ރޭ ގަލޮޅުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި އަހުމަދު ހަލީމް (ދޮންބިލެތް) ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
އެމްޑީޕީން ޑިމޮކްރެޓްސްއަށް ދިޔަ %99 މީހުން އެނބުރި އަންނާނެ: ހަލީމް
އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އެ ޕާޓީ ދޫކޮށް ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައި އާ ޕާޓީއާ ގުޅުނު އެމްޑީޕީގެ މެންބަރުން އެނބުރި އަންނަން ފަށާފައިވާ ކަމަށާއި އަންނަ ހަފްތާ ނިމޭއިރު އޭގެ ތެރެއިން %99 މީހުން އެނބުރި އެމްޑީޕީއާ ގުޅޭނެ ކަމަށް، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް އެމްޑީޕީން ރޭ ގަލޮޅުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވަނީ، އެމްޑީޕީގައި އެކީގައި އުޅުނު ބަޔަކު ތަންކޮޅެއް ދުރަށް ޖެހިފައިވާ ކަމަށް ވިދާޅުވެ، އެ މީހުން އެނބުރި އެމްޑީޕީއަށް އަންނަން ގޮވާލައްވާފަ އެވެ.
ތަފްސީލް - އޭނާ ވިދާޅުވީ:
-
މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ މެންބަރުން ކަނޑައެޅީ، އެމްޑީޕީ ދޫކުރައްވައި ވަޑައިގެންފައިވާ ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު
-
ނަމަވެސް، އޭރުގެ ސަރުކާރުން ނަޝީދު "އެލުވައިގެން" ގެންގޮސް ކޯޓަށް ވައްދައި ހުކުމް ކުރުމުން، ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވި
-
އެއާ އެކު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ދޭނެ އެހެން ބޭފުޅަކު ކަނޑައަޅަން ޖެހުނު
-
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުުގައި، އެ ޕާޓީގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވަން އެއްބަސްވެވަޑައިގެންނެވީ "އެތައް އާދޭހަކަށް ފަހު"
"އެތައް ދުވަހަކު، އެތައް މީޓިންްއެއް ހިނގައިގެން ގޮސް، އެންމެ ފަހުން ރައީސް ސޯލިހު އެއްބަސްވީ އެކަން އަޅުގަނޑުމެންނަށް ކޮށްދޭން،" ނަޝީދާ އެކު ކުރިން ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އަދި އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ ހަލީމް ވިދާޅުވި އެވެ.
އޭރު ރާއްޖޭގައި ބިރުވެރި ހާލަތެއް އޮތް ނަމަވެސް، ބޮޑު އަގުލަބިއްޔަތަކުން ރައީސް ސޯލިހު އެ އިންތިހާބު ކާމިޔާބު ކުރެއްވިކަން ހަލީމް ފާހަގަކުރެއްވި އެވެ.
ޕާޓީގެ އެތެރޭގައި މައްސަލަ ޖެހެން ފެށީ، ހަލީމް ވިދާޅުވި ގޮތުގައި، އޭރު ނަޝީދުގެ ކެންޑިޑެސީ ގެއްލޭ ގޮތަށް ކުރި ހުކުމުގެ ސަބަބުންނެވެ.
"އެހެން ނޫން ނަމަ، އަޅުގަނޑުމެން ޕާޓީ އޮންނާނީ ވަރަށް އެއްކޮށް، ބަދަހިކޮށް،" ޕާޓީ ބައިކުރަން އިދިކޮޅުންް އޭރު ކުރަން ފެށި މަސައްކަތް އަދިވެސް ކުރަމުންދާކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވި އެވެ.
އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި މާ ބޮޑުވުމުން، އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދުމަކީ ވެދާނެ ކަމެއްކަން ހަލީމް ފާހަގަކުރެއްވި އެވެ. އެހެންވެ، އޭނާ ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިގެން ޕާޓީ ދޫކޮށް ދިޔަ މީހުން އެނބުރި އައުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑާ އެކު އެމްޑީޕީގައި އެކުވެރިކޮށް އުޅުނު އެމްޑީޕީގެ ވަރަށް ގިނަ މީހުންތަކެއް އެބައޮތް މާޔޫސްކަމާއި އުނދަގޫ ހާލަތެއްގައި އަޅުގަނޑުމެންނާ ތަންކޮޅެއް ދުރަށް ޖެހިފައި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ރައްޓެހިންނަށް، ގުއި ރޯނުގައި ނުޖެހޭށޭ،" ގުރި ރޯނުގައި ޖެހުމަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުންކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވި އެވެ.
"މިއަދު މި ތަނުގައި އަޅުގަނޑުގެ އަންހެނުން ވެސް އެ ހުރީ އައިސް. އެއީ ކުރިން ޑިމޮކްރެޓްސްގެ ބޭފުޅެއް... ރަސްރަށުގައި ތިބި ޑިމޮކްރެޓްސްގެ މީހުންނާ އަޅުގަނޑާ ވެސް އެބަ ދިމާވޭ. މަޑުމަޑުން އެބަ ބަދަލުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އަންނަ ހަފްތާ %99 ޑިމޮކްރެޓްސްގެ ބޭފުޅުން އަޅުގަނޑުމެންނާ އެކު އަންނާނެ."
ކޮމެންޓް (1)
ހޯހޯ