔާރަށް ކަމަށެވެ. އަދި މުއިއްޒުގެ ފަރާތުން، ޑިމޮކްރެޓްސްއަށް އެ ފުރުސަތު ފަހިވެފައިވާ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ބައިވެރިވުން މުއިއްޒުގެ ސަރުކާރެއްގައި އޮންނާނީ ކިހާ މިންވަރަކަށް، އަދި ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން، ހަސަން ލަތީފް ވިދާޅުވީ، އެ ތަފްސީލުތައް އެނގިލައްވާނީ މުއިއްޒުގެ ޓީމްތަކާއެކު ބޭއްވޭ މަޝްވަރާތަކަށް ފަހު ކަމަށެވެ.

އެކަމާ ގުޅޭ މަޝްވަރާތައް ފެށޭނެ ސީދާ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ނަމަވެސް، ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނޭ ކަމަށް ހަސަން އުންމީދުކުރައްވަ އެވެ.

ފާހަގަކޮށްލެވޭ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ދެ ޕާޓީއިން ބޭއްވި މަޝްވަރާތަކުން އަނގަބަހުން އެއްބަސްވެފައި ވަނީ ޑިމޮކްރެޓުން ސަރުކާރުގައި ބައިވެރި ކުރާ ގޮތަށެވެ. 

އެނގުން މުހިއްމު - މުއިއްޒުގެ ވެރިކަމުގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ބުނެފައި މި ވަނީ، އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބައި މެމްބަރުން ރުހޭ ނަމަ، ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ. 

އެ މެސެޖާއެކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ގެންދަނީ ނަޝީދު އަނބުރާ އެމްޑީޕީއަށް ގެނައުމާ ދެކޮޅު ހަދައި އެމަނިކުފާނު ބޭނުންވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރަން ތާއީދު ނުކުރާނެ ކަމަށް ބުނެ ހިޔާލުފާޅު ކުރަމުންނެވެ.

އިތުރަށް ކިޔާލަން:

ފަސްމަންޒަރު - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނަޝީދަކީ އެ މަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ނަމަވެސް، ސިޔާސީ ގޮތުން ދެ ބޭފުޅުން ހިޔާލު ތަފާތުވުންތައް ބޮޑުވެ ދެ ބޭފުޅުން ވާހަކަ ނުދައްކަވާތާ ވެސް ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ.

އެއަށް ފަހު، އެ ދެ ބޭފުޅުން ވަނީ މިދިޔަ މަހުގެ 24ގައި ރައީސް އޮފީހުގައި ކުރު ބައްދަލުކުރެއްވުމަށް ބާއްވަވާފަ އެވެ. އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ފުރޮޅާލަން ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅާއި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ނަޝީދު އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު އެ ޕާޓީން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އެ ޕާޓީ މެދުވެރިކުރައްވައި ރައީސް ސޯލިހާ ދެކޮޅަށް އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ.

9 ސެޕްޓެމްބަރ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ދަ ޑިމޮކްރެސްޓްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދަވައިފަ އެވެ. އެއާއެކު، އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީޕީއެމް-ޕީއެންސީ އާ އެކު ކޯލިޝަން ހަދަން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ޝަރުތުތަކަށް އެއްބަސް ނުވެވި، ޑިމޮކްރެޓްސް އިން ނިންމީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނޭރުމަށެވެ. 

އިއްޔެ ބޭއްވި ދެ ވަނަ ބުރު، ރައީސް ސޯލިހާ ވާދަކުރައްވައި ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ނަޝީދުގެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ފާޅުގައި މުއިއްޒަށް ތާއީދުކުރެއްވި އެވެ.

ކޮމެންޓް (2)

ފިރާ

2 އޮކްޓޯބަރު 2023
ކަމުދާބައެއްނޫންތީ..ތުރާކުރާނީ ބައިވެރިކުރުވިޔަސް. އެކަނި ބައިތިއްބާ.
1 0

ބޮޑުމެހިމާބުރު

2 އޮކްޓޯބަރު 2023
މިބައިމީހުންގެ ދިރިއުޅުމަކީމިއީބާ؟ އެމްޑިޕީ ފަނިކުރިގޮތަށް މުއީޒުގެ ވެރިކަން ފަނިކުރާނެބައެއްތިޔާ! ހެޔޮނުވާނެ، ކޮންމެވެސް އަނެއްރާއްޖެޔަކަށްގޮސް ފޮނިކޮޅުބާލާބަޔެއްތިޔާ! ރާއްޖޭގެ %7 ވޯޓްލިބުނުބަޔަކީ ފެއިލްވެފައިއޮތް ބައެއް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް