
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާއްމު ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ގަރާރު ބަލައިގަތުމަށް، ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންގެ ވެސް ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުން ދެންމެއަކު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި މި ގަރާރު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
އެއާ އެކު، މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވީ އެ ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އެމްޑީޕީ ތަމްސީލުކުރައްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.
ތަފްސީލް- ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވި 35 މެމްބަރުންގެ ތެރެއިން 22 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. އެއީ:
-
1-
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް
-
2-
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
-
3-
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
-
4-
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
-
5-
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
-
6-
ކުޅުދުއްފުށީ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
-
7-
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
-
8-
ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
-
9-
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
-
10-
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
-
11-
މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން
-
12-
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަަސަން
-
13-
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު
-
14-
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން
-
15-
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
-
16-
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
-
17-
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
-
18-
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
-
19-
އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
-
20-
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
-
21-
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ
-
22-
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
އެމްޑީޕީގެ 22 މެމްބަރުން އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވިއިރު، އެމްޑީޕީގެ ޕީޖީން ވަނީ އެ ގަރާރު ފާސްކުރުމަށް ޓޫ ލައިން ވިޕެއް ނެރެފަ އެވެ. މި ގަރާރަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އެއްވެސް މެމްބަރެއް ވޯޓު ދެއްވާފައެއް ނުވެ އެވެ.
ނިޒާމީ ވޯޓެއް ނަގަންޖެ ހޭ ސަބަބުތަކުގެ ގޮތުގައި އިލްޔާސްގެ ގަރާރުގައި ފާހަގަކޮށްފައިވަނީ:
-
ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ވޯޓު ދޭން ޖެހިފައިވަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކުގެ ބަދަލުގައި އެއިރެއްގެ ހުންނަވާ ވެރިއަކު ކަމުނުގޮސްގެން، އެ ބޭފުޅަކު ވެރިކަމުން ބާލައި ވެރިކަން ބަދަލުކުރުމަށް
-
ރައީސް ކަމަށް ބޭފުޅަކު އިންތިހާބުވެވަޑައިގަންނަވާނީ ވޯޓު ދިން މީހުންގެ %50އަށް ވުރެ ގިނަ ވޯޓު އެ ބޭފުޅަކު ހޯއްދަވައިގެން ކަމަށް ވާއިރު، މިހާތަނަށް ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން %50އަށް ވުރެ ގިނަ ވޯޓު ކާމިޔާބުކުރެއްވިފައެއް ނުވޭ
-
ކޯލިޝަން ސަރުކާރުތަކުގެ ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމަަށް މަސައްކަތެއް ނުކުރެވޭ
އެކަންކަން ފާހަގަކޮށް ގަރާރުގައި ހުށަހަޅާފައިވަނީ، ނޮވެމްބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު ވަނީ އެ މުއްދަތު އިސްލާހުކުރައްވައި އޮކްޓޯބަރު 30 އަށް ބަދަލުކުރައްވައިފަ އެވެ.
އެނގުން މުހިއްމު - މި މަހުގެ 30ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން، މި މަހުގެ 9ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެއް ވަނަ ހޯދި ޕީޕީއެމް-ޕީއެންސީ އާއި ދެ ވަނަ ހޯދި އެމްޑީޕީއާ އެކު ވެސް ނަޝީދުގެ ޑިމޮކްރެޓްސް އިން މަޝްވަރާތައް ކުރިއަށް އެބަ ގެންދެ އެވެ.
ޑިމޮކްރެޓްސް އިން ރޭ ބޭއްވި އެ ޕާޓީގެ ވަގުތީ ކައުންސިލުގެ ބައްދަލުވުމުގައި، ނިޒާމީ ވޯޓެއް ނަގަން ޝަރުތު ކުރަނީ ހަމައެކަނި އެމްޑީޕީއަަށެވެ. ޑިމޮކްރެޓުން ކުރި ޝަރުތަކީ މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އަންނަ ބުދައިގެ ކުރިން އެއްބަސްވުމެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މި ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް، އެ ވޯޓް ނަގާނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ފަހު، 17 ނޮވެމްބަރުގެ ކުރީގެ ތާރީހެއްގައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް