ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ވަގުތީ ކައުންސިލްގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން މަޖިލީހަށް ގަރާރެއް

އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރުގައި އޮތީ 30 ނޮވެމްބަރުގެ ކުރިން އެ ވޯޓު ނަގާ ގޮތަށް
12 ސެޕްޓެމްބަރު 2023

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބު މިއަދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ. 

ފަސްމަންޒަރު - ރިޔާސީ އިންތިހާބު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިރު އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ހޯއްދެވިފައިނުވާތީ މި މަހު 30ގައި ދެވަނަ ބުރެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ބުރުން ކުރި ހޯއްދެވި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ-ޕީޕީއެމް އާއި ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ އިން އަންނަނީ އިތުރު ޕާޓީތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ވީ ކިހިނެއް؟ - މި ދަނޑިވަޅާ ދިމާކޮށް، އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރައްވާފަ އެވެ.

އިންތިހާބުގައި ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް، ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވީ، ދެވަނަ ބުރަކަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލްގެ ހިޔާލު ހޯދުމަށް މިއަދު ހަވީރު އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "2008 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ވެގެން މި ހިސާބަށް އައި އިރު އެއްވެސް ޕާޓީއަކަށް މެޖޯރިޓީއެއް ލިބިފައެއް ނެތް، އެހެން ޕާޓީތަކާއެކީ ކޯލިޝަން ހަދައިގެން ނޫން ގޮތަކަށް ރިޔާސީ އިންތިހާބެއްގައި،" ކޮންމެ އިންތިހާބެއްގައި ވެސް މަސައްކަތް ކުރަނީ ވެރިކަމުގައި ހުންނަ މީހަކު ބާލަންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވި އެވެ.

ތަފްސީލް - އޭނާ ވިދާޅުވި ގޮތުގައި، އެކަން އެހެން ވުމުގެ ސަބަބުން ރައްޔިތުންނަށް މިނިވަންކަމާ އެކީ ވޯޓު ލުމުގެ ބާރެއް ނޯވެ އެވެ. އަދި އެކަން އެގޮތަށް ތަކުރާރު ވަމުން ދިޔުމަކީ ރާއްޖޭގައި ހިންގާ ރިޔާސީ ނިޒާމުގެ މައްސަލައެއް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މިއީ އަނެއްކާވެސް ރައްޔިތުން ކައިރިން ސާފުކޮށްލަންވީ ވަގުތު. މިހާރު މިއީ ރަނގަޅު ވަގުތު ކަމުގައި އަޅުގަނޑަށް ފެނުނީ، ނިޒާމު މިހާރު މި އޮތް ގޮތަށް ބާއްވަން ވީތޯ، ބަދަލުކުރަންވީތޯ [ވޯޓެއް ނަގަން]،" އިލްޔާސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މަޖިލީހަށް ހުށަހެޅި ގަރާރުގައި އޮތީ ނޮވެމްބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގާ ގޮތަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޑިމޮކްރެޓްސްގެ ބާނީ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ގޮތުގައި، ރިޔާސީ ނިޒާމަށް ވުރެ ރާއްޖެއަށް ބޮޑަށް އެކަށީގެންވަނީ ބަރުލަމާނީ ނިޒާމެވެ. އެހެންކަމުން، ޑިމޮކްރެޓްސް އިން ދެވަނަ ބުރަކަށް ކޯލިޝަން ހެދުމުގެ ޝަރުތުތަކުގެ ތެރޭގައި ވެސް ނިޒާމީ ވޯޓެއް ނެގުން ހިމެނޭ ކަމަށް ޕީޕީއެމްގެ މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދީފައިވެ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ޕާޓީތަކުން އަންނަނީ ފުރަތަމަ ބުރުން ބަލިވި ޕާޓީތަކާއި ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން:

  • ޕީޕީއެމް-ޕީއެންސީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ވަނީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައި

  • ޕީޕީއެމް-ޕީއެންސީ އާއި ޑިމޮކްރެޓްސްއާ ދެމެދު މަޝްވަރާ ކުރި ނަމަވެސް، އެ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި

  • ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދޭ؛ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އިލްޔާސް މީގެ ކުރިން ވަނީ ވިދާޅުވެފައި

  • ނަމަވެސް ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވާހަކަދެއްކެވީ އެމްޑީޕީއާ ކޯލިޝަން ހެދުމާ ދެކޮޅަށް. ރައީސް ސޯލިހަށް ތާއީދުކުރުމަކީ އެ ޕާޓީއަށް އޮތް ގޮތެއް ނޫން ކަމަށް، ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ވިދާޅުވެފައި

އެނގުން މުހިއްމު - ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް، އޮގަސްޓް 2007ގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ވަނީ ކަނޑައަޅައިފަ އެވެ. އޭރު ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލް ގައްޔޫމް ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވި އިރު، ނަޝީދު ތާއީދު ކުރައްވާފައިވަނީ ބަރުލަމާނީ ނިޒާމަށެވެ.

އެ ވޯޓުގެ ނަތީޖާ އަކީ:

  • ރިޔާސީ ނިޒާމް - 95،619 ވޯޓު (%62.04)

  • ބަރުލަމާނީ ނިޒާމް - 58،504 ވޯޓު (%37.96)

އިތުރު އާޓިކަލް

އިތުރު އާޓިކަލް