ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް. (ފޮޓޯ/ޖޭއެސްސީ)

ވަރިވާން ކޯޓަށް ދިޔަ މީހަކަށް ގުޅުމުން ވަކިކުރަން ނިންމި ގާޒީ 3 ވަނަ ފަހަރަށް ސަސްޕެންޑްކޮށްފި

އޭނާ އެންމެ ފަހުން ސަސްޕެންޑުކުރީ މިދިޔަ ޖުލައި މަހު؛ އެ މުއްދަތު މިއަދަށް ހަމަވެފައި ވާއިރު، މި ފަހަރު ސަސްޕެންޑުކުރީ ވަކި ގޮތެއް އަންގަންދެން
21 ސެޕްޓެމްބަރު 2023

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅުއްވައި މެސެޖުކޮށް ހެއްދެވިކަމުގެ ތުހުމަތުގައި ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވާ އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އަނެއްކާވެސް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަލީ އާދަމް ފުރަތަމަ ސަސްޕެންޑުކުރީ 25 މެއިގަ އެވެ. އޭގެ ފަަހުން:

  • ސަސްޕެންޝަނަށް ދިން ދެ މަސްދުވަސް މިދިޔަ 23 ޖުލައިއަށް ހަމަވުމުން، ހަމަ އެފަދަ އެހެން މައްސަލައެއްގައި ދެ މަސްދުވަހަށް ސަސްޕެންޑު ކުރި

  • ހަމަ އެ ދުވަހު، އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވޭ

  • އެ ދުވަހު ކޮށްފައިވާ ދެ މަސްދުވަހުގެ ސަސްޕެންޝަން މިއަދަށް ހަމަވުމާ އެކު، އެ ކޮމިޝަނުން ބަލަމުންދާ އިތުރު އެހެން މައްސަލައެއްގައި މިއަދު އަނެއްކާވެސް އޭނާ ވަނީ ސަސްޕެންޑުކޮށްފައި

ބުނީ ކީކޭ؟ - ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ މިއަދު އަލުން ސަސްޕެންޑުކޮށްފައިވަނީ، ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް، އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.

މިފަހަރު އޭނާ ސަސްޕެންޑުކުރީ މިއަދުން ފެށިގެން ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެންނެވެ. 

 ޖޭއެސްސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ވަރިވާން ހުށަހެޅި މީހާއަށް އަލީ އާދަމް ކުރެއްވި މެސެޖުތަކުން އެނގެނީ ނުނިޔަތާއި ނުރަނގަޅު މަގުސަދެއް އޮތް ކަމެވެ. އަދި އެއީ އެ އަންހެން މީހާ އޭރު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެންގެވުމުގެ އަމަލެއް ކަމަށް ސާބިތުވާ ކަމަށް ވެސް އެ ކޮމިޝަނުން އޭރު ބުންޏެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުން:

  • ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކަވާފައިވޭ

  • ރަހްމަތްތެރިކަން ބާއްވަން ހުށަހަޅުއްވައި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު ހިމެނޭ ގޮތަށް އެކި ކަހަލަ ޒާތީ ވާހަކަތައް ހިމެނޭ އެކި މެސެޖުތައް ކުރައްވާފައިވޭ

  • އޭނާ ކުރެއްވި މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އަލީ އާދަމް އެދިވަޑައިގެންފައިވޭ؛ ތަހުގީގަށް ލިބިފައިވާ ސްކްރީން ޝޮޓްތަކުންނާއި ބަޔާންތަކާއި އަލީ އާދަމްގެ އިއުތިރާފުން އެކަން ސާބިތުވޭ 

ފާހަގަކޮށްލެވޭ ކަމެއް - ފަނޑިޔާރުން ވަކިކުރެވޭނީ ޖޭއެސްސީން އެގޮތަށް ނިންމައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން، ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އަދި މި މައްސަލާގައި އަލީ އާދަމް ވަތްކެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް