ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ވާހަކަދައްކަވާ އިރު ސަޕޯޓަރުން އަޑުއަހަނީ. (ފޮޓޯ/ޕީޕީއެމް)

ހިޔާ ފްލެޓްތައް

ޔާމީން ނިންމެވި ގޮތަށް ހިޔާ ފްލެޓުގެ ކުލި 5،600 ރުފިޔާއަށް ކުޑަ ކުރާނަން: މުއިއްޒު

މި ސަރުކާރުން މިދިޔަ މެއި މަހު ވަނީ 7 އަހަރަށް މެންޓެއިންނެސް ފީއާ އެކު 6،300ރ. އަށް ހިޔާގެ ކުލި ކުޑަކޮށްފައި
15 ސެޕްޓެމްބަރު 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ކުލި، ޔާމީން އޭރު ނިންމެވި ގޮތަށް، 5،600ރ. އަށް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް ވައުދުވެވަޑައިގެންނެވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި، ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތުގެ ތެރެއިން. (ފޮޓޯ/ ޕީޕީއެމް)

ބުނީ ކީކޭ؟ - "މިތަނުގެ އަގު ރައީސް ޔާމީންގެ ޒައާމަތުގައި ނިންމެވީ 5،600ރ. އަށް [ހަދަން]. ދެން މި ސަރުކާރުން އިންތިހާބާ ދިމާކޮށް އަގު ކުޑަ ކުރާ ވާހަކައެއް ދެއްކި، ކުޑަ ކުރި ކަމެއް ނޭނގޭ،" މުއިއްޒު މިހެން ވިދާޅުވުމާ އެކު އެއްވެ ތިބި މީހުން ސަރުުކާރުން އެކަން ނުކުރާ ކަމަށް ގޮވަން ފެށި އެވެ.

އެއާއެކު، މުއިއްޒު ވިދާޅުވީ، އެހެންވީމަ މި ސަރުކާރުން ހިޔާގެ އަގު ކުޑަކުރާނެ ކަމަށް ބުނުން ވެސް ދިޔައީ "ކަޑަ ޖަހާ އުސޫލުން" ކަމަށެވެ.

އެނގުން މުހިންމު - ހިޔާ މަޝްރޫއު އެއްކޮށް ނިމުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑައެޅީ، މެންޓެއިނެންސް ފީއާ އެކު ހިޔާ ފްލެޓުގެ ކުއްޔަކީ 8،500ރ. ކަމަށެވެ. އޭރު ވެސް އެކަމާ މުއިއްޒު ދެކޮޅު ހެއްދެވި އެވެ.

ނަމަވެސް ކުލި ނުދައްކާ މީހުން ގިނަވެ، ކުލި ބޮޑު ކަމުގެ ޝަކުވާތަކުގެ ސަބަބުން، މިދިޔަ މެއި މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ މެންޓެއިންނެސް ފީއާ އެކު 6،300ރ. އަށް ހިޔާގެ ކުލި ކުޑަކޮށްފަ އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ އަގަށް، 5،600ރ. އަށް، އިރާދަކުރެއްވިއްޔާ ކުލި ކުޑަކޮށްދޭނަމޭ،" މުއިއްޒު ޔަގީންކަން ދެއްވި އެވެ.

'މިއީ ޔޫތު ސިޓީ، އެގޮތުގައި ތަރައްގީ ކޮށްދޭނަން'

ހިޔާ ސަރަހައްދުގައި އެކަށީގެންވާ ހިދުމަތްތައް ލިބޭނެ ގޮތެއް ނެތް ކަން ފާހަގަކުރައްވާ، "ހަނަފަސް ސަހަރާއެއް"ގެ ގޮތުގަައި އޮތް ދެވަނަ ފިޔަވަހި ޔާމީންގެ މާސްޓަޕްލޭނާ އެއްގޮތަށް ތަރައްގީ ކޮށް، ފުރިހަމަ ސަހަރަކަށް ހަދައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ މެދު ސަރުކާރުން މިހާތަނަށް ކަންތައް ކޮށްފައިވާ ގޮތަށް މުއިއްޒު ވަނީ ފާޑުވިދާޅުވެފަ އެވެ.

"މި ފެންނަ ހުރިހާ ޓަވަރެއް ތަޅާލަން މި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ. ދެން އުޅެއުޅެ ތަޅާނުލެވުނީމައި މި ތަންތަން ހަވާލުކުރީ ވަރަށް ވެސް އިހާނެތި ގޮތަކަށް،" ފިނިޝިންގެ މަސައްކަތްތައް ނުނިންމާ ފްލެޓްތައް ދިންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން:

  • އެ ފްލެޓްތަކަށް ވަންނަން އެތަނުގައި ދިރިއުޅޭ އާއިލާތަކުން ކުރަން ޖެހުނު ހަރަދުގެ އެވަރެޖް މުއިއްޒުގެ ސަރުކާރެއްގައި އަނބުރާ ދޭނެ މީގެ ކުރިން ވިދާޅުފައިވާ ވާހަކަ މިއަދު ވެސް ތަކުރާރު ކުރެއްވި

  • މުއިއްޒު އަންދާޒާ ކުރެއްވި ގޮތުގައި އެއީ ކޮންމެ ފްލެޓަކަށް ގާތްގަނޑަކަށް 200،000ރ. 

"އެއީ ރައީސް ޔާމީން ނިންމެވީ އެހެންނޭ އިނގޭތޯ؟ ފަސް ޑިޒައިނެއް ދީފައި، ތިބޭފުޅުން އަތަށް ފަސް ޑިޒައިނެއް ދީފައި، އެޗްޑީސީން ހަދައިދޭ ގޮތަށް އަމިއްލަ ހަރަދުގައި ލޯނެއް ނަގައިގެން،" ހިޔާގެ ފިނިޝިންއާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

ކުލި ކުޑަ ކުރުމުގެ އިތުރުން، ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު އެއް ލިފްޓު ބަހައްޓައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މި ސަހަރު މިއީ އިރާދަކުރެއްވިއްޔާ، މި ތަނަކީ ޔޫތު ސިޓީ. ޔޫތު ސިޓީގެ ގޮތުގައި ތަރައްގީ ކޮށްދިނުން އަޅުގަނޑުމެންގެ ވިސްނުމަކީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް