
އިންތިހާބުގެ ކުރިން ބޭއްވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
ޑިމޮކްރެޓްސްގެ ޝަރުތުތައް ބޮޑުކަމުން ޕީޕީއެމްއާ އެކު ކުރި މަޝްވަރާތައް ހުއްޓިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި އަދި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ތިން ވަނައަށް ދިޔަ ޑިމޮކްރެޓްސްގެ ފަރާތުން މާ ގިނަ އަދި ބޮޑެތި ޝަރުތުތައް ހުށަހަޅާތީ، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަނެއް ހެދުމާ ގުޅޭ ގޮތުން، މިދިޔަ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދި ޕީޕީއެމް-ޕީއެންސީ އާއި ޑިމޮކްރެޓްސް އިން ކުރިއަށްގެންދިޔަ މަޝްވަރާތައް ހުއްޓިއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. މުއިއްޒުއާ އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 އެވެ. އަދި ތިން ވަނައަށް ދިޔަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބު ހޯއްދެވީ 15،839 ވޯޓެވެ.
ތަފްސީލު - ފުރަތަމަ ބުރު ނިމުމާ އެކު، މި މަހުގެ 30ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރަށް ދިޔަ ޕާޓީތަކުން އަންނަނީ ފުރަތަމަ ބުރުގައި ރިޔާސީ ރޭހުން ބަލިވި ޕާޓީތަކާއި ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރަމުންނެވެ.
އިއްޔެއާ ހަމައަށް ޕީޕީއެމް-ޕީއެންސީ އާއި ޑިމޮކްރެޓްސްއާ ދެމެދު މަޝްވަރާ ކުރި ނަމަވެސް، އެ މަޝްވަރާތައް މިހާރު ހުއްޓުމަކަށް އައިސްފައިވާކަން، ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަދެއްކެވި ދެ ޕާޓީގެ އިސް ބޭފުޅުން ވެސް ވަނީ ކަށަވަރު ކޮށްދެއްްްވާފަ އެވެ.
އޭގެ މައިގަނޑު ސަބަބަކީ، އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ކޯލިޝަނެއް ހެދުމަށް ޑިމޮކްރެޓްސްއިން މާ ބޮޑެތި ޝަރުތުތަކެއް ހުށަހަޅާފައިިވުމެވެ. އެ ޝަރުތުތަކަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:
-
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
-
'އިންޑިއާ އައުޓް' ހަރަކާތް ހުއްޓާލުން ނުވަތަ އެ ހަރަކާތް އެ ނޫން ގޮތަކަށް ކުރިއަށްގެންދިއުން
-
ސަރުކާރުން ބޮޑު ހިއްސާއެއް ދިނުން
ގުޅުން ހުރި ކަމެއް - އެނގިފައިވާ ގޮތުގައި، ޑިމޮކްރެޓްސް އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް ފިޔަވައި ފުރަތަމަ ބުރުން ކެޓި އެހެން ހުރިހާ ކެންޑިޑޭޓުންނާ އެކު ޕީޕީއެމް-ޕީއެންސީއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރެއިން ދެ ވަނަ ބުރުގައި ޕީޕީއެމްއާ ގުޅިގެން ކުރިއަށްދިޔުމަށް އެމްއެންޕީގެ ގައުމީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ ފާސްކޮށްފަ އެވެ.
އެނގުން މުހިންމު - ޕީޕީއެމް-ޕީއެންސީގެ މަޝްވަރާތައް ހުއްޓުމަކަށް އައި ނަމަވެސް، ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ދެ ޕާޓީ ގުޅުމުގެ އުންމީދު އެބަ އޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އިއްޔެ ވިދާޅުވެފައިވެ އެވެ.