އިރުއޮއްސެމުން ދިޔަ ވަގުތު ރާއްޖޭގެ ރަށެއްގެ ގޮނޑުދަށުގައި ކުޑަކުއްޖަކާއި މަންމައަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގެވެށި އަނިޔާ

ގެވެށި އަނިޔާ ހުއްޓުވުމަށް ކައުންސިލްތަކަށް ބާރުތަކެއް ދީފި

މީގެ ސަބަބުން މައްސަލަތައް ބެލުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޖެންޑާއިން ގަބޫލު ކުރޭ
24 ސެޕްޓެމްބަރު 2023

ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި ހިނގާ، ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ކައުންސިލްތަކަށް ގާނޫނީ ގޮތުން ބާރުތަކެއް ދީ، ޒިންމާތަކެއް ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟- ގެޒެޓްގައި މިހާރު އާއްމުކޮށްފައިވާ' ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވައިދު'ގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމުގައި ކައުންސިލަށް އަދާކުރެވިދާނެ ދައުރާއި ޒިންމާތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ.

ތަފްސީލު- ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި މި ގަވައިދުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ:

  • ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް އެ ކައުންސިލްތަކަށް މަގުފަހިކޮށްދިނުން

  • މުޖުތަމައުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށް މަގު ފަހިކޮށްދިނުން

ގަވައިދުގައިވާ ގޮތުން، ކައުންސިލްތަކަށް މި ޒިންމާ މަތިވެ ބާރުތައް ލިބެނީ، އެކަން ކުރުމަށް ކަނޑައަޅާ އެޖެންޓެއް ކަމުގައި ޖެންޑާ މިނިސްޓަރު ހަމަޖެއްސެވުމުންނެވެ. އަދި އެކަމަށް އެއްބަސްވުމެއް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ގަވައިދުގެ ދަށުން ކައުންސިލުގެ މަސްއޫލިއްޔަތުތައް:

  • ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކޮށްފި ނަމަ ނުވަތަ ގެވެށި އަނިޔާގެ މައްސަލައެއް ރަށުތެރޭގައި ހިނގާ ކަމަށް މައުލޫމާތު ލިބިއްޖެ ނަމަ ނުވަތަ ފާހަގަ ކުރެވިއްޖެ ނަމަ ، ވަގުތުން އެކަން އެ ރަށެއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒަށް އަންގައި އެކަން ރެކޯޑު ކުރުން؛ ފުލުހުންގެ މަރުކަޒަށް އެކަން އަންގަން ޖެހޭނީ ކަނޑައަޅާ ފޯމެއް މެދުވެރިކޮށް

  • އެ ފަދަ މައްސަލަތަކުގައި ފުލުހުންނާއި ޖެންޑާ އިން އެދޭ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދީ، އެކަން ރެކޯޑުކޮށް ބެލެހެއްޓުން. އަދި އެކަމާ ގުޅުން ހުރި ތަފާސްހިސާބުތައް ބަލަހައްޓައި މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ސަރުކާރާ ހިއްސާ ކުރުން

  • އަނިޔާގެ ޝިކާރައަކަށް ވެފައި ފަރާތަކުން ކައުންސިލްގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީގެ ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން

  • ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުއްލި ގޮތަކަށް ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ނުވަތަ ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި އެ އަތޮޅެއްގެ ފުލުހުން މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް މަގުފަހިކޮށްދިނުން؛ މިކަން މަތިކޮށްފައިވަނީ އަތޮޅު ކައުންސިލްތަކަށް

މީގެ ކުރިން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެއްވެސް ޒިންމާއެއް، ކައުންސިލްތަކާ މަތިކޮށްފައެއް ނުވެ އެވެ. އޭގެ ސަބަބުން، އެ ފަދަ މައްސަލަތަކަށް ކައުންސިލުން ތަދައްހުލު ވުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނޯވެ އެވެ. އަދި މިކަން ވެފައި އޮންނަނީ ރަށްރަށުގައި ހިނގާ މި ފަދަ މައްސަލަތައް ފޮރުވި، އެންމެ ރަނގަޅަށް ތަހުގީގު ކުރުމަށް އެޅޭ ހުރަހަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް