ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކަރަންޓް ބިލް ފްލެޓް ރޭޓްގައި ފޮނުވޭނީ އަންނަ ޖެނުއަރީން ފެށިގެން: ޝަރީފް

ޝަރީފު ވިދާޅުވީ ކަރަންޓަށް ފްލެޓް ރޭޓް ކަނޑައަޅަން ނިންމުމަކީ ރައީސްގެ ހިތްވަރުގަދަ ނިންމެވުމެއް ކަމަށްް
25 ސެޕްޓެމްބަރު 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ގޮތަށް ކަރަންޓް ބިލް ކުރާ ރޭޓަށް ފްލެޓް ރޭޓެއް ކަނޑައަޅައި އެގޮތަށް ބިލް ކުރަން ފެށޭނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ -  މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާވެޔޮ މަގުގައި ހުންނަ އެމްޑީޕީގެ 'ހުވަދޫ ޖަގަހަ'އިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނ ީކަރަންޓް ބިލް އަގުހެޔޮ ކުރުމުގެ ގޮތުން އާންމުން ދިރިއުޅޭ ހުރިހާ ގެއަކުން ކަރަންޓް ބިލު ހިސާބު ކުރުމުގައި ގެންގުޅޭ ބޭންޑްތައް އުވާލައި އެއް ރޭޓަކުން ބިލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެ ދުވަހު އެކަމުގެ ތަފްސީލެއް ރައީސް ސޯލިހު އެރޭ ދެއްވާފައެއް ނުވެ އެވެ.

ރައީސްގެ އެ ނިންމުމާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނެސްދޭ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - "ގާތްގަޑަކަށް ހަމަ އަޅުގަނޑުމެންގެ ދެވަނަ ދައުރުގެ އެންމެ ފުރަތަމަ ދެ މަހެއް ނުވަތަ ތިން މަހެއްގެ ތެރޭގައި މީތި [އެއް ރޭޓެއްގައި ކަރަންޓް ބިލު ކުރެވުމުގެ] އަންދާޒާ ކުރެވޭ އަޅުގަނޑުމެންނަށް އިިމްޕްލެމެންޓު ކުރެވޭނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.

ޓާގެޓެއް ކަނޑައަޅާ ކަމަށްވަންޏާ 2024 ގެ ޖެނުއަރީ އިން ފެށިގެން ހަމަ ފެށޭވަރު ވުމަކީ ވަރަށް ގާތްކަމެއް

އަހްމަދު ޝަރީފު / ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު

އެއް ރޭޓެއްގައި ކަރަންޓަށް ބިލް ކުރުމުގެ ކުރިން ސަރުކާރާއި އަދި އެހެން އިދާރާތަކާ ގުޅިގެން ކުރެވެމުންދާ މަޝްވަރާތަކަަށް އިޝާރަތް ކުރައްވައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ:

  • ކަނޑައެޅޭނެ ޓެރިފް ރޭޓާ ގުޅިގެން ދަނީ މަޝްވަރާ ކުރެވެމުން

  •  އެއް ރޭޓެއްގައި ކަރަންޓް ބިލް ކުރުމުގެ ސަބަބުން ސްޓެލްކޯގެ އާމްދަނީ އަށް އަސަރު ކުރާނެ

  • އާމްދަނީ އިން ކުޑަ ކުރެވޭނީ އަދި ހިފެހެއްޓޭނީ ކިހާވަރަކަށްތޯ ބެލުމުގެ ދިރާސާގެ މަަސައްކަތްތައް ވެސް ދަނީ ކުރެވެމުން

ސްޓެލްކޯ އިމާރާތް

"ފުރަތަމަ ކަމަކީ އަޅުގަނޑުމެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާ ކުރެވެމުން މި ދަނީ ޓެރިފް ރޭޓް ކަނޑައެޅޭނެ މިންވަރަކީ ކޮބައިތޯ،" ޝަރީފް ވިދާޅުވި އެވެ.

"އަދި އެހެން ނަމަވެސް ދާދި އިހަކަށް ދުވަހު ކަނޑައެޅުނު ޕޮލިސީ ޑިޒިޝަންއަކަށް ގުޅިގެން ވީމައި އަޅުގަނޑުމެން މަޝްވަރާ ކުރަމުން ދާއިރުގައި އަޅުގަނޑުމެން ކުންފުންޏަށް މިސާލަކަށް ސްޓެލްކޯއަށް މިކަމުގެ ސަބަބުން އާމްދަނީ އިން ކިހާވަރަކަށް މިންވަރަށްތޯ ކުޑަ ވާނީ ކިހާވަރަކަށްތޯ އެ އާމްދަނީ ހިފަހައްޓަން ޖެހޭނީ އެ ބެލުމުގެ މަސައްކަތްތައް ދިރާސާ ކުރަމުން މި ދަނީ." 

'އެންމެ ކުޑަ ރޭޓުން ބިލް ކުރާ ނަމަ %52 ކުޑަވާނެ'

ޝަރީފު ވިދާޅުވީ މިހާރުގެ އޮންނަ އުސޫލުގެ ދަށުން 1،000 ޔުނިޓުގެ ބިލަކަށް ވާނަމަ، އޮންނަ 7 ބޭންޑުން ވެސް ބިލު ކުރެވޭނެ ކަމަށެވެ.

އެނގުން މުހިންމު - މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، ސްޓެލްކޯ އިން މިހާރު ބިލު ހަދަނީ ކަރަންޓް ބޭނުންކުރާ ވަރު ގިންތިކޮށް، ބޭންޑުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މިހާތަނަށް ކަރަންޓަށް ބިލުކުރަމުން އައީ:

  • ފުރަތަމަ 100 ޔުނިޓަށް - ޔުނިޓަކަށް 1.50ރ 

  • 101 އާއި 200 ޔުނިޓާ ދެމެދު - ޔުނިޓަކަށް 1.70ރ

  • 201 އާއި 300 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.15ރ

  • 301 އާއި 400 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.50ރ

  • 400 އާއި 500 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.95ރ

  • 501 އާއި 600 ޔުނިޓާ ދެމެދު - ޔުނިޓަކަށް 3.55ރ

އެ ބޭންޑުތައް ފާހަގަ ކުރައްވަމުން ޝަރީފު ވިދާޅުވީ މިހާރު އޮންނަ 7 ބޭންޑުގެ ތެރެއިން އެންމެ ކުޑަ ބޭންޑު ކަމަށްވާ ޔުނިޓަކަށް 1.50ރ އަކީ ފްލެޓް ރޭޓް ނޫނީ އެއް ރޭޓަކުން ބިލު ކުރާ ރޭޓު ކަމަށް ކަނޑައަޅައިފި ނަމަ، އޭގެ ސަބަބުން އާންމުންގެ ބިލު ތަކުން %31 އާއި %52ގެ ކުޑަވުމެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް. (ފޮޓޯ/ސްޓެލްކޯ)

ޝަރީފު ވިދާޅުވީ މިހާރު އޮންނަ އުސޫލުގެ ދަށުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުުރުވެ ބޭންޑުތައް މަތި ވުމަކީ ބިލު ބޮޑުވުމުގެ އެއް ސަބަބު ކަމަށާއި އެހެން ނަމަވެސް ރައީސްގެ ނިންމެވުމާއެކު 1،000 ޔުނިޓު ބޭނުންކުރާ ގެއަކުން ވެސް ބިލު ކުރެވޭނީ އެއް ރޭޓެއްގައި ކަމަށެވެ. އަދި ރައީސްގެ އެ ނިންމެވުމަކީ ވަރަށް ހިތްވަރުގަދަ އަދި މުހިންމު ނިންމެވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި ވަރަށް ވަރަށް ހިތްވަރުގަދަ އަދި ވަރަށް މުހިންމު އަދި ވަރަށް އިހްލާސްތެރި ރައްޔިތުންނާ ދޭތެރޭގައި އޯގާތެރިކަމާ އެކީ ވިސްނަވާ ބޭފުޅަކަށް ނޫނީ ކަނޑަނޭޅުއްވޭނެ ސިޔާސަތެއް. އެހެންވީމާ އެއީ ވަރަށް މުހިންމު ކަމެއް،" ރައީސްއަށް ތައުރީފު ކުރައްވަމުން ޝަރީފު ވިދާޅުވި އެވެ.

"މި ރޭޓަށް ބަލާލާއިރުގައި ފްލެޓް ރޭޓެއް ކަނޑައެޅުމާ އެކީގައި 1000 ޔުނިޓު ބޭނުން ކުރިޔަސް އަދި 500 ޔުނިޓު ބޭނުން ކުރިޔަސް އަދި  އަޅުގަނޑު މި ދެންނެވި 7 ބޭންޑުު، އެ ބޭންޑްތައް ދާނީ އެއް ބޭންޑަކަށް ކަނޑައެޅިގެން. އޭގެ ފަހުން 500 ބޭނުންކުރާ މީހުންނަށް ވެސް، 1100 ޔުނިޓު ބޭނުންކުރާ މީހުންނަށް ވެސް އަދި އެއަށް ވުރެ މަތިން ބޭނުންކުރާ މީހުން ކަމުގައި ވިޔަސް މީހުން ދިރިއުޅުމުގައި ބޭނުންކުރާ މީޓަރެއް ވެއްޖެއްޔާމުން އެ މީޓަރެއް އިިންނާނީ ފްލެޓް ރޭޓަކުން ބިލް ކުރެވިގެންދާނީ."

ސްޓެލްކޯގެ އިންޖީނު ގެއެއްގައި ރައީސް ސޯލިހު އަދި އަހްމަދު ޝަރީފު (ފޮޓޯ/ސްޓެލްކޯ)

ޝަރީފު ވަނީ ސްޓެލްކޯއިން ހިދުމަތް ހޯދާ ފަރާތްތަކުގެ ކަރަންޓްގެ ހޭދައިގެ މިސާލުތައް  ފާހަގަކުރައްވާފަ އެވެ. އެގޮތުން ޝަރީފު ވިދާޅުވީ:

  • ސްޓެލްކޯގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދަކީ 77،275 މީހުން. އޭގެ ތެރެއިން މީހުން ދިރިއުޅޭ ތަންތަނުގެ ކަސްޓަމަރުންގެ އަދަދަކީ 60،509 ކަސްޓަމަރުން

  • އޭގެ ތެރެއިން 53،412 މީހުންނަކީ މާލެ ސަރަހައްދުގެ ކަސްޓަމަރުން އަދި ރާއްޖެ ތެރޭގެ (އއ، އދ،ކ އަދި ވ)ގެ ކަސްޓަމަރުންގެ އަދަދަކީ 7،096 ކަސްޓަމަރުން

  • އޭގެ ތެރެއިން އެވްރެޖްކޮށް %28 ކަސްޓަމަރުންގެ ކަރަންޓު ހޭދަ ކުރުމުގެ މިންވަރު ހުރީ 600 ޔުނިޓުގައި ކަމުން އެފަދަ ކަސްޓަމަަރުންނަށް ބިލު ކުރެވެނީ 4.25ރ ގެ މަގުން

  • އެވްރެޖްކޮށް 500 ޔުނިޓަށް ވުރެ ދަށުގައި އުޅެނީ %40 ކަސްޓަމަރުން

"އެވްރެޖްކޮށް 500 ޔުނިޓަށްވުރެ ދަށުގައި އެބައުޅޭ 40 އިންސައްތަ. އެއީ އެއް ސަބަބު ކަރަންޓް ބިލް ބޭނުންކުރާ ވަރު ބޮޑުވުމުގެ. ޓެރިފް ރޭޓަކީ ޔުޓިލިޓީ ކުންފުނިތަކާއި ޔޫއާރުއޭ އާއި ވާހަކަ ދައްކާފައި ކަނޑައަޅާފައިވާ އަދަދެއް،" ޝަރީފު ވިދާޅުވި އެވެ.

"ފްލެޓް ރޭޓެއް އަޅުގަނޑުމެން ކަނޑައެޅިއިރުގައި މިސާލަކަށް އެއީ އެންމެ ފުރަތަމަ އިންނަ ރޭޓަށް ކަމަށް ކަނޑައެޅިއްޖެ ކަމަށް ވަންޏާ އެއީ 1.50 ގެ ރޭޓު. އެއީ ފްލެޓް ރޭޓެއް ކަމަށް ކަނޑައެޅިއްޖެ ނަމަ ގާތްގަޑަކަށް %31 އާއި %52 ދޭތެރޭގެ މިންވަރަކަށް ބިލުގެ ކުޑަވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ އަންދާޒާތަކުން މިހާރު ދައްކާ." 

އިތުރު އާޓިކަލް

އިތުރު އާޓިކަލް