މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ ދަ ޑިމޮކްރެޓްސް)

އެމްޑީޕީ ކޮޅަށް އެރުމަކީ ޑިމޮކްރެޓްސްއަށް އޮތް ގޮތެއް ނޫން: އީވާ

އީވާ ވިދާޅުވީ ޑިމޮކްރެޓްސްއަށް އޮތް ގޮތަކީ ޕީޕީއެމްއާ އެކު ކޯލިޝަން ހެދުން ނުވަތަ އެއްެވެސް ބަޔަކާ އެކު ކޯލިޝަން ނުހެދުން ކަމަށް
12 ސެޕްޓެމްބަރު 2023
1

ދެވަނަ ދައުރެއް ހޯއްދެވުމަށް އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސް އަށް އޮތް ގޮތެއް ނޫން ކަމަށާއި ރައީސަށް ހުށަހަޅާނެ ހުށަހެޅުމެއް ނެތް ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

 ފަސްމަންޒަރު - ރިޔާސީ އިންތިހާބު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިރު އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ހޯއްދެވިފައިނުވާތީ ދެވަނަ ބުރެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ބުރުން ކުރި ހޯއްދެވި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ-ޕީޕީއެމް އާއި ދެވަނައަށް ވަޑައިގެންނެވި ރައީސް ސޯލިހުގެ އެމްޑީޕީ އިން އަންނަނީ އިތުރު ޕާޓީތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

 ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް 15،839 ވޯޓާ އެކު ތިންވަނަ ހޯއްދަވާފައިވާތީ ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރުމަށް އެ ޕާޓީގެ ތާއީދު މުހިއްމުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ވީ ކިހިނެއް؟ - ދެވަނަ ބުރަކަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕާޓީގެ ވަގުތީ ކައުންސިލްގެ ހިޔާލު ހޯދުމަށް ޑިމޮކްރެޓްސް އިން މިއަދު ހަވީރު އެ ޕާޓީގެ މައި ޖަގަހައިގައި ބައްދަލުވުމެއް ބާއްވައި، ޕާޓީން އެކަމުގައި ވަކި ގޮތެއް ނިންމުމަށްޓަކައި މަޝްވަރާ ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ފާސްކޮށްފަ އެވެ.

ކައުންސިލްގެ ގިނަ މެމްބަރުން ވާހަކަ ދެއްކީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމާ ދެކޮޅަށެވެ.

ތަފްސީލް - އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ކޮމިޓީއެއް ނެގިޔަސް ނުނެގިޔަސް، ކައުންސިލް މެމްބަރުންގެ ހިޔާލު ހުރި ގޮތުން، އެމްޑީޕީ ކޮޅަށް އެރުމަކީ ޑިމޮކްރެޓުންނަށް އޮތް ގޮތެއް ނޫން ކަން ވަރަށް ސާފު ކަމަށެވެ.

އެއާއެކު ޖަގަހައިގައި ތިބި މެމްބަރުން އެކަމަށް ވަރަށް ބޮޑަށް ތަރުހީބު ދީ، އަތްތިލަބަޑި ޖަހާފައިވެ އެވެ.

"ހަގީގަތަކީ އަޅުގަނޑުމެން މި ދައްކަނީކީ ޒާތީ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ޕާޓީގެ ކުރިމަގުގެ ވާހަކަ. އެހެންވީމަ އަޅުގަނޑުމެން އެކަން ކުރާނީ މި ޕާޓީއަށް އެންމެ ރަނގަޅު ގޮތް [ބަލާފައި]،" އީވާ ވިދާޅުވި އެވެ.

"އެމްޑީޕީއަކީ އެއްވެސް ހާލަތެއްގައި މި ޕާޓީއަށް ވެސް އަދި ރައްޔިތުންނަށް ވެސް އޮތް ގޮތެއް ނޫން ކަމަށް ވާތީ އަޅުގަނޑުމެން ނުކުމެ މި ތިބީ. އެހެންވީމަ އިބްރާހިމް މުހައްމަދު ސޯލިހަށް އަދި އެމްޑީޕީއަށް އަޅުގަނޑުމެން ހުށަހަޅާނެ ހުށަހެޅުމެއް ނެތް."

އީވާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އަށް ދެން އޮތް ގޮތްތަކަކީ:

  • ޕީޕީއެމް އާއެކު ކުރިއަށް ދިިޔުން

  • އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހަދާ ކުރިއަށް ދިޔުން

  • އިންތިހާބަށްޓަކައި އެކަނި ކޮޅަކަށް ނޭރުން، ނުވަތަ ކޮޅަކަށް އެރުން

"ކޮންމެހެން އަންނަ ސަރުކާރެއްގައި އަޅުގަނޑުމެން ހިމެނުން ވެސް އެއީކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އެމްޑީޕީ "ރޫޅާލުމަކީ" ޑިމޮކްރެޓްސް އަށް އެންމެ ގަދަ ގޮތް ކަމަށް ވަންޏާ، މި މަހު 30ގައި ދެވަނަ ބުރު ބޭއްވުމާ ހަމައަށް އެގޮތުގައި ވެސް ހިފަހައްޓާލެވިދާނެ ކަމަށެވެ.

"ބައިވަރު ގޮތްގޮތް އެބައޮތް. އެކަމަކު އިބޫ ނޫން ގޮތެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް ވަރަށް ސާފު،" އީވާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ދެ ޕާޓީ ގުޅުމުގެ އުންމީދު އެބަ އޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އިއްޔެ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (1)

ތަކުރު

12 ސެޕްޓެމްބަރު 2023
ތިދެބައިމީހުން އެއްވިޔަސް މުއިއްޒުއާ އެއްވަރުނުވޭ. އެހެންވެ ތިހެންކިޔަނީ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް