ކެމްޕެއިން ހަރަކާތެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އަނިޔާވެރިއެއް ނުވާނަން؛ ވާދަވެރިން ޖަލަކަށް ވެސް ނުލާނަން: މުއިއްޒު

ވާދަވެރިން މުއިއްޒަށް އަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި އޮތް ކަމަށް ބުނާ އަނިޔާވެރިކަން އަނެއްކާވެސް އިއާދަވާނެ ކަމަށް

އޭނާގެ ސަރުކާރެއްގައި ސިޔާސީ ބޭނުމުގައި މީހަކަށް އަނިޔާވެރި ނުވާނެ ކަމަށާއި ވާދަވެރިއަކު ވެސް ސިޔާސީ ގޮތުން ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ވާދަވެރިން މުއިއްޒަށް އަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި އޮތް ކަމަށް ބުނާ އަނިޔާވެރިކަން އަނެއްކާވެސް އިއާދަވާނެ ކަމަށެވެ. އެގޮތުން، މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި އެ ސަރުކާރުގައި ސިޔާސީ ލީޑަރުން ޖަލަށްލީ ގޮތަށް، މުއިއްޒުގެ ވެރިކަމުގައި ވެސް ވާދަވެރިން ޖަލަށްލާނެ ކަމަށް ތުހުމަތު ކުރެ އެވެ.

'ދައުރު'ގެ 'ރިޔާސީ ވާހަކަ' ޕްރޮގްރާމްގެ ފަސް ވަނަ އެޕިސޯޑްގައި ބައިވެރިވެވަޑައިގެން، މުއިއްޒު ވަނީ އެ އަމާޒު ކުރާ ފާޑުކިޔުންތަކަށް ޖަވާބު ދެއްވާފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުގެ ހަމަ އަކީ، ރޭގަނޑު ގެއަށް ގޮސް ހަމަޖެހިގެން ނިދާލަން ބޭނުން އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަންނަ ކަމުގެ ހިތްހަމަޖެހުމަކާ އެކު. އަޅުގަނޑަށް ކޮން ހިތްހަމަޖެހުމެއް ލިބިގެންވަނީ، މީހަކަށް އަނިޔާވެރިވެގެން [ނުވަތަ] ބަދަލު ހިފާފައި؟ ނުކުރާނަން އެ ކަމެއް. އެއީ އަޅުގަނޑުގެ ސަރުކާރެއްގައި ފެންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އެކަން ކުރާ މީހަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނަން."

ތަފްސީލު - މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ވެރިކަމަށް ވާދަކުރައްވަނީ އޭނާ ކަމަށާއި ޕޯޑިއަމްގައި ދައްކަވާ ކޮންމެ ވާހަކައެއް ވެސް ދައްކަވަނީ އޭނާ އެވެ.

"އަޅުގަނޑު ރައްޔިތުން ގާތަށް މި އަންނަނީ. އަޅުގަނޑު ވައުދު މި ވަނީ، އަޅުގަނޑު ޕޯޑިއަމް ކުރިމަތީގައި ވާހަކަދައްކަނީ. އަޅުގަނޑު މި ބުނަނީ، އަޅުގަނޑު އެ ދައްކާ ކޮންމެ ވާހަކައަކަށް އަޅުގަނޑު ޒިންމާވާން ޖެހޭނެއޭ. އަޅުގަނޑަށް ޒިންމާ ނުނެގޭ ވާހަކައެއް ނުދައްކާނަން،"  އޭނާ ވިދާޅުވި އެވެ.

"އަނިޔާވެރިކަން އެއީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން. އެއްވެސް މީހަކަށް އަނިޔާ ވެގެން ނުވާނެ."

އެއްވެސް ވާދަވެރިޔަކު ޖަލަށްލާނެތޯ އެހުމުން މުއިއްޒު ވިދާޅުވީ، އެކަން އޭނާގެ ސަރުކާރެއްގައި ނުފެންނާނެ ކަމަށެވެ.

"ވާދަވެރިން، ވާދަވެރިވެގެން [އަދި] ސިޔާސީ ވެގެން އަޅުގަނޑާ ހިޔާލު ތަފާތުވެގެން، އަޑުއުފުލައިގެން އެއްވެސް ފިޔަވަޅެއް ނާޅާނަން،" މިނިވަންކަމާ އެކު ސިޔާސީ މަސައްކަތް ކުރުމަށް އެ ފުރުސަތު ހުޅުވާލާފައި އޮންނާނެކަން ފާހަަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

"ހުރިހާ އެންމެނަނަށް އެ ފުރުސަތު ދޭނަން. މިއިން ދުވަހަކު ނުލިބޭ ވަރުގެ ފުުރުސަތު ދޭނަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް