އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭގައި މިރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަނީ (ފޮޓޯ/ޕީޕީއެމް)
ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިޔަ ހަރަދުން 2 ލައްކަ ރުފިޔާ ދޭނަން: މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނުނިންމާ މި ސަރުކާރުން ހަވާލު ކުރުމުން އާއްމުން ދަރަނިވެރިވެ، ވަރަށް ބޮޑު ތަކުލީފެއް ޖެހުނު ކަމަށާއި އޭނާގެ ވެރިކަމެއްގައި ސަރުކާރުން އެ ހަރަދު ފޫބައްދައިދިނުމަށް ކޮންމެ ފްލެޓް ވެރިޔަކަށް 2 ލައްކަ ރުފިޔާ ދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް ވައުދުވެވަޑައިގެންނެވީ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި، ހުޅުމާލެއަށް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ބައެއް ކަންކަން ހާމަ ކުރައްވަމުންނެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ، އެވްރެޖްގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި، އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް [ޔާމީންގެ ސަރުކާރުގައި ނިންމި ގޮތަށް] އާބަންކޯ އިން ބެއާ ކުރާ ގޮތަށް [ފައިސާ ދައްކާ ގޮތަށް]، މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ [ފްލެޓް ވެެރިންނަށް] ދައްކާ ގޮތަށް ހަދާނަން،" މުއިއްޒު ވިދާޅުވި އެވެ.
ތަފްސީލު - މުއިއްޒު ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓުތަކާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ވަރަށް ބޭކާރު މަޝްރޫއުތަކެއް ކަމަށް މި ސަރުކާރުގެ ވެރިން ސިފަ ކުރައްވާފައިވާ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ "ހޮހަޅެއް" ކަމަށް ބުނެ އަދި ހިޔާ ފްލެޓަކީ ރައްޔިތުން އުޅެން ހެޔޮވަރު ތަނެއް ނޫން ކަމަށް ދައްކައި، އެ ފްލެޓްތައް ތަޅާލަން ވެސް އުޅުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ތަޅާލަން ނިންމި ފްލެޓްތައް ދެ އަހަރު ވަންދެން ބަހައްޓާފައި، ނިންމީ އެ ހުރި ގޮތަށް ދޭން. ދެމުން ވެސް ވިދާޅުވީ، ތި ތަންތަން މީހުން ބޭނުމެއް ނުވާނެއޭ،" ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުންނާ މެދު އެއްވެސް ގޮތަކަށް ނުވިސްނަވާ، ހަތަރު ފާރު ހަވާލު ކުރީ."
ބައެއް ބޭފުޅުން ވަރަށް ލަގްޒޫރިއަސްކޮށް [ފެންވަރު މަތިކޮށް] އެ ތަންތަން ހަދާފައި އެބަހުރި. އެ އެއްކޮށް ކަވާނުވެދާނެ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމަ، އޭރުގައި އަޅުގަނޑުމެން ހެދި ހިސާބަށް ބަލާއިރު، އެވްރެޖްކޮށް 2 ލައްކަ ރުފިޔާ. އެހެންވީމަ އެހާކަށްވަރު ކޮސްޓުން ކަނޑައިދޭނަން.
ފަސްމަންޒަރު - މި ސަރުކާރުން ހިޔާ ފްލެޓްތައް ހަވާލު ކުރީ މުށި ޖެހުމާއި ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުން ފަދަ ކަންކަން ނުކޮށެވެ. އެހެންވެ، އެކަންކަން ކުރުމަށް، ފްލެޓް ލިބުނު ބައެއް މީހުން ބޮޑެތި އަދަދުން ލޯނު ނެގި އެވެ. ޔާމީންގެ ސަރުކާރުގައި އެ ފްލެޓްތައް ހަވާލު ކުރަން ނިންމާފައި އޮތީ، އެ މަސައްކަތްތައް ވެސް ނިންމާފައި ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އޭނާ މިރޭ ވެސް އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ.
"އޭރު ނިންމާފައި އޮތީ ފަސް ޑިޒައިނެއް، ފަސް އޮޕްޝަނެއް ރައްޔިތުންނަށް ދޭ ގޮތަށް. ފިނިޝިންއަށް ދާ 46 މިލިއަން ޑޮލަރުގެ ލޯނު، އޭރު އެޗްޑީސީން ނަގާ ގޮތަށް ހުރިހާ ކަމެއް ނިންމާފައި. ފައިސާ ހަމަޖެހިފައި،" މި ސަރުކާރު އައިސް އެ ލޯނު ދޫކޮށްލީ ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން އެހެން ހެދުމުގެ ސަބަބުން، ފްލެޓް ވެރިންނަށް މަޖުބޫރުވީ އުމުރު ދުވަހު ލިބުނު އާމްދަނީ އެއްކޮށްލައިގެންނާއި ލޯނު ނަގައިގެން ފިނިޝިން ނިންމާށެވެ. އެހެންކަމުން އޭނާގެ ސަރުކާރެއްގައި އެމީހުންނަށް ލުޔެއް ދިނުމަށް ފައިސާ ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެވްރެޖް އަގެއް އިނގޭތޯ. އޭރުގައި ކުރެވުނު ހިސާބަށް ބަލާފައި ހަމަ އެ އަދަދަށް ލޯނެއް އެޗްޑީސީން [އާބަންކޯ] ނަގައިގެން، ރައްޔިތުން އަތުން ދިޔަ އަދަދު އެވްރެޖްކޮށްފައި، ވަކި އަދަދެއް ކަނޑައަޅާފައި، ވަރަށް ސާފުކޮށް މި ދަންނަވަނީ، އެވްރެޖް އަގެއް ދޭނަން އަނބުރާ،" ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއު ހިންގި އިރު އެ ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުުއިއްޒު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ވަރަށް ލަގްޒޫރިއަސްކޮށް [ފެންވަރު މަތިކޮށް] އެ ތަންތަން ހަދާފައިވާ އެބަ ހުރި. އެ އެއްކޮށް ކަވާނުވެދާނެ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމަ، އޭރުގައި އަޅުގަނޑުމެން ހެދި ހިސާބަށް ބަލާއިރު، އެވްރެޖްކޮށް 2 ލައްކަ ރުފިޔާ. އެހެންވީމަ އެހާކަށްވަރު ކޮސްޓުން ކަނޑައިދޭނަން."
އެނގުން މުހިންމު - ހިޔާ ފްލެޓްތަކުގެ އަދަދަކީ، 6،860 އެވެ. އެހެންކަމުން 200،000ރ. ކޮންމެ ފްލެޓަކަށް ދޭ ނަމަ، އެކަމަށް ދައުލަތުން 1.36 ބިލިއަން ރުފިޔާ ދޭން ހަރަދު ކުރަން ޖެހޭނެ އެވެ. އަދި މުއިއްޒު ވިދާޅުވި ގޮތަށް ލޯނެއް ނަގައިގެން އެ ފައިސާ ދޭ ނަމަ، އިންޓްރެސްޓާ އެކު އެއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެ އެވެ.
މިރޭގެ ޖަލްސާގައި އާ ކަމަކަށް މުއިއްޒު ދެން ވައުދުވެވަަޑައިގެންނެވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ފްލެޓްތަކުގެ އިމާރާތް ބަހައްޓާނީ، އެމީހުންނަށް ހާއްސަކޮށްގެން، އެމީހުންނަށް އުޅެން ފަސޭހަވާނެ ގޮތަށް ކަމެވެ. އެއީ، އާންމު މީހުންނަށް އަޅާ ފްލެޓްތަކާ ތަފާތު ފްލެޓްތަކެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގުރުއަތުލައިގެން މިހެން ބަހާލައިގެން ލައްވާލާ ފްލެޓްތަކެއް ނޫން، އެ ފަރާތްތަކަށް ލިބޭނީ. އެކަމަށް ހާއްސަ ކުރެވިފައި ހުންނަ ފްލެޓްތައް އެ އަދަދުގެ ތެރެއިން ކަނޑައެޅިގެން ލިބިގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ޕީޕީއެމް-ޕީއެންސީއާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް މިއަދު އެއްބަސްވެފައިވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެން، ވާހަކަ ދެއްެކެވި އެވެ.
ގާތްގަނޑަކަށް އަށް އަހަރަށް ފަހު ޕީޕީއެމްގެ ޕޯޑިއަމްއަށް އެނބުރި ވަޑައިގެން އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކޮމެންޓް (1)
ދެން!