ކޮކާކޯލާ ފައުންޑޭޝަން އިން ގާއިމްކޮށްފައިވާ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (ފޮޓޯ/ކޮކާކޯލާ)

ކޮކާ-ކޯލާ

ކޮކާކޯލާ އާއި މޯޕާ ގުޅިގެން ކަނޑުތައް ކުނިން ސަލާމަތްކުރަނީ

ކޮކާ-ކޯލާ މޯލްޑިވްސް އާއި މޯޕާ ގުޅިގެން ޕްލާސްޓިކަށް ވަށާ ޖެހޭ އިގްތިސާދެއް ގާއިމްކުރުމަށާއި ކަނޑުތައް ސާފުކުރުމުގެ މަގްސަދުގައި ބޮޑު ތިން މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުން
16 ސެޕްޓެމްބަރު 2023

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަކުރަމުން އަންނަ އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭގެ ޝިއާރު ކަމަށްވާ 'ކުނި ނެތް ކަނޑުތަކެއް'އާ އެއްގޮތަށް، ކޮކާ-ކޯލާ މޯލްޑިވްސް އާއި ޕްލާސްޓިކް ކުނިން ކަނޑުތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯޕާ އިން މުހިންމު ތިން މަޝްރޫއެއް ހިންގަމުން އަންނަ ކަމަށް އެ ފަރާތްތަކުން ބުނެފި އެވެ.

ތަފްސީލް - އެ މަސައްކަތްތަކާ ގުޅޭގޮތުން ކޮކާކޯލާ އާއި މޯޕާ އިން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮކާކޯލާގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (ކޮކާ ކޯލާ މޯލްޑިވްސް)އާ ގުޅިގެން މޯޕާ އިން ކޮންމެ ދުވަހެއް ވެސް ބަލަނީ ސާފުކުރާ ދުވަހެއް ކަމަށެވެ.

ގޮނޑުދޮށްތަކާއި ކަނޑުތަކުން ކުނި ނައްތާލުމަށް ދުނިޔޭގެ ފެންވަރުގައި ހިންގާ އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ހަރަކާތުގައި ކޮކާކޯލާ އާއި މޯޕާ އިން ވެސް ބައިވެރިވާނެކަން ފާހަގަކޮށް ބުނީ:

  • މޯޕާ އާއި ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސް އިން 2021 ވަނަ އަހަރުން ފެށިގެން، %100 ރީސައިކަލް ކުރެވޭ އަދި އެކި ބޭނުންތަކުގައި ބޭނުންކުރެވޭ ޕެޓް ޕްލާސްޓިކް ފުޅި އެއްކުރުމާއި ރީސައިކަލް ކުރުމުގެ ތަފާތު މަޝްރޫއުތައް ހިންގާ ކަމަށް

  • ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 200،000 ކިލޯއަށް ވުރެ ގިނަ ޕެޓް ފުޅި އެއްކޮށް، އެ ތަކެތި ކުނިކޮށިތަކުގައި ނުވަތަ ކަނޑުގައި ނިމިގެން ނުދާނެކަން ކަށަވަރުކޮށްފައިވާ ކަމަށްް

ޕެޓް ފުޅި ރީސައިކަލް ކުރުމަށް ތައްޔާރު ކޮށްފައި (ފޮޓޯ/ކޮކާ ކޯލާ)

މި މަޝްރޫއުތަކަކީ، ކޮކާކޯލާ އިން ބުނި ގޮތުގައި:

  • އެ ކުންފުނިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކެއް 

  • އެ ކުންފުނީގެ ބައިނަލްއަގުވާމީ ސިޔާސަތު، 'ވޯލްޑް ވިތައުޓް ވޭސްޓް'އާ ގުޅިފައިވާ މަޝްރޫއުތަކެއް

ކޮކާކޯލާ ކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަ އިރު އެ ކުންފުނިން، ވިއްކާ ކޮންމެ ފުޅިއެއް ނުވަތަ ދަޅެއްގެ ބަދަލުގައި އެފަދަ ދަޅެއް ނުވަތަ ފުޅިއެއް އެއްކޮށް ރީސައިކަލްކޮށް، 2025 ވަނަ އަހަރުގެ ނިޔަލަށް ޕެކޭޖިންގެ %50 އަކީ ރީސައިކަލް ކުރެވޭނެ ތަކެތި ކަމަށް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.

