ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް --ފޮޓޯ/ޖޭއެސްސީ
ވަރިވާން ކޯޓަށް ދިޔަ މީހަކަށް ގުޅުއްވި ހދ. ގެ އިސް މެޖިސްޓްރޭޓް ވަކިކުރަން ނިންމައިފި
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅުއްވައި މެސެޖުކޮށް ހެއްދެވިކަމުގެ ތުހުމަތުގައި ސަސްޕެންޑްކުރި އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެނގުން މުހިންމު - ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ނިންމި އިރު އެފަދަ އެހެން ދެ މައްސަލައެއްގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
ވީ ކިހިނެއް؟ - އެއަލީ އާދަމް ފުރަތަމަ ސަސްޕެންޑުކުރީ 25 މެއިގަ އެވެ. އެފަހަރު، ވަޒީފާއަށް ނުނިކުންނަވައި މަޑުކުރައްވަން ޖޭއެސްސީން އެންގިތާ މިއަދަށް ދެ މަސް ވުމުން އެ ސަސްޕެންޝަން ވަނީ ނިިމިފަ އެވެ.
ނަމަވެސް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅުއްވައި މެސެޖުކޮށް ހެއްދެވިކަމުގެ ތުހުމަތުގައި ޖޭއެސްސީން ވަނީ މިދިޔަ ހުކުރު ދުވަހު އަލީ އާދަމްގެ ބަޔާން ނަގާފަ އެވެ. މިއަދު އޭނާ އަލުން ސަސްޕެންޑްކުރީ އެ ބަޔާނުގެ މައްޗަށް ބިނާކޮށް ކަމަށް، ޖޭއެސްސީން ބުންޏެވެ.
އޭގެ ފަހުން މިރޭ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުމުގައި ނިންމި ކަމަށެވެ.
ތަފްސީލް - ޖޭއެސްސީން ބުނީ ވަރިވާން ހުށައެޅި މީހާއަށް އިސް މެޖިސްޓްރޭޓް އަލީ އާދަމް ކުރެއްވި މެސެޖުތަކުން އެނގެނީ ނުނިޔަތާއި ނުރަނގަޅު މަގުސަދެއް އޮތް ކަމަށް ކަމަށެވެ. އަދި އެއީ އެ ހަސްމު އޭރު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެންގެވުމުގެ އަމަލެއް ކަމަށް ސާބިތުވާ ކަމަށް ވެސް ބުންޏެވެ.
ޖޭއެސްސީން ބުނީ:
-
ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކާފައިވޭ
-
ރަހްމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައް ހިމެނޭ
-
ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި އަލީ އާދަމް މުވާސަލާތު ކޮށްފައިވޭ. މިކަން ތަހުގީގަށް ލިބިފައިވާ ސްކްރީން ޝޮޓްތަކުންނާއި، ބަޔާންތަކާއި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވޭ
ފާހަގަކޮށްލެވޭ ކަމެއް - ފަނޑިޔާރުން ވަކިކުރެވޭނީ ޖޭއެސްސީން އެގޮތަށް ނިންމައި ރައްޔިތުންގެ މަޖިލިހަށް ހުށައެޅުމުން، ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
މި ވަގުތު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ މަހުގެ 16 ގަ އެވެ.
ކޮމެންޓް (1)
ވޯވް ވޯވް!