ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަކަށް ފަހު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީޑިއާތަކާ ބައްދަލުކުރައްވަނީ. (ފޮޓޯ/ހުސައިން ސުނޭން)

ރައީސަކު އިންތިހާބުކޮށްފައި ވަނިކޮށް ނިޒާމީ ވޯޓެއް ނެގުން ގާނޫނުއަސާސީގެ ރޫހާ ހިލާފު: ގާސިމް

މިއީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން އުޅޭ ވޯޓެއް ކަމަށް ވެސް ގާސިމް ތުހުމަތުކުރެއްވި

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވައި ވެރިކަން ކުރުމަށް ރައްޔިތުންގެ އަގުލަބިއްޔަތުން ވެރިއަކު ހޮވާފައި ވަނިކޮށް، އިންތިހާބީ ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނު ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން ވަނީ، ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ގަރާރު މަޖިލީހުން ފާސްކޮށްފައި ވާއިރު، މި މަހުގެ 29ގައި އެ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

އީސީން ވަނީ، އެފަދަ ވޯޓެއްގައި އަހާނެ ސުވާލު ސާފުކޮށްދިނުުމަށް މަޖިލީހުގެ އިދާރާގައި އެދިފަ އެވެ. 

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފަ އެވެ. މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ %53.78 ވޯޓާ އެކު އެވެ.

ތަފްސީލް - އިއްޔެ ނިމުނު އިންތިހާބާ އެކު، ނިޒާމީ ވޯޓު ނެގުމަކީ މިވަގުތު ކުރަން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، އިންތިހާބުގެ ފުރަތަމަ ބުރުން ބޮޑު ނާކާމިޔާބީއަަކާ ކުރިމަތިލާން ޖެހުނު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • އިއްޔެގެ އިންތިހާބުގެ ނަތީޖާ ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައު ވެސް ބަލައިގަނެ، ގަބޫލުކޮށްފައިވަނިކޮށް، އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ކުރިން ވެރިކަން ކުރަންވީ ކޮން ނިޒާމަކުންތޯ ބެލުމަށް އަލުން ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު އަދި ބައިނަލްއަގުވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލުތަކާ ވެސް މުޅިން ހިލާފު ކަމެއް

  • މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލުކޮށްފައިވާ ގޮތެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ވެރިކަމުގެ ބާރުވެރިކަން ހޯދުމުގެ ނިޔަތުގައި، "ބާރު ހުރި ފަރާތްތަކުން ގާނޫނުއަސާސީ އާއި ގާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަޑުބަޑު ކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫން" ކަމަށެވެ.

"ތިމާމެން އެދޭ ގޮތް ހާސިލްކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ގައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިގުތިސޯދީ ހަމަޖެހުން ގެއްލި، ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ:

  • މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ގައުމުގައި އުފެދިގެން ދާނީ ފިތުނަ އާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑެއް

  • މިއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން

  • ވެރިކަމުގެ ނިޒާމާ މެދު ނަގަން އުޅޭ ވޯޓަކީ، ވަކި ޕާޓީއަކުން އެ މީހުންނަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އޭގެ ނާޖައިޒު ފައިދާ ނަގައިގެން ކުރަން އުޅޭ ކަމެއް

  • ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން އުޅޭ ވޯޓެއް ކަމަށް

  • މިއީ ރައްޔިތުން ގަބޫލު ކުރާނެ ވޯޓެއް ނޫން އަދި ތާއީދު ކުރާނެ ވޯޓެއް ވެސް ނޫން ކަމަށް ގަބޫލު ކުރެވޭ

ގައުމުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބުކުރި ފަރާތްތަކާ ހަވާލުކޮށް، އަމާންކަމާ އެކު ގައުމައިގެން ކުރިއަށްދިއުމަކީ އެންމެ އިސް ވާޖިބު ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމު ކުރިއަށް ގެންދެވޭނީ ގައުމަށް ހަމަޖެހުން ލިބިގެން ކަމަށާއި، ނިޒާމީ ވޯޓެއް ނަގައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުން ރައްޔިތުންނަށް ލިބޭނެ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެފަދަ ނިޒާމަކުން ފައިދާ ލިބޭނީ މަޖިލިސް މެންބަރުންނާއި މަދު ވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް އައްޔަންކުރެވޭ މެންބަރުންނަށާއި ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ނިޒާމީ ވޯޓަކަށް ގާސިމް ދެކޮޅު ހައްދަވާފައި ވާއިރު، އިއްޔެގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ދެ ވަނަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް އޭގެ ފަހުން ނިޒާމީ ވޯޓުގެ މަސައްކަތް ފައްޓަވާނެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ފުރޮޅާލުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް ނަޝީދުއާ އެކު މިދިޔަ މަހުގެ ފަހުކޮޅު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް