ނަޝީދު ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި. (ދައުރު ފޮޓޯ/ ހުސެން ސުނޭން)

އެމްޑީޕީން އެއްބަސްވެގެން ބަރުލަމާނީ ގަރާރުގެ ބަހުސް މާދަމާ ފަށަނީ

މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ވެސް އެމްޑީޕީން އެއްބަސްވެފައިވާކަން ވެސް ނަޝީދު އިއުލާންކުރެއްވި
18 ސެޕްޓެމްބަރު 2023
6

ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާ ގުޅޭ ގަރާރަށް މާދަމާގެ ޖަލްސާގައި ބަހުސްކުރަން ފައްޓަވާނެ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަސްމަންޒަރު - މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް ދިޔަ ޑިމޮކްރެޓްސް އިން އަންނަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އެގޮތުން:

  • އެ ވޯޓާ ގުޅޭ ގޮތުން އެމްޑީޕީއާ އެކީ މިހާރު ވެސް އަންނަނީ މަޝްވަރާ ކުރަމުން 

  • ޕީޕީއެމް-ޕީއެންސީއާ އެކީ ޑިމޮކްރެޓްސް އިން ކުރި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައި؛ އެއީ ޕީޕީއެމް-ޕީއެންސީން އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާތީ

  • ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ، މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން، ނިޒާމީ ބަދަލުގެ ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 25 ވަނަ ދުވަހު ނެގުން

ވީ ކިހިނެއް؟ - މި ދަނޑިވަޅާ ދިމާކޮށް، އިންތިހާބުގެ ދެ ވަނަ ބުރަކަށް ދިއުމުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ވަކާލާތުކުރާ ޑިމޮކްރެޓްސްއިން އެކަމާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހެޅީ މި މަހުގެ 13ގަ އެވެ. 

ބުނީ ކީކޭ؟ - މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ތިން ވަނަ ފަހަރަށް ޖަލްސާ މެދުކަނޑާލެއްވުމުގެ ކުރިން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ ގަރާރުގެ ބަހުސް މާދަމާ ފެށުމުގެ ފުރުސަތު އެބައޮތް ކަމަަށެވެ.

"އެއީ ހައުސް މެޖޯރިޓީ ލީޑަރާއި (އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް) އާއި މައިނޯރިޓީ ލީޑަރު (ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް) އެއްބަސްވެފައިވާތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. (ފޮޓޯ/ މަޖިލިސް)

އޭގެ އިތުރުން، މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ވެސް އެމްޑީޕީން އެއްބަސްވެފައިވާކަން ނަޝީދު އިއުލާންކުރެއްވި އެވެ.

"މެޖޯރިޓީ ލީޑަރު ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ނިޒާމީ ވޯޓަކަށް ދިއުމާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއްޔެ ވިދާޅުވީ، އެފަދަ ވޯޓެއް ބާއްވަން 28 ނުވަތަ 30 ދުވަަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. ރީ-ރަޖިސްޓްރޭޝަންއަށް ވެސް ވަކި މުއްދަތެއް ގާނޫނުން ކަނޑައަޅާއިރު، ހަބީބް އޭނާގެ އަމިއްލަ ހިޔާލެއް ކަމުގައި ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓު ބާއްވާ ނަމަ، އެއީ އިންތިހާބާ ބެހޭ އާންމު ގާނޫނާ އެއްގޮތަކަށް ބާއްވާ ކަމަކަށް ނުވާނެ ކަމަށެވެ.

ކޮމެންޓް (6)

ފަހީމް

21 ސެޕްޓެމްބަރު 2023
މިހާރު މިއޮތީ ރައްޔިތުންގެ ނިޒާމް އެއީ ރިޔާސީ ނިޒާމް
0 0

ޒިމްބާންޖް

18 ސެޕްޓެމްބަރު 2023
ބަރުލަމާނީގަ މަޖިލިސް މެމްބަރުންނަށް ޕާޓީ ބަދަލެއް ނުކުރެވޭނެ. 2018 އެމްޑީޕީ މެނިފެސްޓޯގަ އޮތްކަމެއް ބަރުލަމާނީއަކީ
1 0

މޫސަ އަދި ހިރިހާ އަށް ވެދުންސަލާމް

18 ސެޕްޓެމްބަރު 2023
ތިޔަބޭފުޅުންގެ ޕްރޮފެޝަނަލް ޒިންމާގެ ރަނގަބީލު މިއޮތީ ޖަހާފަ، އާދޭހާއެކު މިއެދެނީ މިހިނގާ ކަންތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ދިވެހި ލޮބްވެތި ރައްޔިތުންނަށް ފޯރުކޮއްދޭން. ވެރިކަމުގެ ބާރުހޯދަން.
3 0

ހޖހހ

18 ސެޕްޓެމްބަރު 2023
ކޮން ނިޒާމި ވޮޓެއް. ވޯޓު ނަގަން ވީއެއްނުން ކަލޭ މީހަކާއި އިންނަން
2 0

އަމާ

18 ސެޕްޓެމްބަރު 2023
@ހޖހހ ކަލޭ ހޭބަލިވެބަލަ
0 0

ނޫސް ތަކުގެ ވެރިން ނަށް

18 ސެޕްޓެމްބަރު 2023
އާދޭހާއެކު މިއެދެނީ ތިޔަބޭފުޅުންގެ އާކައިވް ބަލާފަ މިހިނގާކަންތަކުގެ އެންމެ ފުރިމަ މައުލޫތު ދިވެހި ރައްޔިތުންނަށް ފޯރުކޮއްދިނުމަށް. މީހަމަ އެންމެ ރަނގަޅު ވަގުތުތޯ މިކަހަލަ ޙަރަދު ތަކެއްކުރަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް