15 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރުން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ގޮވާލީ ނަޝީދާއި ބަރުލަމާނީއަށް ނޫނެކޭ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ދެކޭ ގޮތުގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ ނަޝީދުގެ ސަބަބުން ކުރިމަތިވި ކަމެއް
1 އޮކްޓޯބަރު 2023
1

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ އެމްޑީޕީއަށް ގެނައުމާ ދެކޮޅަށާއި އެމަނިކުފާނު ބޭނުންވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ދެކޮޅު ހަދައި ހިޔާލުފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ %50 އަގުލަބިއްޔަތުން ނިންމައިފި ނަމަ އެމްޑީޕީއާ އަލުން ގުޅެން ތައްޔާރު ކަމަށް ވިދާޅުވެ ނަޝީދު މިއަދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ފޮނުއްވި މެސެޖް އޭނާ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރުމާ އެކު މެންބަރުން ވަނީ އެކަމާ މެދު ހިޔާލުފާޅުކޮށްފަ އެވެ. އެގޮތުން: 

  • ގިނަ މެންބަރުން ވަނީ ނަޝީދު އަނބުރާ ގެނައުމާ ދެކޮޅަށް ވާހަކަ ދައްކަވާފައި؛ ނަޝީދު އަނބުރާ ގެންނަން ތާއީދުކޮށް ވާހަކަ ދެއްކެވީ 3 މެންބަރަކު

  • ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލުމަށް ނަޝީދު ކުރައްވާ މަސައްކަތަށް ތާއީދެއް ނެތް ކަމަށް ބުނެވެސް ހިޔާލުފާޅުކުރި

ތަފްސީލް - އެމްޑީޕީގެ ނިންމުންތައް ނިންމާ އެންމެ މަތީ މަޖިލީސް، ގައުމީ މަޖިލީހުގައި އިންނަވާ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ގްރޫޕްގައި ލިޔުއްވި ގޮތުގައި އެކަނި ހުންނަން ޖެހުނަސް އޭނާ ހުންނާނީ ރައީސް ސޯލިހުގެ ފަހަތުގަ އެވެ.  އަދި ބަރުލަމާނީއަށް ބުނަން އޮތީ "ނޫން، ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ. 

ގައުމީ މަޖިލީހުގައި ދ. ކުޑަހުވަދޫ ދާއިރާ ތަމްސީލް ކުރައްވާ އެ ދާއިރާގެ ރައީސް، ޝާތިރު އަބްދުއްރަހުމާން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ %50 މެންބަރުންގެ ތާއީދާ އެކު ނަޝީދު އަނބުރާ އެމްޑީޕީއަށް ގެންނަ ނަމަ، އޭނާ ޕާޓީގައި ނުހުންނާނަން ކަމަށެވެ. އަދި އެކަމާ އޭނާ ކަނޑައެޅިގެން ދެކޮޅު ހަދާނޭ ކަމަށް ވިދާޅުވި އެވެ. 

ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ބަރުލަމާނީ ގެންނަން ނަޝީދު އުޅުއްވަނީ "އަމިއްލަ އެނދުންވެރިކަން އިސްކޮށްގެން ވެރިކަން ތިމާ ބޭނުންވެގެން" ކަމަށެވެ. 

އެމްޑީޕީ އެއް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވެސް ހިޔާލުފާޅުކުރައްވަމުން ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވުމުގެ އެންމެ ބޮޑު ސަބަބަކީ ޕާޓީގެ ތެރެއިން ނަޝީދު ނިކުމެ ވަޑައިގަތް ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހައްދަވައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރެއްވި ބޭފުޅަކު އަނބުރާ އެމްޑީޕީއަށް ގެނައުމާ ދެކޮޅަށް އޭނާ އެކަނި ނަމަވެސް މަސައްކަތް ކުރައްވާނޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާ އިބްރާހިމް ވަހީދު ވިދާޅުވި އެވެ. 

ޖުމްލަކޮށް ގައުމީ މަޖިލީހުގެ ގްރޫޕްގައި ހިޔާލުފާޅުކުރި މެންބަރުން ވަނީ ބަރުލަމާނީއަށް ތާއީދު ކުރެވެން ނެތް ކަމަށާއި ނަޝީދު އުޅުއްވަނީ ދަނޑިވަޅުގެ ފައިދާ ނަގައި ބަރުލަމާނީ ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި އެމްޑީޕީ ބޭނުން ކުރަން ކަމަށް ތުހުމަތު ކުރައްވައި އެކަމަށް ޖާގަ ނުދޭނޭ ކަމަށް ވިދާޅުވެފަ އެވެ. 

ފާހަގަކޮށްލެވޭ - އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ގައުމީ މަޖިލީހުގެ ގްރޫޕްގައި ވިދާޅުވެފައި ވަނީ ބަރުލަމާނީއަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ތާއީދު ނުކުރެވޭނޭ ކަމަށާއި އެއީ ރައްޔިތުން ވޯޓްލައިގެން ނިންމި ނިންމުމެއް ފުރޮޅާލުން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށް ފައްޔާޒު ގްރޫޕްގައި ވިދާޅުވި އެވެ.

  • އިންތިހާބުން ބަލިވުމަށް ފަހު އެމްޑީޕީގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުން

ކޮމެންޓް (1)

ވިންޑަރސަން

2 އޮކްޓޯބަރު 2023
މިހާރުގެ ރައީސް އެއީ ބަރުލަމާނީގެ ރައީސުލްޖުމްހޫރިއްޔާ. ރައީސްގެ ބާރުތައް އޮންނާނީ ސިފައިން ފުލުހުން ޖުޑިޝަރީ އަދި މިނިވަން މުއައްސަސާތަކަށް އަދި މަޖިލިސް އަލުން ހޮވުމަށްފަހު ބޮޑުވަޒީރަށް ރޔާމީނު ގެނައުމަށް އަހަރެން ތާޢީދު. އެއީ ތަަރައްގީގެ ބާނީ. ސަރުކާރު ހިންގާނީ ބޮޑުވަޒީރު. ރައީސް ޔާމީނުވެސް ތާއީދު ކުރަނީ ބަރުލަމާނީއަށް
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް