ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

ރާއްޖެ އާއި ޕާޓީ މެމްބަރުންނަށް ދެރަވާނެ ގޮތެއް ނުހަދަނާން: އިލްޔާސް

އިއްޔެ ބޭއްވި އިންތިހާބުން ޑިމޮކްރެޓްސްއަށް ލިބުނީ ޖުމްލަ ވޯޓުގެ %7އާ އެކު ތިންވަނަ
10 ސެޕްޓެމްބަރު 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްގެ މެންބަރުން ދެރަވާނެ ގޮތަކަށް އަދި ރާއްޖެއަށް ދެރަވާ ގޮތަކަށް ނިންމުމެއް ނުނިންމާނެ ކަމަށް، ޑިމޮކްރެޓްސްގެ ފަރާތުން އިއްޔެގެ އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި އިންތިހާބުން ޑިމޮކްރެޓްސްއަށް ލިބުނީ ޖުމްލަ ވޯޓުގެ %7އާ އެކު ތިންވަނަ އެވެ. އެ ޕާޓީން އެކަން ފާހަގަކުރަނީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް އަދި ކާމިޔާބީއެއްގެ ގޮތުގަ އެވެ.

ތަފްސީލް - އެ ކާމިޔާބީ  ފާހަގަކުރުމަށް، ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރަންޓުގައި ޕާޓީގެ ސަޕޯޓަރުންނާ އެކު މިއަދު ބޭއްވި ހަވީރުގެ ސައެއްގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސް އިން ނުކުތީ އާދައިގެ މަސައްކަތެއް ކުރަން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް، ބާރަށް ދާނަން. އަޅުގަނޑުމެންގެ ސްޕީޑެއް ވެސް ލަހެއް ނުވާނެ. މިސްރާބުން ކައްސައެއް ނުލާނެ. ސީދާ ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

"ތެޅިފޮޅިގަނެގެން ވަގުތުން ވަގުތަށް ކަންތައްތައް ނިންމަން އުޅެގެން ނުވާނެ. ވިސްނުންތެރިކަމާ އެކީ ނިންމާ ނިންމުންތައް ނިންމަން ޖެހޭނީ."

އިލްޔާސް ވިދާޅުވީ، ބޭނުންވާ ހިސާބަށް ދިއުމަށް ޕާޓީއަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ބާނީ މުހަމްދު ނަޝީދުގެ ފަރާތްޕުޅުން ކަމަށެވެ.

"ރައީސްގެ މި މަސައްކަތުގައި، އަޅުގަނޑުމެން އެންމެން މި ތިބީ ފަހަތަށް ޖެހޭކަށް ނޫން،" އެމްޑީޕީން ވަކިވެ، ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ މަސައްކަތްތަކާ ބެހޭ ގޮތުން އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މެނިފެސްޓޯއެއް އެކުލަވާލައި އިންތިހާބަށް ނުކުމެ، ހޯދި ކާމިޔާބީ އަކީ ޕާޓީގެ މެންބަރުން ބޭނުންވާ މީހަކު ވެރިކަމަށް ގެނައުމަށް ބޭނުންވާ ބާރު އޮތްކަން ފެންނަ ކަމެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް