ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ޑީޖޭއޭ

ހުއްޓާލާފައި އޮތް 'ސްޓެޕް އެލަވަންސް' ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭން ނިންމައިފި

2018 ވަނަ އަހަރުން ފެށިގެން މި އެލަވަންސް ނުދޭ، ދެން އެލަވަންސް ދޭނީ އެ އަހަރުތަކުގެ ފައިސާއާ އެކުގައި
21 ސެޕްޓެމްބަރު 2023

ކޮންމެ ދެ އަހަރުން އެއް އަހަރު، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭ މުސާރައިގެ ކުރިއެރުން ނުވަތަ 'ސްޓެޕް އެލަވަންސް' ހުއްޓާލާފައި އޮންނަތާ ފަސް އަހަރު ފަހުން، އެ އަހަރުތަކުގެ އެލަވަންސްއާ އެކު އަލުން އެ ފައިސާ ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޖުޑީޝަލް އެޑްމިނިޓްރޭޝަން ޑިޕާޓްމެންޓް (ޑީޖޭއޭ) އިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މި އެލަވަންސް ދެމުން އައީ، މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު %70 އަށް ވުރެ މާކްސް މަތިވުމުންނެވެ. މިގޮތުގެ މަތިން މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 200ރ. އިތުރަށް ލިބެ އެވެ. އަދި އަހަރެއް ފަހުން އަނެއްކާ ވެސް މުސާރައަށް 200ރ.ގެ ކުރިއެރުން ލިބެ އެވެ.

  • ރާއްޖޭގެ ހުރިހާ ކޯޓުތަކާއި ޝަރުއީ އިދާރާތަކުގެ މުވައްޒަފުންނަށް ދޭ މި އެލަވަންސް 2018 ވަނަ އަހަރުން ފެށިގެން ނުދޭ

  • އެ މައްސަލަ ބޮޑުވެ، މުވައްޒަފުންތަކެއް ވަނީ މިކަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައި 

  • އޭރު އެތަނުން ނިންމީ، މިއީ މުވައްޒަފުންނަށް ދޭން ޖެހޭ ފައިސާއެއް ކަމަށާއި އެކަމަކު ބަޖެޓްގައި ފައިސާ ނެތް ނަމަ، ނުދިނުން އެންމެ ރަނގަޅު ކަމަށް

  • އޭގެ ފަހުން އެ މައްސަލަ ވަނީ މުވައްޒަފުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައި

  • އެކަމަކު ކޯޓުގައި މައްސަލަ އޮއްވައި، ޑީޖޭއޭ އިން ވަނީ ދެން މުވައްޒަފުންނަށް މި އެލަވަންސް ނުދޭ ގޮތަށް ގަވައިދު ބަދަލުކޮށްފައި

ޑީޖޭއޭ އިން މިރޭ ވަނީ މި ގަވައިދު އިސްލާހުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ތަފްސީލް - އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސްޓެޕް އެލަވަންސް އަލުން ދިނުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ކަމަށާއި އެހެންވެ، އަންނަ މަހު މުވައްޒަފުންނަށް މި އެލަވަންސް ދިނުމަށްޓަކައި އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ކޯޓުތަކަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މި އެލަވަންސް އަލުން ހަމަޖެއްސުމަށް ޑީޖޭއޭއިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅީ އިއްޔެ އެވެ. އަދި އެކަމަށް ބަޖެޓުން 2 މިލިޔަން ރުފިޔާ ކަނޑައަޅައި، އެލަވަންސް އަލުން ދޭން ފެށުމަށް ހަމަ އިއްޔެ އަންގާފައިވާ ކަމަށް ވެ އެވެ.

އެނގުން މުހިންމު - ޑީޖޭއޭ އިން އެލަވަންސް ދޭން ނިންމީ، ކުރީ އަހަރުތަކުގެ އެލަވަންސްއާ އެކުގަ އެވެ. އެކަމަކު ފައިސާ ދެނީ އެއްކޮށްތޯ ނުވަތަ ވަކިވަކިން ކަމެއް އަދި ސާފެއް ނުވެ އެވެ. އެއްކޮށް އެލަވަންސް ދޭ ނަމަ ހައްގުވާ މުވައްޒަފުންނަށް 14،000-20،000ރ.ގެ އެލަވަންސްއެއް ލިބޭނެ އެވެ.

މީގެ އިތުރުން، 2017-2018 ވަނަ އަހަރުގެ އެލަވަންސް މި އަހަރު ވަނީ މުވައްޒަފުންނަށް ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް