
އިދިކޮޅު ޕީޕީއެމް-ޕިއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖްންޓު ތޮލާލު މީގެ ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
އިންތިހާބުގެ ކުރިން ފުރުސަތެއް ނެތް، އެއަށް ފަހު ނިޒާމީ ވޯޓެއް ނަގަން ތާއީދު: ޕީޕީއެމް-ޕީއެންސީ
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ރިޔާސީ އިންތިހާބަށް ފަހު ނެގުމުގައި މައްސަލައެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން މިއަދު ބުނެފި އެވެ.
ވީ ކީހިނެއް؟ - މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ގެންދަނީ ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީ ވާދަކުރާ ދެވަނަ ބުރު މި މަހުގެ 30ގައި ބޭއްވުމުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ވަކާލާތު ކުރަމުންނެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތަކުގައި ޑިމޮކްރެޓްސް އިން އެމްޑީޕީއަށް ކުރާ ޝަރުތަކީ ވެސް މި މަހު 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމެވެ. ޑިމޮކްރެޓްސް އިން ޕީޕީއެމް-ޕީއެންސީއަށް އެ ޝަރުތެއް ނުކުރެ އެވެ.
ޑިމޮކްރެޓްސްގެ ހުށަހެޅުމާ ވިއްދައި އެމްޑީޕީ އިން ހުށަހެޅީ އިންތިހާބަށް ފަހު އަދި ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން އެ ވޯޓު ނެގުމަށެވެ.
-
އިތުރަށް ކިޔާލަން - އެމްޑީޕީން ހުށަހަޅަނީ އިންތިހާބަށް ފަހު ނިޒާމީ ވޯޓު ނަގަން: ފައްޔާޒު
ތަފްސީލް - ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޯލިޝަނުން ނިޒާމީ ވޯޓެއް ނެގުމާ މެދު ދެކޭ ގޮތް ސާފުކޮށްދެއްވި އެވެ.
ތޮލާލް ވިދާޅުވި ގޮތުގައި ޕީޕީއެމް-ޕީއެންސީ އިން ވަކި ނިޒާމެއް ޕްރޮމޯޓެއް ނުކުރެ އެވެ. ކުރިން ނެގި ނިޒާމީ ވޯޓުގައި ރައްޔިތުން ގޮތެއް ނިންމި ފަހުން މިވީ 16 ވަރަކަށް އަހަރުގެ ތަޖުރިބާއަށް ބިނާކޮށް، ދެން ވެސް ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.
"އަޅުގަނޑުމެން ވަކި ނިޒާމެއް ޕްރޮމޯޓު ކުރަނީކީ ނޫން. އަޅުގަނޑުމެން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަނީކީ ނޫން. އެހެން ނަމަވެސް ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"އިންތިހާބުގެ ކުރިން ނެތް، ފުރުސަތެއް ކޮންމެ ގޮތެއް ވިޔަސް. އިންތިހާބުގެ ފަހުން ވިޔަސް، ނިޒާމީ ވޯޓަކަށް ދާން، ރައްޔިތުން ގާތުގައި އަހަން، އަޅުގަނޑުމެން ތާއީދު. ރައްޔިތުން ގޮތް ނިންމާށޭ."

ފާހަގަކޮށްލެވޭ - ނިޒާމީ ވޯޓެއް ނެގުމާ މެދު އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުން ހުރި ގޮތް ބައްލަވަން ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް، ޔާމީން ބައްދަލު ކުރައްވަން އިންކާރު ކުރެއްވުމުން އެ މަޝްވަރާ އޮތީ ނުކުރެވި އެވެ.
ތޮލާލް ވިދާޅުވީ ޔާމީން އަބަދުވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތަށް އެ ނިޒާމު ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ޔާމީން ވިދާޅުވަނީ މި ގައުމުގައި މިހާރު މި އޮތް ސިޔާސީ މާހައުލަށް ފިޓެއް ނޫނޭ ބަރުލަމާނީ ނިޒާމެއް،" ތޮލާލް ވިދާޅުވި އެވެ.
އެނގުން މުހިއްމު - މި ދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ބުނަނީ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލާއިރު މިހާރުން މިހާރަށް އެ ވޯޓު ނުނެގޭނެ ކަމަށެވެ.
ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ…
— Ismail Habeeb (@IsmailHabeeb) September 19, 2023
ގުޅުންހުރި - ނިޒާމީ ވޯޓެއް ނެގުމަށް ނަޝީދުގެ ޑިމޮކްރެޓްސް އިން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އަދި އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް، ވެރިކަން ކުރާ އެމްޑީޕީ މެމްބަރުން ވެސް ހިމެނޭ ގޮތަށް، 35 މެމްބަރުންގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މުޅި މަޖިލީހުގެ ކޮމެޓީން އެ ގަރާރު ދިރާސާކުރަން މާދަމާ ފަށާނެ އެވެ.
-
އިތުރަށް ކިޔާލަން - އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު ނިޒާމީ ގަރާރު ބަލައިގެންފި
ކޮމެންޓް