  • ކޮކާ-ކޯލާ މޯލްޑިވްސް އާއި މޯޕާ ގުޅިގެން ޕްލާސްޓިކަށް ވަށާ ޖެހޭ އިގްތިސާދެއް ގާއިމްކުރުމަށާއި ކަނޑުތައް ސާފުކުރުމުގެ މަގްސަދުގައި ބޮޑު ތިން މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުން 

ފުރަތަމަ މަޝްރޫއަކީ މާލެ އާއި ހުޅުމާލެ އަދި އައްޑޫން ޕެޓް ފުޅި އެއްކޮށް، އެ ތަކެތި ރީސައިކަލް ކުރުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ހިންގާ ރިވާސް ޕެޓް ކަލެކްޝަން ޕްރޮޖެކްޓެވެ. މި މަޝްރޫއު 2021ގައި ފެށި ފަހުން މި އަހަރުގެ ފުރަތަމަ ކުއާޓާ ހަމައަށް ގާތްގަނޑަކަށް 150،000 ކިލޯގެ ކުނި އެއްކޮށްފައި ވާއިރު، މި މަޝްރޫއުގެ ސަބަބުން ކުނި އެއްކުރާ ފަރާތްތަކަށާއި އެކި ތަންތަނަށް ގެންގޮސްދޭ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް ވަނީ ފަހިވެފަ އެވެ.

ދެވަނަ މަޝްރޫއަކީ ރާއްޖޭގެ އެކި އަތޮޅުތައް ހިމެނޭ ގޮތަށް މި ވަގުތު ހަތަރު ރަށެއްގައި ކުރިއަށް ގެންދާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓެވެ. މި މަޝްރޫއުގެ ދަށުން ގޭބިސީތަކާއި ފިހާރަތަކާއި ސްކޫލްތަކާއި އެހެނިހެން ތަންތަނުން ބޭނުންކުރުމަށް ފަހު ދޫކޮށްލާ ޕެޓް ފުޅި އެއްކޮށް، އިތުރަށް ޕްރޮސެސް ކުރުމަށް މާލެއަށް ފޮނުވަ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 60،000 ކިލޯގެ ކުނިވަނީ އެއްކޮށްފަ އެވެ. އަދި ކުނި ރަނގަޅަށް ބެލެހެއްޓުމާއި ރީސައިކަލް ކުރުމުގެ މުހިންމުކަމާ މެދު ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް މި މަޝްރޫއުގެ ދަށުން މަސައްކަތްތައް ކުރެ އެވެ.

ތިންވަނަ މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓެވެ. މި މަޝްރޫއުގެ ދަށުން ށ. އަދި ނ. އަތޮޅާއި ކ. އަތޮޅުގެ އިތުރުން، ދ. އަތޮޅާއި އައްޑޫ ގައި ހިންގާ ރިސޯޓްތަކުން ބޭނުންކުރާ ޕެޓް ފުޅި އެއްކޮށް، ރީސައިކަލް ކުރުމަށް މާލެ ފޮނުވަ އެވެ. މި މަޝްރޫއު ޑިސެމްބަރު 2021ގައި ފެށި ފަހުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ގާތްގަނޑަކަށް 7،500 ކިލޯގެ ކުނި އެއްކޮށްފައި ވާއިރު، ރާއްޖޭގެ ކަނޑުތައް ކުނިން ސަލާމަތްކުރުމަށްޓަކައި ކުނި މެނޭޖްކުރުމުގެ އެންމެ އެދެވޭ އުސޫލުތައް ގެންގުޅުމަށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ހިތްވަރުދެ އެވެ.

