ރޭ ބޭއްވި 'މަވެސް ޕީޕިއެމް' ކެެމްޕެއިން ހަރަކާތުގެ ތެރެއިން މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނަން: މުއިއްޒު

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށް ހަދަމުން އަންނަ ފްލެޓްތަކުގެ ކުލި ދެއްކުން ވެސް އެއް އަހަރަށް ފަސްކޮށްދޭނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި

މި ސަރުކާރުން ފުލުހުންނާއި ސިފައިންނަށް ވަރަށް ބޮޑަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ވިދާޅުވެ، އޭނާގެ ސަރުކާރެއްގައި އެ ދެ މުއައްސަސާގެ ހިދުމަތްތެރިންގެ މުސާރަ ދެ ގުނަ ބޮޑުކޮށް، އެ މީހުންނަށް ހާއްސަކޮށް އަޅަމުން އަންނަ ފްލެޓްތަކުގެ ކުލި ދެއްކުމުގައި ލުއިތަކެއް ދިނުމަށް އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް ވައުދުވެވަޑައިގެންނެވީ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި 'މަވެސް ޕީޕީއެމް' ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގެ ތެރޭގައި މުއިއްޒު ވަނީ، ސިފައިންނާއި ފުލުހުންނަށް އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ބައެއް ކަންކަން ވިދާޅުވެދެއްވާފަ އެވެ.

ތަފްސީލު - މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރާއިރު، މި ގައުމުގެ މިނިވަންކަން މިއަދު ގޮސްފައިވާ ހިސާބުން ސިފައިންނާއި ފުލުހުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ ދެ މުއައްސަސާގެ "މަދު ބޭފުޅުންކޮޅެއް" މި ސަރުކާރުގެ ނޭއްގާނީ އަމަލުތަކުގައި ބައިވެރިވަމުންދަނީ ނުހައްގުންކަން ފާހަގަކުރައްވައި އޭނާގެ ސަރުކާރެއްގައި ސިފައިންނާއި ފުލުހުންނަކީ އަބުރުވެރި ބަޔަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ބުނި ކީކޭ؟ - "އަޅުގަނޑުމެން ދިވެހި ރައްޔިތުން މި ގައުމީ ވާހަކައިގައި އެއް ސަފަކަށް ވަޑައިގެން، ގައުމީ ވިސްނުމުގައި 30 ސެޕްޓެމްބަރުގައި، ގައުމީ ޖޯޝުގައި ވަޑައިގަންނަވަން ނިންމައިފި ނަމަ، އަޅުގަނޑުމެންނަށް ލިބޭ ސަރުކާރުގައި ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު ހުރި މުސާރައަށް ވުރެ ދެ ގުނަ ބޮޑުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

"މި ގައުމުގެ ފަހުރަކީ ސިފައިންނާއި ފުލުހުން. އެ ދެ މުއައްސާސާގެ ހުރިހާ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އަބުރުވެރި ބައެއްކަން ޔަގީންކޮށްދޭނަން. ކުޅޭ ކުޅޭ ބޯޅައެއްހެން ޖަހަން ގެންގުޅޭ ތަނަކަށް އެ ދެ ތަން ނުހަދާނާން."

ރޭގެ ޖަލްސާގައި މުއިއްޒު ވާހަަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

އޭނާގެ އެ ވައުދާ އެކު، އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މާދަމާ އެ ދެ މުއައްސަސާގެ މުސާރަ ވެސް ބޮޑުކޮށްދެއްވާނެ ކަމަށް، މަޖާޒީ ރާގެއްގައި މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް އުފާކުރާނަން، ބޮޑުކޮށްދެއްވައިފިއްޔާ،" ޖަލްސާގައި ތިބި ސަޕޯޓަރުންގެ ހުނުމުގެ އަޑަށް މުއިއްޒު ވިދާޅުވި އެވެ.

  • އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާޓިފިޝަލް ބީޗްގައި ބޭއްވި 'މަވެސް ޕީޕިއެމް' ކެެމްޕެއިން ހަރަކާތުގެ ތެރެއިން. (ފޮޓޯ/ ޕީޕީއެމް)
  • އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާޓިފިޝަލް ބީޗްގައި ބޭއްވި 'މަވެސް ޕީޕިއެމް' ކެެމްޕެއިން ހަރަކާތުގެ ތެރެއިން. (ފޮޓޯ/ ޕީޕީއެމް)
  • އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާޓިފިޝަލް ބީޗްގައި ބޭއްވި 'މަވެސް ޕީޕިއެމް' ކެެމްޕެއިން ހަރަކާތުގެ ތެރެއިން. (ފޮޓޯ/ ޕީޕީއެމް)

މުސާރަ ބޮޑުކޮށްދެއްވުމަށް އޭނާގެ ކެމްޕެއިންގައި ވައުދުވެވެޑައިގެންނެވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާ ދައްކަވާ ވާހަކައެއް ދައްކަވަނީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު، އެ ވާހަކައަށް އޭނާ ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގެން ހުންނަވަ އެވެ.

"އެންމެ އިސްކަމެއް މި ދިނީ، އަޅުގަނޑުމެން ގައުމީ މައްސަލައިގައި އެންމެ އިސްކަން ދޭން ޖެހޭ ފަރާތް ކަމުގައިވާ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާޓިފިޝަލް ބީޗްގައި ބޭއްވި 'މަވެސް ޕީޕިއެމް' ކެެމްޕެއިން ހަރަކާތުގެ ތެރެއިން. (ފޮޓޯ/ ޕީޕީއެމް)
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާޓިފިޝަލް ބީޗްގައި ބޭއްވި 'މަވެސް ޕީޕިއެމް' ކެެމްޕެއިން ހަރަކާތުގެ ތެރެއިން. (ފޮޓޯ/ ޕީޕީއެމް)

މި ސަރުކާރުން ސިފައިންނާއި ފުލުހުންނަށް ވަރަށް ބޮޑަށް "އިހާނެތިކޮށް ހިތާފައި"ވާ ކަމަށް މުއިއްޒު ވިދާޅުވި ސަބަބުތަކެއްގެ ގޮތުގައި ދެއްކެވީ:

  • ވެރިކަމުގެ 100 ދުވަސް ތެރޭގައި ނިންމާނެ ކަމަށް ބުނި ފްލެޓްތައް އަދިވެސް ނުނިމުން

  • މަސައްކަތް ނިމުމާ ގާތަށް ގޮސް، ހަވާލުކުރަން ޖެހުނު ހިސާބުން އެ ފްލެޓްތަކުގެ ކުލި އިންތިހާއަށް ވަނީ ބޮޑުކޮށްފައި

  • ފްލެޓު ލިބޭނެ ކަމަށް ބުނި ބައެއް މީހުން ލިސްޓުން އުނިވެފައިވުން

އެއާ އެކު، މުއިއްޒު ވައުދުވެވަޑައިގެންނެވީ، އެ ފްލެޓްތަކުގެ ކުލި ދެއްކުމުގައި ލުއިތަކެއް ދެއްވުމަށެވެ.

"އަތްފޯރާ ފަށަށް ވުރެ މާ މަތީގައި މި ހުރީ [ސިފައިންނާއި ފުލުހުންގެ] ފްލެޓްތަކުގެ އަގުތައް. މި ފްލެޓްތައް ލިބުނު ސިފައިންނާއި ފުލުހުންނަށް ލުޔެއް ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއް އަހަރު ދުވަހަށް އެ އަގު ދެއްކުން ލަސްކޮށްލަދޭނަން. [އަދި] އެ ދައްކަން ޖެހޭ އަދަދު ވެސް ބަހާލައިގެން ދެއްކުމުގައި ލުއި ގޮތެއް އިރާދަކުރެއްވިއްޔާ ހަދައިދޭނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ސީނު5

16 ސެޕްޓެމްބަރު 2023
ގައުމު ދަރަނިވެރިޔޭ ގޮވާފަ، ކޮންތާކުންހޭ މީނަގެ ހުރިހާ މޮޅު ވައުދުތަށް ފުއްދަން ލާރި ނެރެނީ؟ ސިފައިންނަށްމިހާރުވެސް ލިބޭ ކުރާމަސައްކަތާ ފެންވަރާބަލާފަ. އެހެންނޫނަސް ފުލުހުންނަށްވުރެ މުހިއްމުމީހުން އެބަތިބި މުސާރަ މޮޑުކުރަން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް