ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީއާ ދެމެދު ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަނެއް ހަދައި، އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީ: ކޯލިޝަން ހެދީ ފޮތިކޮށްފައި ކެބިނެޓާއި ކުންފުނިތައް ބަހާކަށް ނޫން

މާ ބޮޑެތި ޝަރުތުތަކަކާ ނުލައި ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީ އިން އެއްބަސްވީ އިންތިހާބު ކާމިޔާބު ކުރުމަށާއި ކުރިއަށް އޮތް ފަސް އަހަރު ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެ ދެ ޕާޓީން ބުނޭ
12 ސެޕްޓެމްބަރު 2023

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހެދި ނަމަވެސް، "ފޮތިފޮތިކޮށްފައި" ކެބިނެޓާއި ކުންފުނިތައް ނުބަހާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ވީ ކީހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ-ޕީޕީއެމް އާއި އެންމެ 1،907 ވޯޓު ލިބިވަޑައިގެންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އިން ވަނީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހަދައިފަ އެވެ.

އިންތިހާބުގައި ދެން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތާއީދު ދެވަނަ ބުރުގައި ހޯދުމުގެ މަސައްކަތް ރައީސް ސޯލިހުގެ އެމްޑީޕީ އިން ވެސް ކުރަމުން އަންނައިރު، އެމްއެންޕީގެ ކައުންސިލުން ރޭ ނިންމީ މުއިއްޒުއަށް ތާއީދުކުރުމަށެވެ.

ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީއާ ދެމެދު ކޯލިޝަންގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

  • އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީއާ ދެމެދު ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަނެއް ހަދައި، އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބުނީ ކީކޭ؟ - ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދެ ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެންޕީއާ އެކު ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަނެއް ހެދީ މާ ބޮޑެތި ޝަރުތުތަކަކާ އެކު ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކޯލިޝަން މި ހެދީ ގައުމީ މަސައްކަތެއްގެ ގޮތުގައި. މީގައި މާ ބޮޑު އަހުދުނާމާ އާއި ވައުދުތަކެއް ހިމަނައިގެނެއް ނޫން، އެއްބަސްވުން އޮތީ. ދެ ފަރާތުން ވާހަކަދެއްކީ، މިއަދު ގައުމު އޮތް ހާލަތުގެ ގޮތުން، ގައުމު ސަލާމަތް ކުރެވޭނީ އަޅުގަނޑުމެންނާ އެކީ މަސައްކަތް ކޮށްގެން ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމަ މީގައި ފޮތިފޮތިކޮށްފައި ކެބިނެޓާއި ކުންފުނިތައް ބަހާ ވާހަކައެއް އަޅުގަނޑުމެން ނުލިޔަން. އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ބެލީ މި އިންތިހާބު ކާމިޔާބުކުރަން. އެކީގައި މަސައްކަތް ކުރަމުންދާއިރު ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކީގައި ހުރިހާ ކަމެއް ކުރުން، އެއީ މައިގަނޑު އަމާޒަކީ މުޅި އެއްބަސްވުމުގެ ވެސް."

ތަފްސީލު - އަބްދުއްރަހީމްގެ ވާހަކަތަކަށް ބާރުދެއްވައި ނާޒިމް ވެސް ވިދާޅުވީ ކޯލިޝަނެއް ހެދި ކަމުގައި ވިޔަސް ކެބިނެޓުގެ މަގާމުތައް ބެހުމަކީ މިވަގުތު މާ މުހިންމު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދެ ޕާޓީން އެއްބަސްވީ ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް ގާއިމުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"ރައީސުލްހުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކަށް އަޅުގަނޑުމެން އިހުތިޔާރުތައް ވާނީ ދޫކޮށްލާފައި، މި އެއްބަސްވުމުގައި ކަންކަން ނިންމުމުގައި. އަޅުގަނޑު ގަބޫލެއް ނުކުރަން ފޮތިފޮތިކޮށްފައި ބައިބައި ކޮށްގެން މިވަގުތު އެކަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަކަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިވަގުތު އެންމެ މުހިންމު ކަމަކީ ދެ ފަރާތުން ވެސް ގުޅިގެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް