
މުއިއްޒު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ބޯޅަ އޮތީ ނަޝީދުގެ ކޯޓުގައި، މިއީ ނިޒާމީ ވޯޓުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން: މުއިއްޒު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެކު ޕީޕީއެމް-ޕީއެންސީން ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގައި، ބޯޅަ އޮތީ ނަޝީދުގެ ކޮޅުގައި ކަމަށާއި ނަމަވެސް މިއީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރާ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްންޕީއާ އެކު ކޯލިޝަން ހެދުމަށްޓަކައި މީރުމާ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓު ހޯދި ޑިމެކްރެޓްސް އިން ކޯލިޝަން ހެދުމަށް ހުށަހަޅާ އެއް ހުށަހެޅުމަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު ފެންނަ ގޮތެއް ބެލުމަށް އާއްމު ވޯޓެއް ނެގުމެވެ. އެފަދަ ހުށަހެޅުމަކަށް ޕީޕީއެމް-ޕީއެންސީ އިން އެއްބަސްވާނެތޯ 'ދައުރު' އިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ މިއީ ނިޒާމީ ވޯޓުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ.
"ޑިމޮކްރެޓްްސްގެ ސުވާލަށް އަޅުގަނޑު ކުރުކޮށް ދަންނަވާނީ، ހުރިހާ ފަރާތްތަކާ އެކު ވެސް މަސައްކަތް ކުރަން ގައުމީ ވިސްނުމެއްގައި އަޅުގަނޑުމެން ގޮވާލީ. އެހެންވީމަ، ގައުމީ ވިސްނުމުގައި އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތުތަކާއި އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކުގެ މަތިން، މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު ވެސް މަސައްކަތް، އެ ފުރުސަތު އޮތީ ހުޅުވާލެވިފައި،" މުއިއްޒު ވިދާޅުވި އެވެ.
"ދެން މިއީ، ނިޒާމުގެ ވާހަކައެއް ނޫން، މިއަދު މިއީ، ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކާ ދުވަސް."


ޕީޕީއެމް-ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ޕާޓީއަކާ އެކު މަޝްވަރާ ކުރުން ހުއްޓާނުލާ ކުރިއަށްދާ ކަމަށެވެ. ނަމަވެސް ހުށަހަޅާފައިވާ ޝަރުތުތަކާ ގުޅޭ ގޮތުން މި ދަނޑިވަޅުގައި ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމަކަށް އާދެވުނީމަ، އެކަން [ޝަރުތުުތައް] އެނގޭނީ. ކޮންމެ ބަޔަކު ވެސް އެއްބަސްވުމަކަށް ވާހަކަ ދައްކަންޏާ ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުންނާނެ. އެކަމާ ޖެހޭނީ އިތުރަށް ވާހަކަ ދައްކަން،" ޑިމޮކްރެޓްސްއާ އެކު ކުރާ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަދި އެއްބަސްވުމަކަށް ނާދެވޭ. އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އެއްބަސްވުމަކަށް އާދެވޭނެ."

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް އެއްބަސްނުވެވި، ދެ ފަރާތުން ކުރަމުން އައި މަޝްވަރާތައް މަޑުޖެހުނެވެ. ނަމަވެސް އެ މަޝްވަރާތައް އަލުން މިހާރު ވަނީ ފަށާފަ އެވެ.
-
އިތުރަށް ކިޔާލަން - ޑިމޮކްރެޓްސްގެ ޝަރުތު ބޮޑުވެ، ޕީޕީއެމްއާ ކުރި މަޝްވަރާ ހުއްޓިއްޖެ
ނަޝީދުގެ ޑިމޮކްރެޓްސް އިން ޕީޕިއެމް-ޕީއެންސީއެކު ކޯލިޝަން ހަދާނެ ކަމުގެ ކިހާ ވަރެއްގެ ޔަގީންކަމެއް އެބަ އޮތްތޯ ނޫސްވެރިޔަކު އެހުމުން މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ، އޭނާ ފަށްޓަވައިގެން އުޅުއްވަނީ ގައުމީ މަސައްކަތެއް ކަމަށާއި "ދިވެހީންގެ ރާއްޖެއަށް" ފަށާފައިވާ އެ ދަތުރުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ދަައުވަތު އޮންނާނެ ކަމަށެވެ.
"ބޯލް އިޒް އިން ދެއާ ކޯޓު،" ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާތީ، އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރުމުން މުއިއްޒު ވިދާޅުވި އެވެ.
ކޮމެންޓް (1)
އިނގުނު