އެމްއެންޕީގެ ރިޔާސީ ޓިކެޓް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ވޯޓުން ފެނުނީ އެމްއެންޕީގެ ސައިޒެއް ނޫން: ނާޒިމް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަކީ އެމްއެންޕީގެ މެންބަރުންގެ ހަގީގީ އަދަދެއް ނޫން ކަމަށާއި ވޯޓު މަދުވި ސަބަބު ދިރާސާ ކުރަމުން އަންނަ ކަމަށް، އެ އިންތިހާބުގައި 2،000އެއްހާ ވޯޓު ލިބިވަޑައިގެންނެވި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެންޕީގައި 9،000އެއްހާ މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދެއްކިޔަސް، ނާޒިމަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަތީ، ވަގުތީ ނަތީޖާ ދައްކާ ގޮތުން 1،907 ވޯޓު (%0.86) އެވެ.
ރޭ އެމްއެންޕީ އޮފީހުގައި ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލްގެ ބައްދަލުވުމަށް ފަހު، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވަނީ، އޭނާއަށް އެހާ މަދު އަދަދެއްގެ ވޯޓު ލިބިވަޑައިގެންނެވި ކަމަށް ގަބޫލު ކުރައްވާ ސަބަބު ހާމަކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން އެކެއް ނޫނީ ދޭކަށް އައުމުގެ ފުރުސަތު ކުޑަކަމަށް އަޅުގަނޑުމެން ޕާޓީގެ މެންބަރުންނަށް ފެނުނު ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އެހެންވީމަ، އެ ބޭފުޅުން ވިސްނާފައި އޮތީ، މި ގައުމުގެ މަސްލަހަތު އިސްކޮށްފައި، އެ ބޭފުޅުންނަށް ފެންނަ ފަރާތްތަކަށް ވޯޓު ދީފައި [އޮތީ]،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން އަސްލުގައި އެއީ ކަމަށް މި ޕާޓީގެ ނަންބާސް [މެންބަރުންގެ އަދަދަކީ]."
ތަފްސީލު - 15،000އެއްހާ ވޯޓުގެ ފަރަގަކާ އެކު ރިޔާސީ އިންތިހާބުން ކުރި ހޯއްދެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ އެންމެ ގާތުން، 86،000އެއްހާ ވޯޓާ އެކު ދެވަނަ ހޯއްދެވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.
މުއިއްޒު އާއި ރައީސް ސޯލިހް ވެސް ފުރަތަމަ ބުރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަ އަކީ، މި އިންތިހާބުގައި ހަގީގަތުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ އެ ދެ ބޭފުޅުންނެވެ. އެހެންކަމުން، ދެން ތިބި ހަ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ބޭކާރު ވޯޓަކަށް ވެގެން ދާނެ ކަމަށް އެ ބޭފުޅުން ސިފަކުރެއްވި އެވެ.
ނާޒިމް ގަބޫލު ކުރައްވާ ގޮތުގައި، ގިނަ ރައްޔިތުން ވެސް ވޯޓު ދިނީ އެ ގޮތަށް ވިސްނައިގެން ތިބެ އެވެ.
"ކުރިއަށް އޮތް ތާނގައި އެކަން [އޭނާއަށް ވޯޓު މަދުވުމަށް] ދިމާވި ގޮތް ބަލައި ދިރާސާކުރުމަށް ފަހު، އެއާ ބެހޭ ގޮތުން މީޑިއާއަށް ހާމަ ކުރާނަން،" މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތީ ދާއިރާގެ މަޖިލިސް ގޮނޑިއަށް 2019ގައި ވާދަކުރައްވައިގެން އެ އިންތިހާބު ކާމިޔާބުކުރެއްވި ނާޒިމަށް އެ ދާއިރާއިން މިފަހަރުގެ އިންތިހާބުގައި ލިބިވަޑައިގެންނެވީ 20އަކަށް ވޯޓެވެ. އެގޮތުން:
-
އދ. މާލެ ފޮށި 2: ހަތް ވޯޓު
-
އދ. ދިއްދޫ: ހަ ވޯޓު
-
އދ. ދަނގެތި: ފަސް ވޯޓު
-
އދ. އޮމަދޫ: ފަސް ވޯޓު
-
އދ. މަންދޫ: އެއް ވޯޓު
-
އދ. ދިގުރަށް: އެއްވެސް ވޯޓެއް ނުލިބޭ
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން، ރިޔާސީ އިންތިހާބަށް، ނާޒިމް އާއި އޭނާއާ ގާތް އެހެން މަޖިލިސް މެންބަރުންނާ އެކު އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ޖުލައި 2021ގަ އެވެ. އެ ޕާޓީން އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ވެސް ނާޒިމް އެކަންޏެވެ. އަދި ޕާޓީގެ ރިޔާސީ ޓިކެޓް ވެސް ނާޒިމް ހޯއްދެވީ ޓިކެޓަށް ވާދަކުރައްވާނެ އެހެން ބޭފުޅެއް ނެތުމުންނެވެ.
ގުޅުން ހުރި ކަމެއް - ރޭ ބޭއްވި އެމްއެންޕީގެ ގައުމީ ކައުންސިލުން ނިންމީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް މަޝްވަރާތައް ފެށުމަށެވެ.
އެމްއެންޕީގެ ގައުމީ ކައުންސިލުން އެ ނިންމުން ނިންމިއިރު، އިންތިހާބުގެ ދެ ވަނަ ބުރުގައި އެ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އެމްޑީޕީން ވެސް އޮތީ ދައުވަތު ދީފަ އެވެ.
ޕީޕީއެމް-ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް އެމްއެންޕީގެ ގައުމީ ކައުންސިލުން ރޭ ފާސް ކުރި ނަމަވެސް، އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ޕާޓީގެ އެގްޒެކްޓިވް ކައުންސިލުން ކަމަށް ރޭ ނާޒިމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެމްއެންޕީ އާއި ޕީޕީއެމް-ޕީއެންސީ ގުޅިގެން މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ނޫސްވެރިންނަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.
-
އިތުރަށް ކިޔާލަން - ޕީޕީއެމްއާ އެކު ކުރިއަށް ދާން އެމްއެންޕީން ނިންމައިފި