ސްޓެލްކޯގެ މައި އޮފީސް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކަރަންޓު

ބޭންޑުތައް އުވާލައި އެއް ރޭޓަކުން ކަރަންޓަށް ބިލު ކުރަން ރައީސް ނިންމަވައިފި

ރައީސް ވިދާޅުވީ، މި ބަދަލުގެ ސަބަބުން، ކިތަންމެ ގިނައިން ކަރަންޓު ބޭނުންކުރި ނަމަވެސް، ކަރަންޓު ބިލު ބޮޑުވާ ނިސްބަތް ހުންނާނީ އެއް ވަރެއްގައި ކަމަށް
21 ސެޕްޓެމްބަރު 2023
1

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، އާންމުން ދިރިއުޅޭ ހުރިހާ ގެއަކުން ކަރަންޓު ބިލު ހިސާބު ކުރުމުގައި ގެންގުޅޭ ބޭންޑްތައް އުވާލައި އެއް ރޭޓަކުން ބިލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައި އެކަން މިރޭ އިއުލާނުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އެކަން އިއުލާނުކުރެއްވީ، މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް، މާވެޔޮ މަގުގައި ހުންނަ އެމްޑީޕީގެ 'ހުވަދޫ ޖަގަހަ'އިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ދިރިއުޅުމުގެ ހާލަތު މިހާރު ހުންނަ ގޮތުން ފެނާއި ކަރަންޓު ބިލު އަދި ކުލި ދެއްކުމަށް ފަހު ހަރަދު ކުރާނެ ފައިސާ އާންމުންގެ އަތުގައި ނޯންނަ ކަމަށެވެ. އެހެންވެ، އެ ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކަރަންޓު ބިލު ކުޑަ ކުރެވޭނެ ގޮތެއް ހޯއްދަވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިއަދު ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ކަރަންޓު ރޭޓު ފްލެޓް ރޭޓަކުން ނަގަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

ރައީސް ވިދާޅުވީ، މި ބަދަލުގެ ސަބަބުން، ކިތަންމެ ގިނައިން ކަރަންޓު ބޭނުންކުރި ނަމަވެސް، ކަރަންޓު ބިލު ބޮޑުވާ ނިސްބަތް ހުންނާނީ އެއް ވަރެއްގައި ކަމަށެވެ.

ނަމަވެސް، ބޭންޑުތައް އުވާލުމަށް ފަހު ކަނޑައެޅި އެ ފްލެޓް ރޭޓަކީ ކޮބައިކަން ރައީސް މިރޭ ވިދާޅެއް ނުވެ އެވެ. އަދި އެ ރޭޓަށް ބަލައިގެން ބިލު ހަދަން ފަށާނީ ކޮން އިރަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެނގުން މުހިންްމު - މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، ސްޓެލްކޯ އިން މިހާރު ބިލު ހަދަނީ ކަރަންޓު ބޭނުންކުރާ ވަރު ގިންތިކޮށް، ބޭންޑުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މިހާތަނަށް ކަރަންޓަށް ބިލުކުރަމުން އައީ:

  • ފުރަތަމަ 100 ޔުނިޓަށް - ޔުނިޓަކަށް 1.50ރ 

  • 101 އާއި 200 ޔުނިޓާ ދެމެދު - ޔުނިޓަކަށް 1.70ރ

  • 201 އާއި 300 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.15ރ

  • 301 އާއި 400 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.50ރ

  • 400 އާއި 500 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.95ރ

  • 501 އާއި 600 ޔުނިޓާ ދެމެދު - ޔުނިޓަކަށް 3.55ރ

ރައީސް މިރޭ އިއުލާނުކުރެއްވި ނިންމެވުމާ އެކު، މި ބޭންޑްތައް އުވޭނެ އެވެ.

ކޮމެންޓް (1)

ޙައްޕު

21 ސެޕްޓެމްބަރު 2023
މިހުންނަނީ އިބޫ ހޮވަންޖެހޭ ސަބަބު. މުއިއްޒު ވެރިކަމަށް އާދެވުނަސް ކުރާނެ ކަމެއްނެތިގެން ވައިވެގެން އުޅެންޖެހޭނީ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް