
19-21 އޮގަސްޓް 2022އަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި 21 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވި ސެޝަންތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެމްޑީޕީން ހުށަހަޅަނީ އިންތިހާބަށް ފަހު ނިޒާމީ ވޯޓު ނަގަން: ފައްޔާޒު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއާ އެކު އިންތިހާބުގެ ދެ ވަނަ ބުރެއްގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުން އަންނަ އެމްޑީޕީގެ ހުށަހެޅުމަކީ ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނެގުން ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000އެއްހާ ވޯޓާ އެކު ތިން ވަނަ ހޯދި ޑިމޮކްރެޓްސްއިން އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ހުށަހެޅި ހުށަހެޅުމަކީ މި މަހުގެ 30ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން، މި މަހުގެ 25ގައި ނިޒާމީ ވޯޓެއް ނެގުމަށެވެ.
ތަފްސީލު - އެ ހުށަހެޅުމާ ގުޅޭ ގޮތުން ފައްޔާޒުއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެމްޑީޕީން ހުށަހަޅާ ހުށަހެޅުމަކީ ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނެގުން ކަމަށެވެ،
"އެއީ އަޅުގަނޑުމެންގެ ކައުންޓާ އޮފާ،" އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން، ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުން އެމްޑީޕީން ބަލައިނުގަތީތޯ އެހުމުން ފައްޔާޒު ވިދާޅުވީ، މިހާރު މި އޮތް މުއްދަތުގައި އެކަން ނުކުރެވޭނެ ކަމަށް އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ.
"ރިފެރެންޑަމްއަކަށް ދާން އަޅުގަނޑުުމެންގެ މައްސަލައެއް ނެތް. އެހެން ނަމަވެސް، [މި މަހުގެ] 25 ވަނަ ދުވަހު އެކަން ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ވާނީ އަންގާފައި. އަދި އިންތިހާބުގެ ދެ ވަނަ ބުރުގެ ފަހުން އެ ވޯޓު ނަގަން ވާނީ ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން ހަސަން ލަތީފް 'ދައުރު'އަށް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން އެފަދަ ހުށަހެޅުމެއް ރަސްމީކޮށް ހުށަހަޅާފައި އަދި ނުވާ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ ގޮތުން، އަޅުގަނޑުމެން އަމަލު ކުރާނެ ގޮތެއް މިރޭ އޮންނަ އިންތިގާލީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާނެ،" އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން އެއްބަސްވާނެތޯ އެހުމުން ހަސަން ލަތީފް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ނިޒާމީ ވޯޓެއް ނެގުމަށް މިދިޔަ ބުދަ ދުވަހު ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފަ އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ގަރާރުތަކަށް ބަހުސް ކުރުމަށްޓަކައި އެ ގަރާރެއް ހުށަހެޅުމަށް ފަހު ހަތް ދުވަހުގެ މުއްދަތެއް މެންބަރުންނަށް ދޭން ޖެހެ އެވެ. އެ މުއްދަތު ހަވާން އޮތީ އަންނަ ހަފްތާގެ ހޯމަ ދުވަހަށެވެ. ނަމަވެސް:
-
މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމް އާއި މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ސަލީމް އެ ގަރާރުގެ ބަހުސް ކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް
-
އެހެންވެ، މާދަމާގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވޭ
ކޮމެންޓް (1)
ޏަށީދު ފޭނުން