ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން. (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ނަޝީދާ އެކު ވާހަކަ އެބަ ދެކެވޭ؛ 2 ރައީސުން އެއްކޮށް ފެނުމުގެ އުންމީދު އެބައޮތް: ފައްޔާޒު

ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހާ މިއަދު ބައްދަލުކުރައްވާފައި
11 ސެޕްޓެމްބަރު 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށާއި، ދެ ބޭފުޅުން އެކުގައި ފެނުމުގެ އުންމީދު ބޮޑު ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު، އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ރައީސް ސޯލިހް އެ ޕާޓީގެ ގައުމީ މަޖިލީހާ މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު 'ދައުރު'އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާކުރީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކެމްޕެއިން ކުރިއަށްގެންދާނެ ގޮތަކާ މެދު ކަމަށެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެމްޑީޕީގެ އޮފީސް ބޭރުގައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލް - ނަޝީދާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށްދޭތޯ އަދި ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ 'ދައުރު'ން ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ، ނަޝީދާ އެކު ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، އެކަމަކު އެ މަނިކުފާނުގެ ފަރާތުން ވަކި ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ދެ ރައީސުން އަނެއްކާވެސް އެކުގައި ފެނިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް [ރައީސް ސޯލިހާއި ނަޝީދު އެކުގައި މަސައްކަތް ކުރައްވާ ތަން] ހަމަ ފެނޭ. އެއީ، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ތެރޭ ޖެހިފައި އޮތް ޕާސަނަލް މައްސަލަތަކަކާ ހެދި އެއްވެސް ބޭފުޅަކު މި ގައުމުގެ މުސްތަގުބަލު ގެއްލުވާލާނެ ކަމަކަށް. އެހެންވީމަ، އެ ވާހަކަ އެބަ ދެކެވޭ،" ފައްޔާޒު ވިދާޅުވި އެވެ.

އެނގުން މުހިންމު - ހަރުކަށި ފިކުރަށް މި ފަސް އަހަރަށް ވުރެ ބޮޑަށް އިތުރަށް ޖާގަ ދޭނެ ބަޔަކު ދެން އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެ މަނިކުފާނުގެ ރުހުން، ނުސީދާކޮށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން އިއްޔެ ހާމަކުރައްވައިފަ އެވެ.

ނަމަވެސް، ޑިމޮކްރެޓްސް އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ގުޅުން ހުރި ކަމެއް - މި މަހުގެ 30ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީން ޕާޓީތަކާ އެކު ނުރަސްމީކޮށް މަޝްވަރާތައް މިހާރު ވެސް އެބަ ކުރިއަށް ގެންދެ އެވެ. އެގޮތުން، ދެ ވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމާ މެދު ދެތިން ޕާޓީއަކުން ފެހި ސިގްނަލް ދީފައިވާ ކަމަށް ރައީސް ސޯލިހް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ކޯލިޝަން ހެދުމާ މެދު ރަސްމީކޮށް ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ މަސައްކަތްތައް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

ފަސްމަންޒަރު - ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ހޮނިހިރު ދުވަހުގެ އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެ ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރައީސް ސޯލިހެވެ. އެގޮތުން:

  • މުއިއްޒަށް 101،128 ވޯޓް ލިބިވަޑައިގެންފައިވޭ؛ އެއީ %46

  • ރައީސް ސޯލިހަށް 85،000 ވޯޓު ލިިބިވަޑައިގެންފައިވޭ؛ އެއީ %39

އިތުރު އާޓިކަލް

އިތުރު އާޓިކަލް