އާދަޔާހިލާފު މޮޅު ދަރިވަރެއް، އުމުރުން 12 އަހަރުގައި އޯލެވެލްގެ ހަތަރު މާއްދާއިން އޭ ގްރޭޑް.

އޭ ލެވެލް

ތާރީހީ ދުވަހެއް؛ 12 އަހަރުގައި ރަޔާން އޭލެވެލްއަށް ކިޔަވަން ފަށައިފި

އާއްމު ގޮތެއްގައި ރާއްޖޭގައި އޭލެވެލްއަށް ކިޔަވަން ފަށަނީ ގްރޭޑް 10 ނިންމުމަށް ފަހުގައި ކަމަށް ވިޔަސް، ރަޔާން މި ދަތުރު ފެށީ ގްރޭޑް 7 ނިންމުމަށް ފަހުގައި
17 ސެޕްޓެމްބަރު 2023

ގްރޭޑް 7ގައި ކިޔަވަމުން، އުމުރުން 12 އަހަރުގައި ރަޔާން ރިޔާޒް އަބްދުލްވާހިދު މިދިޔަ އޯލެވެލް އިމްތިހާނުގައި ހޯދި ނަތީޖާއިން ގިނަ ބަޔަކު ހައިރާންކޮށްލި އެވެ. އަމިއްލަ ގޮތުން އޯލެވެލް ހަދައި އެއް މާއްދާއިން 'އޭ ސްޓާ' ހޯދައި ތިން މާއްދާއިން އޭ ގްރޭޑް ހޯދި އެވެ.

ހުރަވީ ސްކޫލުގައި ކިޔަވަމުން އައި އާދަޔާ ހިލާފު ވިސްނުންތޫނު މި ދަރިވަރު ދެން ބޭނުންވީ، ސާނަވީގެ ގްރޭޑްތައް ނުނިންމައި ސީދާ އޭލެވެލްއަށް ދާށެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އެ ފުރުސަތު ފަހިކޮށްދިނުމާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ އުމުރުގެ ކުއްޖަކު މިއަދު ވަނީ އޭލެވެލްއަށް ކިޔަވަން ފަށައިފަ އެވެ.

މިއަދަކީ ރަޔާނަށް އަދި ވިލާ އިންޓަނޭޝަނަލް ސްކޫލުގެ އިތުރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވެސް ތާރީހީ ދުވަހެކެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެގެން މި ތިބީ މި ކަމަށް. މިއީ ޗެލެންޖެއް ކަމަށް ބަލައިގެން އަޅުގަނޑުމެން ރަޔާނަށް ފުރުސަތު މި ދިނީ،" ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވި އެވެ.

ރަޔާން: ގްރޭޑް 7 ނިންމުމަށް ފަހު މިހާރު އޭނާ ކިޔަވަމުން ދަނީ އޭލެވެލްގައި.

އޯޓިޒަމް ތަހައްމަލު ކުރަމުންދާ މި ދަރިވަރު ވަނީ 2021 ވަނަ އަހަރުގެ އޯލެވެލް އިން ވެސް ކެމިސްޓްރީން 'އޭ' ގްރޭޑް ހޯދާފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބަޔޮލޮޖީން 'އޭ ސްޓާ' ހޯދި އެވެ. އަދި ހިސާބާއި އިނގިރޭސި އާއި ފިޒިކްސް އިން 'އޭ' ހޯދި އެވެ. ފިޒިކްސް އިން އޭނާ އެ ނަތީޖާ ހޯދީ، އެންމެ ފަސް މަހު ކިޔަވައިގެންނެވެ.

މިއީ ހުސް އާދަޔާ ހިލާފު، ތާރީހީ ނަތީޖާތަކެކެވެ.

ރާއްޖޭގައި އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ ގްރޭޑް 10ގައި ހަދާ އޯލެވެލްގެ އިމްތިހާނަށް ފަހު އެވެ. އޭރު ހުރިހާ ދަރިވަރުންނަކަށްހެން ތިބެނީ 16 އަހަރު ފުރިފަ އެވެ. އެކަމަކު ގްރޭޑް 7ގައި ކިޔެވުމަށް ފަހު ރަޔާން އޭލެވެލްއަށް ކިޔަވަން މި ފެށީ ހަތަރު ވަރަކަށް އަހަރު ހަގު ކޮށެވެ.

ސައީދު ވިދާޅުވީ ހައި ސްކޫލަކަށް އެހާ ޅަ ކުއްޖަކު އައުމަކީ، އެންމެ ރަނގަޅު ގޮތްތޯ ވިސްނުމަށް ރަޔާންގެ ބެލެނިވެރިންނަށް ފުރުސަތު ދެއްވި ކަމަށެވެ. އެއީ އުމުރުގެ ގޮތުން އެހާ ބޮޑު ތަފާތެއް ހުރުމުން ދަރިވަރަށް އެއިން އަސަރެއް ކުރިމަތިވެދާނެތޯ ނިންމުމަށް ދެއްވި ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން ކުދިންނާ އެކު އޭނާ ކިޔަވަން ފެށީ، ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ބެލެނިވެރިންގެ އެދުމުގެ މަތިންނެވެ.

"އަޅުގަނޑުމެން މި ތިބީ ރަޔާންއަށް ވީ އެހީތެރިކަމެއް ވާން. މިއީ އަޅުގަނޑުމެންނަށް ވެސް ރަނގަޅު ތަޖުރިބާއަކަށް ވާނެ،" ސައީދު ވިދާޅުވި އެވެ.

'ދައުރު'އާ ކުރިން ވާހަކަ ދައްކަމުން، ރަޔާންގެ މަންމަ އަދި ހުރަވީ ސްކޫލުގެ ކެމިސްޓްރީ ޓީޗަރު އައިޝަތު ޔުމްނާ ބުނިގޮތުގައި ދަރިފުޅު އޭލެވެލްއަށް ކިޔަވަން ބޭނުންވީ، އޭނާގެ ގާބިލްކަން ހުރުމުން، އިތުރަށް ވަގުތު ބޭކާރު ނުކުރުމުގެ ގޮތުންނެވެ. ރަޔާންގެ އުއްމީދަކީ، ސައިންޓިސްޓަކަށް ވުމެވެ. އެހެންވެ، އުމުރުން ހަގަސް ސައިޓިސްޓަކަށް ވުމުގެ އިތުރު މަރުހަލާތައް ކަޑައްތު ކުރުމުގެ ފުރުސަތު ދިނުން ކަމަށް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް