އޯ ލެވެލް އިމްތިހާނުގައި މި ފަހަރު ހަތަރު މާއްދާއިން އޭ ފާސް ހޯދި އުމުރުން 12 އަހަރުގެ ރަޔާން: އޭނާ މިހާރު މަސައްކަތް ކުރަނީ އޭލެވެލްއަށް ކިޔަވަން (ފޮޓޯ/ދަރިވަރުއެމްވީ)
އާދަޔާހިލާފު މޮޅު ދަރިވަރެއް، އުމުރުން 12 އަހަރުގައި އޯ ލެވެލްގެ ހަތަރު މާއްދާއިން އޭ ގްރޭޑް
އޯ ލެވެލް އިމްތިހާނުގައި، 2021 ވަނަ އަހަރު ނެރުނު އެންމެ އާދަޔާހިލާފު އެއް ނަތީޖާއަކީ އުމުރުން 10 އަހަރުގެ ކުއްޖަކު ކެމިސްޓްރީ އިން އޭ ގްރޭޑް ހޯދުމެވެ. އަމިއްލަ ގޮތުން ބައިވެރިވެގެން، ހުރަވީ ސްކޫލުގެ ރަޔާން ރިޔާޒް އަބްދުލްވާހިދު ހޯދި މި ނަތީޖާގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އޭނާއާ ބައްދަލު ކުރައްވައި އިނާމު ދެއްވި އެވެ.
އެކަމަކު އޯޓިސްޓިކް މި ދަރިވަރަށް ލިބިފައިވާ ގާބިލްކަން އެއަށް ވުރެ ބޮޑެވެ. ފުރަތަމަ ފަހަރު އެއް މާއްދާއިން އޭ ގްރޭޑް ހޯދައި، އެންމެން ހައިރާންކޮށްލި އިރު މި ފަހަރުގެ އޯ ލެވެލްގެ އިމްތިހާނުން ރަޔާން ވަނީ ހަތަރު މާއްދާއަކުން މޮޅު ނަތީޖާ ހޯދާފަ އެވެ.
އޭނާ ބަޔޮލޮޖީ އިން 'އޭ ސްޓާ' ހޯދި އިރު، ހިސާބާއި އިނގިރޭސި އާއި ފިޒިކްސް އިން 'އޭ' ހޯދި އެވެ. އަނެއްކާވެސް އާދަޔާހިލާފު ނަތީޖާއަކާ އެކު ތާރީހުގެ ތެރެއަށް ވަނީ އެވެ.
ސިވިއާ އޯޓިސްޓިކް މި ދަރިވަރަށް، އޭނާގެ ބަލީގެ ސަބަބުން ތައުލީމީ ހަޔާތުގެ ފުރަތަމަކޮޅު ގިނަ ފުރުސަތުތަކަކުން މަހްރޫމްވި އެވެ. ކްލާހުގައި އެހެން ކުދިންނާ އެކު ގޮނޑީގައި އިށީނދެ އިނދެ ކިޔެވުމަކީ ރަޔާންއަށް ކުރަން އުނދަގޫ ކަމެކެވެ. އެކަމަކު ދަރިފުޅުގެ ތޫނުފިލި ވިސްނުން އެނގޭތީ، އޭނާގެ މައިންބަފައިން، ސާބިތުކަމާ އެކު ގޮތުގައި ހިފަހައްޓާލުމަކީ އެފަދަ ނަތީޖާއެއް ހޯދުމުގެ އެންމެ ބޮޑު ސަބަބެވެ.
ރަޔާންގެ މަންމަ އައިޝަތު ޔުމްނާއަކީ ހުރަވީ ސްކޫލުގެ ކެމިސްޓްރީ ޓީޗަރެކެވެ. އެހެންވެ، އެންމެ ތުއްތު އިރުއްސުރެ ރަޔާން ސައިންސްގެ މާއްދާތަކާ ދޯޅަ އެވެ. ބޮޑުވެގެން ވާނީ ސައިންޓިސްޓަކަށް ކަމަށް، އުމުރުން ހަ އަހަރުގައި އޭނާ ނިންމައިފި އެވެ. އެކަމަކު އެކަމަށް އޭނާ މަސައްކަތް ފެށީ، މަންމަ ގާތުން ކިޔަވަމުން 2021 ވަނަ އަހަރު އޯ ލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފަހު އެވެ.
'ދައުރު'އާ ވާހަކަ ދައްކަމުން ޔުމްނާ ބުނީ އޯ ލެވެލްގައި އިތުރު މާއްދާތައް ކިޔަވަން ބޭނުންވީ، ހަމައެކަނި ކެމިސްޓްރީ ކިޔަވައިގެން އިތުރަށް ކުރިއަށް ނުދެވޭނެތީ ކަމަށެވެ. އެހެންވެ، އޯ ލެވެލްގެ ފަސް މާއްދާ ހަމަކުރުމަށް މިދިޔަ އަހަރު އޭނާ އިތުރު ހަތަރު މާއްދާ ކިޔަވަން ފެށީ އެވެ. އޭ ސްޓާ ހޯދި ބަޔޮލޮޖީ ކިޔަވަން ތަންކޮޅެއް ކުރިން ފެށި ނަމަވެސް، ހިސާބާއި އިނގިރޭސި އާއި ފިޒިކްސް ކިޔަވަން އޭނާއަށް ފުރުސަތު ލިބުނީ މަދު މަސް ކޮޅަކަށް ވެފައި އޮޮއްވަ އެވެ.
"ފިޒިކްސްގެ އިމްތިހާނު އެ ހެދީ ފަސް މަސް ދުވަހު ކިޔަވައިގެން. ވަރަށް ގިނަ ޗެލެންޖަސް ކުރިމަތިވި. އެކްސްޕެރިމެންޓްތައް ހަދަން ފުރުސަތު ނުލިބޭތީ އެކަންކަން އޭނާ ދަސްކުރީ ޔޫޓިއުބް ބަލައިގެން،" ޔުމްނާ ބުންޏެވެ.
"އެކަމަކު ލިބުނު ކުޑަ ވަގުތު ކޮޅާ ބަލާފައި ނަތީޖާއާ މެދު އަޅުގަނޑުމެން ހިތްހަމަ ޖެހޭ."
ޔުމްނާމެންގެ ވިސްނުމަކީ ރަޔާން ދެން އޭ ލެވެލް އިމްތިހާނުގައި ބައިވެރިކުރުމެވެ. އަދި ނަތީޖާއަށް ބަލާފައި، އުމުރުން ހަގަސް ސައިޓިސްޓަކަށް ވުމުގެ އިތުރު މަރުހަލާތައް ކަޑައްތު ކުރުމެވެ.
ގޭގައި އިނދެ އަމިއްލައަށް ކިޔަވައިގެން ރަޔާންއަށް އޭ ލެވެލްގެ ހުރިހާ މާއްދާއަކުން ވެސް މޮޅު ނަތީޖާ ހޯދިދާނެ ކަމާ މެދު ޔުމްނާ ޝައްކެއް ނުކުރެ އެވެ. އެކަމަކު ދަރިފުޅުގެ ބަލި ހާލަތާ މެދު ވެސް އޭނާ ފިކުރު ބޮޑުވެ އެވެ. ރަޔާންއަށް އެންމެ ރަނގަޅީ ސްކޫލަށް ގޮސްގެން، އެހެން ކުދިންނާ އެކު އިނދެ ކިޔަވާށެވެ. މީހުންނާ ގުޅިގެން އުޅެން ދަސްވުމާއި ވާހަކަ ދެއްކުން ފަދަ ކަންކަމަށް ކުރިއެރުން އަންނަނީ ސްކޫލަކަށް ގޮސްގެންނެވެ. އޭނާގެ އުއްމީދަކީ އޭ ލެވެލްއަށް ކިޔަވައިދޭ ސްކޫލަކުން ދަރިފުޅަށް ފުރުސަތު ލިބުމެވެ.
ޔުމްނާގެ ދެމަފިރިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އަންނަ މަހު ފަށާ މަތީ ސާނަވީގައި، މިހާރު އުމުރުން 12 އަހަރުގެ ރަޔާންއަށް ބައިވެރިވެވޭތޯ އެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ނުވަތަ އޭ ލެވެލްއަށް ކިޔަވައިދޭ އެހެން ސްކޫލަކުން ފުރުސަތު ލިބިއްޖެ ނަމަ، އޭނާ ވާނީ އުމުރުން އެހާ ހަގު އުމުރެއްގައި ހައި ސްކޫލުގެ ކިޔެވުން ފަށާ ދިވެހި ފުރަތަމަ ދަރިވަރަށެވެ.
"އެކަމަކު ރާއްޖޭގެ ތައުލީމީ ދާއިރާގެ އުސޫލުތައް އޮންނަ ގޮތުން އަދި ނެތް ރަޔާން ގްރޭޑް 7ގެ ކިޔެވުން ދޫކޮށްލާފައި އޭ ލެވެލް ފެށޭކަށް. ނަމަވެސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ އެ ފުރުސަތު ލިބޭތޯ،" ޔުމްނާ ބުންޏެވެ.
ރަޔާންއަކީ އާދަޔާހިލާފަށް ވިސްނުންތޫނު 'ގިފްޓެޑް' ކުއްޖެކެވެ. ދަރިފުޅަށް ލިބިފައިވާ އެ ގާބިލިއްޔަތުކަން ބޭކާރުވާކަށް އޭނާގެ މައިންބަފައިން ބޭނުމެއް ނުވެ އެވެ. އޭ ލެވެލްއަށް ފަހު، ރާއްޖެއިން ބޭރުން އިތުރަށް ކިޔަވައިދީ، ސައިންޓިސްޓަކަށް ވުމަށް އެކުއްޖާ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށް އާއިލާއިން ހުރީ ތައްޔާރަށެވެ.
އާއިލާއިން ދެކޭ ގޮތުގައި ރަޔާންގެ ކުރިމަގު މިއަށް ވުރެ އުޖާލާ ކުރެވިދާނެ އެވެ. އެކަމަށް ބޭނުންވަނީ، ތައުލީމީ ދާއިރާގެ ބައެއް އުސޫލުތައް ބަދަލު ކުރާށެވެ.