ޕެޓް ފުޅި ރީސައިކަލް ކުރަން ތައްޔާރުކޮށްފައި (ފޮޓޯ/ކޮކާކޯލާ)
  • މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް، މޯޕާ އިން ދާދި ފަހުން ވަނީ ރާއްޖޭގެ ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރުއެފް) އިފްތިތާހުކޮށްފައި

  •  ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ހަރަދުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރި އެމްއާރުއެފްގައި ޕެޓް ޕްލާސްޓިކް ކުނި ސޯޓްކޮށް އަދި ބޭލްކުރުމަށް ފަހު ރީސައިކަލް ކުރުމަށް ބޭރަށް ގެންދިއުމަށް ބޭނުންވާނެ ސާމާނާއި އާލާތްތައް ގާއިމްކޮށްފައިވޭ

ބުނީ ކީކޭ؟ - މޯޕާގެ ބާނީ އަދި ޗެއާމަން ތޯރިގް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމުގައި ކޮކާ-ކޯލާ މޯލްޑިވްސްއާ ގުޅިގެން ކުރަނީ ފަހުރުވެރިވާ ވަރުގެ މަސައްކަތެއް ކަމަށެވެ.

"އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭގެ މެސެޖު ކަމަށްވާ 'ކުނި ނެތް ކަނޑުތަކެއް' ހޯދައިދިނުމަށް އެއްބާރުލުން ދިނުމަކީ މޯޕާ އިން ފަހުރުވެރިވާ ކަމެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އުފައްދާ ފަރާތްތަކާއި އެތެރެކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާއި އަދި ބޭނުންކުރާ ފަރާތްތަކާ ވެސް ގުޅިގެން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ސާފު މާހައުލު ރައްކާތެރިކުރުމަށް، އިޖުތިމާއީ ޒިންމާގެ ދަށުން މަސައްކަތްތައް ފުޅާކުރުން،" އޭނާ ވިދާޅުވި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ ސާފު، ފެހި މުސްތަގުބަލެއް ހޯދުމަށް މުހިންމު ފިޔަވަޅުތަކެއް ރާއްޖެއިން އަޅަމުން އަންނަ ކަމަށެވެ.

"ކުނި މެނޭޖްކުރާ ސަރުކާރުގެ ކުންފުނީގެ ހައިސިއްޔަތުން، ކޮކާ-ކޯލާ އަދި މޯޕާ ފަދަ ބައިވެރިން، 'ކުނި ނެތް ކަނޑުތަކެއް' ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަތަކަށް އެހީތެރިވުމުގެ ޒިންމާ އަޅުގަނޑުމެންގެ ކިބައިގައި ވެސް ވާ ކަމަށް ގަބޫލުކުރަން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުނި އެއްކުރުމަށް ހިންގޭ މިފަދަ ކަންކަމަކީ ހަމައެކަނި ރީސައިކަލް ކުރުމެއް ނޫން. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށާއި އަޅުގަނޑުމެންގެ ނާޒުކު ވެށި ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަންތައްތަކެއް،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓްތައް އަދި ގެސްޓްހައުސްތަކާ ގުޅިގެން ކޮކާކޯލާ މޯލްޑިވްސް އާއި މޯޕާ އިން އަންނަނީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުމާއި އީޖާދީ ވިސްނުން ކުރިއަށް ނެރުމުގެ ސަގާފަތެއް އާލާކުރަމުންނެވެ.

  • މި މަޝްރޫއުތަކުގެ ސަބަބުން ޕެޓް ފުޅި އެއްކުރުމާއި، ސޯޓްކުރުމާއި، އެކި ތަންތަނަށް ގެންދިއުމުގައި ހަރަކާތްތެރިވާ އާންމުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ލިބޭ

  • ރީސައިކަލް ކުރުމުގެ ފައިދާތަކާ ބެހޭ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުވެ، ސާފު އަދި ފެހި މުސްތަގުބަލަކަށް ފިޔަވަޅު އެޅުމަށް ބާރުއަޅާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް