ލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

އިންތިހާބު ކާމިޔާބުކުރެވޭ ފަރަގު ބޮޑު ވެއްޖެ ނަމަ އިންޑިއާ ސިފައިން ދާން މަޖުބޫރުވާނެ: މުއިއްޒު

މުއިއްޒު މިއަދު ވެސް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި، ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭ ފަރަގު ބޮޑުވެއްޖެ ނަމަ، އެކަން ކުރުމަށް ވަރަށް ބޮޑު ބާރަކަށްވެ، އެ މީހުން ރާއްޖެއިން ފޭބުމަށް މަޖުބޫރުވާނެ ކަމަށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު އެހެން ވިދާޅުވީ، މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް އުތުރުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުގައި ނ. ލަންދުއަށް ވަޑައިގެން އެ ރަށުގައި ދެއްކެވި ވާހަކައިގަ އެވެ.

ބުނީ ކީކޭ؟ - "ގާނޫނު އޮންނަ ގޮތުން %50 އާއި އެއް ވޯޓުން ވެސް އިންތިހާބު ކާމިޔާބުވޭ. އެހެން ނަމަވެސް، ޕަސެންޓޭޖް މަތިކޮށް، ގިނަ ރައްޔިތުންގެ ޕަސަންޓޭޖާ އެކު، މިސާލަކަށް %60އާ ހަމައަށް ދަނީ، އެ ހިސާބުން ކާމިޔާބުވެއްޖެއްޔާ މި ދެންނެވި ކަންތައް ކުރުމުގައި އަޅުގަނޑުމެން ގޮސް، އަޅުގަނޑުމެންގެ ގައުމުގައި ބޭރު ސިފައިން ތިބި ބޭފުޅުންގެ ކައިރީ ދެންނެވޭނެ، ބައްލަވާށޭ މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެބަ އެދެއޭ ބޭރު ސިފައިން ބާލަން. ތަފާތެއް އަންނާނެ ނޫންތޯ އޭގެ؟ ތަފާތެއް އަންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ތަފްސީލު - ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން މިހާރު އޮޅުވާނުލެވޭނެ ކަމަށާއި އެކަން ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އަދި ވާދަވެރި ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް "މިލިޓަރީ މަސައްކަތެއް ކުރުމަށް" ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ވިދާޅުވެ، އެ ކަމަށް ރިޔާސީ ބަހުސްގައި ވެސް އެބަސްވެވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ހެކިވޭ އެންމެން ވެސް. ހުދު ރައީސުލްޖުމްހޫރިއްޔާ ވެސް [ރިޔާސީ] ބަހުސްގައި ވިދާޅުވި ނޫންތޯ ސިފައިން އެބަ ތިއްބޭ. އެކަމަކު ތިބީ ބަޑި ހިފައިގެން ރައްޔިތުންނާ ދިމާލަށް އަމާޒުކޮށްގެން ނުނޭ، އެކަމަކު އެބަ ތިއްބޭ، މިލިޓަރީ ބޭނުމަކު ނޫނޭ ތިބީ،" އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބޭރުގެ ސިފައިންނެއް ތިބެގެން ނުވާނެ. އެއީ ނެގޯޝިއޭޓް ކުރާނެ ކަމެއް ނޫން. ނޮން-ނެގޯޝިއަބަލް ކަމެއް، ތިބެގެން ނުވާނެ."

ކުއްޅަވައް ހެއްދުމަށް މަޝްހޫރު ލަންދޫން، އެ ބައްޓަމަށް ތައްޔާރުކޮށްފައިވާ މޮނިއުމެންޓެއް މުއިއްޒުއަށް އަރުވަނީ: ރަށުގެ ރައްޔިތުން އެދުނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 'ރިޔާސީ ގަނޑުވަރުގައި' އެ މޮނިއުމެންޓް ބަހައްޓައިދެއްވުމަށް. (ފޮޓޯ/ޕީޕީއެމް)

މުއިއްޒު މިއަދު ވެސް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށްޓަކައި ބޮޑު އަގުބަލަބިއްޔަތުން އޭނާ ވެރިކަމަށް އިންތިހާބުކޮށްދިނުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"އެހެންވީމަ، %60-%70 އިން މަތިވާ ވަރަކަށް މިކަމުގައި [އިންޑިއާ ސިފައިން ބޭލުމަށް] އަޅުގަނޑު ބާރުލާފައި ދައްކާ ވާހަކަ އަވަހަށް ގަބޫލުކޮށްގެން، އެ ބޭރުގެ ސިފައިން ބާލަން މަޖުބޫރުވާނެ ދިވެހި ގިނަ ރައްޔިތުން ތާއީދުކޮށްދެއްވައިފިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އެޖެންޑާ އަކީ، މި ތަނުން ސިފައިން ބާލަން. އެކަން ކުރެވޭނެ، ޔަގީންކަން އެބަ އޮތް. އެކަމަކު ރައްޔިތުން [އަޅުގަނޑާ ވެރިކަން] ހަވާލުކުރައްވާއިރު ވެސް ގިނަ ރައްޔިތުން ހަވާލުކޮށްފިއްޔާ އެ ލިބޭ ބާރު [ނުވަތަ] އެ އެޅިގެންދާ ބާރު ހަމަ ވިސްނާނެއްލެވީމަ އެނގިވަޑައިގަންނަވާނެ ވަރުގަދަ ވާނެކަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް