
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް މިރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުން (ދައުރު ފޮޓޯ/ ސުނެއިން)
2 ޕާޓީން ބުދައިގެ ކުރިން އެއްބަސްނުވާ ނަމަ ޑިމޮކްރެޓްސް ކޮޅެއް ނުނަގަން ފާސްކޮށްފި
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 3 ވަނަ ހޯދި ޑިމޮކްރެޓްސްގެ ފަރާތުން އެ އިންތިހާބުގައި އެއްވަނަ އަށް ދިޔަ ޕީޕީއެމް- ޕީއެންސީ އާއި ދެވަނަ އަށް ދިޔަ އެމްޑީޕީއަށް ހުށަހެޅި ޝަރުތުތަކަށް އެއްބަސްނުވެވޭ ނަމަ، އިންތިހާބުގެ 2 ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން މިރޭ ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިރޭ ކުރިއަށް ދާ ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލް ބައްދަލުވުމަށް އެ ގަރާރު ހުށަހެޅުއްވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެވެ.
ތަފްސީލް- އެ ގަރާރުގައި ޝިފާޒް ހުށަހެޅުއްވީ:
-
މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އަންނަ ބުދައިގެ ކުރިން އެމްޑީޕީން އެއްބަސްވާ ނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށް
-
ޕީޕީއެމްއާ އެކު ސަރުކާރު އުފެއްދުމަށްޓަކައި، އެ ސަރުކާރުގައި ޑިމޮކްރެޓްސްއިން ހިއްސާވާ މިންވަރާއި، އެ ސަރުކާރުގއި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި އަންނަ ބުދަ ދުވަހުގެ ކުރިން އެ ޕާޓީން ސޮއިކުރަން އެއްބަސްވާނަމަ، މަޝްވަރާކުރުމަށް
-
މިއިން އެއްވެސް ކަމަކަށް އެ ދެ ޕާޓީން އެއްބަސްނުވާނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް
މިހާރު ކުރިއަށް ދާ ކައުންސިލް ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ޝިފާޒުގެ ގަރާރަށް ތާއީދުކޮށްފަ އެވެ. އެއަށް ފަހު، ގިނަ މެންބަރުން ހިޔާލުފާޅުކުރީ ޑިމޮކްރެޓުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކިކޮޅަކަށް ނާރާ ތިބުން ކަމަށެވެ.
މި ބަހުސްތަކަށް ފަހު، އެ ގަރާރަށް މިރޭގެ ޖަލްސާގައި ވޯޓަށް އެހުމުން 50 މެންބަރުންގެ ތާއީދާ އެކު ވަނީ ފާސްވެފަ އެވެ.
ފަސްމަންޒަރު - ޑިމޮކްރެޓްސް އިން އަންނަނީ، ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ މެދު އެމްޑީޕީއާއި ޕީޕީއެމްއާ އެކު ވެސް މަޝްވަރާކުރަމުންނެވެ. އެގޮތުން:
-
ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ، މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ކުރިން، ނިޒާމީ ބަދަލުގެ ވޯޓް މި މަހުގެ 25 ވަނަ ދުވަހު ނެގުން
-
ނިޒާމީ ވޯޓެއް ނެގުމަށް ޕީޕީއެމް އިން އެއްބަސްނުވި ނަމަވެސް، މަޝްވަރާތައް ކުރިއަށްދޭ
-
ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނެގުމަށް ހުށަހަޅާފައި
ކޮމެންޓް